ވެރިކަމުގެ ތެރެއިން ލިބެންޖެހޭ ހުރިހާ ބާރެއް ލިބިގެންދިޔަ އިރުވެސް، ވެރިކަމަށް ވަޑައިގަންނަވަން ޖޭއެސްސީ އިސްލާހު ކުރައްވާނެކަމަށް ވެފައިވާ ވައުދު ނުފުއްދުމަކީ ދެން މިރާއްޖެއިން އެންމެ ގޮޑިއެއްވެސް ދޭންޖެހޭ އެމްޑީޕީއަށް ނުދޭންވީ އެންމެބޮޑު ސަބަބުކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އަންނަމަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ މޫސާ ފަތުހީގެ ކެމްޕެއިން ޖަލްސާގައި މިރޭ ފޯކައިދޫގައި ވާހަކަ ދައްކަވަމުން ޑރ.ޖަމީލް ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލަވާލެވިފައިވާ ގޮތާއި ހިތްހަމަ ނުޖެހި އެތަން އިސްލާހު ކުރުމަކީ މިސަރުކާރުން ރައްޔިތުންނަށްް ވެފައިވާ ވައުދެއްކަމަށެވެ. ކޮންމެ އިންތިޚާބަކާއި ދިމާކޮށް އަނެއްކާވެސް ވައުދުތައް ވަމުންދާއިރު ރައްޔިތުން މިއަދު ކޮށްލަންވީ ސުވާލަކީ މިސުވާލުތައްކަމަށް ޖަމީލް ވިދާޅުވިއެވެ.
މަޖިލީހުގެ 65 މެމްބަރުން ދިނުމުންވެސް ޖުޑީޝަރީ އިސްލާހު ނުކުރެވުނުކަމަށް ޖަމީލް ވިދާޅުވިއެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދިނުމުން، މަޖިލީހުން ކުރަމުންދާ މަސައްކަތަކީ ވެރިކަމުގެ ޖާހަތު ބޮޑު ކުރުމަށް ކުރާ މަސައްކަތް ކަމުގައެވެ. މަޖިލީހަކީ މިއަދު ހުކުމްކުރާ ތަނަކަށް ވެފައިވާއިރު، އެތަނުގެ ކަރާމަތާއި އިސްޒަތްވެސް ނިގުޅައިގަނެފައިވާކަމަށެވެ.

މިއަދު ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަން ނިގުޅައި ގަންނަނީ މިސަރުކާރުން ކަމަށާއި، ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލީ އެމްޑީޕީންކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ އިސްލާހު ކުރަންކަމަށް ވިދާޅުވެ ރައްޔިތުން ހުރިހާ ބާރެއް ދިނުމުން ވެފައިވަނީ ޚިޔާނާތްކަމަށެވެ. ކުރިންވެެސް ކަންތައް ކުރެއްވި ގޮތަށް މިފަހަރުވެސް ރައްޔިތުންނަށް އޮޅުވާލުން ފިޔަވައި ކުރި އެހެން މަސައްކަތެއް ނެތްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
ޖުޑީޝަރީ އިސްލާހު ކުރުން ލަސްވުމާއި ގުޅޭގޮތުން މިދިޔަ އަހަރު މަޖިލީޙުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، މިސަރުކާރުގެ ވަޢުދާއެއްގޮތަށް މިފަސް އަހަރު ނިމުމުގެ ކުރިން އެކަން ކުރައްވާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގެ ޝަރުޢީ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވެފައިވާކަމަށާއި، ފަނޑިޔާރުން ޝަރީޢަތްތައް ކުރިއަށް ގެންދިއުންވެސް ރަނގަޅުވެފައިވާކަމަށެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން ނުވަތަ އެކުލެވިގެންވާގޮތް ބަދަލުކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ. ޤާނޫނު އަސާސީގައި ބުނާގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެން ވާނީ، މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރުންގެ މައްޗަށް އެކުލެވޭ 10 މެންބަރުންގެ މައްޗަށެވެ.
ކޮމެންޓު ފޮނުވާ