ރަޝިއާގެ ރައިސް ލާޑިމިރު ޕުޓިން

ސެކިއުރިޓީ ޑިމާންޑްތަކަށް ހުޅަނގުން އިޖާބައެއް ނުދިން: ރަޝިއާ

ސެކިއުރިޓީ ޑިމާންޑްތަކަށް ހުޅަނގުން އިޖާބައެއް ނުދިން: ރަޝިއާ

އިރުމަތީ ޔޫރަޕަށާއި ނޭޓޯ ފުޅާވަމުންދާ ދިއުމާއި، އަދި ޔޫކްރެއިން ނޭޓޯގެ ގައުމެއްގެ ގޮތުގައި ނުހިމެނުމަށް ގޮވާލާ ނޭޓޯއާއި އެމެރިކާގެ ކިބައިން ރަޝިއާއިން ޑިމާންޑް ކޮށްފައިވާ ސެކިއުރިޓީގެ ހުށަހެޅުންތަކަށް އެމެރިކާއާއި ނޭޓޯއިން އިޖާބަ ދީފައި ނުވާކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އަރާ އެގައުމު ހިފާފާނެކަމުގެ ބިރު ހީވެފައިވަނިކޮށް، އެމެރިކާއާއި އަދި ނޭޓޯއާއިއެކު ރަޝިއާއިން ބޭއްވި ޑިޕްލޮމެޓިކް މަޝްވަރާތަކަށްފަހު އެގައުމުން ޑިމާންޑް ކުރާ ކަންކަމަށް ލިޔުމުން ޖަވާބު ދިނުމަށް ފާއިތުވެދިޔަ ހަފްތާގައި ރަޝިއާއިންވަނީ އެދިފައެވެ.

އަދި ރަޝިއާގެ މިއެދުމާއި އެއްގޮތަށް، އެމެރިކާއިންވަނީ، މޮސްކޯގައި ހުންނަވާ އެމެރިކާގެ ސަފީރު މެދުވެރިކޮށް ބުދަ ދުވަހު ލިޔުމުން ޖަވާބު އަރުވާފައެވެ.

"އަހަރެމެން ކަންބޮޑުވުން ފާޅު ކޮށްފައިވާ މައިގަޑު އެންމެ މުހިންމު ކަންކަމަށަ އެދެވޭ ޖަވާބެއް ދީަފައެއް ނުވޭ،" ރަޝިއާގެ ފޮރިންގ މިނިސްޓަރ ސާގޭ ލަވްރޯވް މޮސްކޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ. "އެންމެ މުހިންމު ކަމަކީ އިރުމަށްޗަށް ނޭޓޯ ފުޅާ ކުރަމުން ދިއުމާއި، އަދި ރަޝިއަން ފެޑެރޭޝަނުގެ ސަރަހައްދުތަކަށް ހަމަލާ ދެވޭ ހިސާބުގައި ގާއިމްކުރަމުންދާ ހަތިޔާރުތަކުގެ މައްސަލަ."

ރަޝިއާއިން ޔޫކްރެއިން ބޯޑަރު ކައިރިއަށް ބަރުހަތިޔާރާއެކު އެތައް ހާސް ސިފައިންނެއް ޖަމާކުރުމާއި ގުޅުގެން، ސޯވިއެޓް ޔޫނިއެންގައި ހިމެނުނު ދެގައުމު ކަމުގައި ޔޫކްރެއިންއާއި ރަޝިއާއި ދެމެދު މިއިން ޒަމާނަކު އުދާސްތައް އުފެދިފައި ނުވާ މިންވަރަށް ވަނީ އުދާސްތައް އުފެދިގެން ގޮސްފައެވެ.

ޔޫކްރެއިންއަށް އަރާ އެގައުމު ހިފުމަށް ރަޝިއާއިން އެއްވެސް ޕްލޭނެއް ކޮށްފައި ނުވާކަމަށް އެގައުމުން ބުނަމުން އައި ނަަމެވެސް، ނޭޓޯއިން ޔޫކްރެއިންއަށް ތަމްރީނާއި ހަތިޔާރުގެ ގޮތުން ފޯރުކޮށް ދެމުންދާ އެހީތެރިކަމަކީ ރަޝިއާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައި އެގައުމުން ވަނީ ބުނެފައެވެ.

ރަޝިއާގެ ފޮރިންގ މިނިސްޓަރ ލަވްރޯވް ވިދާޅުވި ގޮތުގައި، އޯގަނައިޒޭޝަން ފޯރ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (OSCE)ގެ އޮނިގަޑުގެ ތެރެއިން، ރަޝިއާގެ ސަލާމަތަށް ނުރައްކާވާގޮތަށް ނޭޓޯ ފުޅާ ނުކުރުމަށް އެމެރިކާއާއި ނޭޓޯއިން އެއްބަސް ވެފައިވާ ކަމަށެވެ.

ރަޝިއާއިން ޑިމާންޑް ކޮށްފައިވާ ސެކިއުރީގެ ގެރެންޓީއާއި ގުޅިގެން އެމެރިކާ އަދި ނޭޓޯއިން ޖަވާބުދާރީ ވުމާއި ގުޅިގެން މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ޔޫކްރެއިންގެ މައްސަލާގައި ގިނަބަޔަކު މިހާރު އިންތިޒާރު ކުރަމުން ދަނީ، ހުޅަގުގެ ބާރުތަކުގެ ހުށަހެޅުންތައް ދިރާސާ ކުރުމަށްފަހު ރަޝިއާއިން ދެން އަމަލުކުރާނެ ގޮތަކަށެވެ.

ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން، ކުރީގެ ސޯވިއެއްޓް ޔޫނިއަންގެ ގައުމެއް ކަމުގައިވާ ޔޫކްރެއިންގެ ބޯޑަރު ކައިރިއަށް އެތައްހާސް ސިފައިނާއި ބަރު ހަތިޔާރު ޖަމާކުރުމަށްފަހު، ރަޝިއާއިން ޑިމާންޑް ކޮށްފައިވަނީ، ނޭޓޯއިން އެޖަމާއަތުގެ ސިފައިންނާއި އަދި ހަތިޔާރު އިރުމަތީ ޔޫރަޕްގެ ސަރަހައްދުން ދުރަށް ޖެއްސުމަށާއި އަދި އޭގެ އިތުރުން ރަޝިއާއާއި އިންވެގެން އޮތް ޔޫކްރެއިން އަކީ ދުވަހަކުވެސް ނޭޓޯގެ މެމްބަރަކަށް ނުވެވޭނެ ކަމުގައި ޔަގީންކަން ދިނުމަށެވެ.

އެހެންނަމަވެސް، ރަޝިއާގެ މި ޑިމާންޑްތަކަށް، މޮސްކޯގައި ހުންނަވާ އެމެރިކާގެ ސަފީރު މެދުވެރިކޮށް ބުދަ ދުވަހު ލިޔުމުން އެރުވި ޖަވާބުގައި ވާނެކަމަށް އެމެރިކާއިން ބުނެފައިވަނީ، ނޭޓޯއަށް ވަނުމަށް ހުރިހާ ގައުމަކަށް ފުރުސަތު ހުޅުވާފައި އޮންނަ ސިޔާސަތަށް އެގައުމުން ތާޢީދު ކުރާނެކަން ކަމުގައެވެ.

އެޓްލާންޓިކް ސަރަހައްދު ހުރަސްކޮށް ފުޅާވަމުންދާ، ސަލާމަތާއި ގުޅުންހުރި އިއްތިހާދު، ނޭޓޯ އިތުރަށް ފުޅާވެގެން ދިޔަ ނުދިނުމަށް ރަޝިއާއިން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެގެން ގޮސްފައިވާކަމަށް ބެލެވުނުނަމަވެސް، އެމެރިކާއިން ބުނެފައިވަނީ، މޮސްކޯގެ ކަންބޮޑުވުންތަކަށް ޑިޕްލޮމެޓިކް ހައްލު ހޯދުމުގެ ގޮތުން ހަތިޔާރުތައް މަދުކުރުމާއި އަދި އިތުބާރު އުފެއްދުމަށްޓަކާ އިތުރަށް މަޝްވަރާކުރުމަށް ތައްޔާރަށް އޮތް ކަމުގައެވެ.

ޔޫކުރެއިންގެ ބޯޑަރު ކަރިއަށް ރަޝިއާގެ އެތައް ހާސް ސިފައިންނެއް ޖަމާކުރަމުން ދިއުމާ ގުޅިގެން، ރަޝިއާއިން ޔޫކުރެއިންއަށް އެރުމަށް ރާވަމުންދާ ކަމުގެ ކަންބޮޑުވުން ހުޅަގުގެ ގައުމުތަކުގެ މެދުގައި އުފެދިގެން ގޮސްފައި ވާއިރު، އެމެރިކާއިންވަނީ، ރަޝިއާއިން ޔޫކްރެއިންއަށް އަރައިފިނަމަ، ހީވެސް ނުކުރާވަރުގެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅު އެގައުމާ ދެކޮޅަށް އަޅާނެކަމުގެ އިންޒާރު ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *