އޮމިކްރޮންއަށް ޚާއްސަ ވެކްސިންގެ ތަހުލީލީ މަރުހަލާ ފައިޒަރ، ބައޯއެންޓެކްއިން ފަށައިފި

އޮމިކްރޮންއަށް ޚާއްސަ ވެކްސިންގެ ތަހުލީލީ މަރުހަލާ ފައިޒަރ، ބައޯއެންޓެކްއިން ފަށައިފި

އޮމިކްރޮން ވޭރިއެންޓަށް ޚާއްސަ ކޯވިޑް19 ވެކްސިންގެ ކުލިނިކަލް ޓްރައަލްތައް، ދުނިޔޭގައި ކޯވިޑް19 ވެކްސިން އެންމެ ފުރަތަމަ އީޖާދު ކުރި ދެ ކުންފުނި ކަމުގައިވާ ފައިޒަރ އެންޑް ބައޮއެންޓެކްއިން މިއަދު ފަށާފައިވާ ކަން، މި ދެކުންފުނިން ހާމަ ކޮށްފިއެވެ.

ފައިޒަރ އެންޑް ބައޯއެންޓެކްއިން ކުރިޔަށް ގެންދާ މި ތަހުލީލުގައި މި ވެކްސިންގެ ރައްކާތެރި ކަމާއި، އަދި ވެކްސިންއިން އޮމިކްރޮން ވޭރިއެންޓާއި ދެކޮޅަށް ދޭ ފުރަތަމަ ވެކްސިނެއްގެ ގޮތުގައާއި އަދި ބޫސްޓަރ ޑޯޒްއެއްގެ ގޮތުންވެސް ފޯރު ކޮށްދޭނެ ދިފާއުގެ މިންވަރު ދެނެގަތުންވެސް ހިމެނެއެވެ. މިގޮތުން މި ތަހުލީލުތަކުގައި ރަގަޅު ސިއްހަތެއްގައި ތިބި 1،420 މީހުން ބައިވެރި ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ފައިޒަރ ބައޯއެންޓެކްއިން ހާމަ ކޮށްފައިވާ ގޮތުގައި މި ތަހުލީލު ކުރިޔަށް ދަނީ ތިން ގުރޫޕަކަށް ބަހާލެވިގެންނެވެ. މިގޮތުން ފުރަތަމަ ގުރޫޕުގައި ހިމެނޭ މީހުންނަށް މިހާރުވެސް ބޭނުން ކުރެވެމުންދާ ކޯވިޑް19 ފައިޒަރ ވެކްސިންގެ ދެ ޑޯޒު ދީފައިވަނީ ދިރާސާ ފެށުމުގެ 90 ދުވަހާއި 180 ދުވަހާއި ދެމެދުގެ ކުރީގެ މުއްދަތެއްގައެވެ. އަދި މި ގުރޫޕަށް ދިނުމަށް ހަމަޖެހިފައިވަނީ އޮމިކްރޮންއަށް ޚާއްސަ އެކެއް ނުވަތަ ދެ ޑޯޒްގެ ވެކްސިނެވެ.

ތަހުލީލުގައި ބައިވެރިވާ ދެވަނަ ގުރޫޕުގެ ބައިވެރިންނަށް ދީފައިވަނީ، ދިރާސާ ފެށުމުގެ 90 ދުވަހާއި 180 ދުވަހާއި ދެމެދުގެ ކުރީގެ މުއްދަތެއްގައި މިހާރުވެސް ބޭނުން ކުރެވެމުންދާ ފައިޒަރ ކޯވިޑް19 ވެކްސިންގެ 3 ޑޯޒެވެ. މި ގުރޫޕުގެ ބައިވެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ މިހާރު ބޭނުން ކުރެވެމުންދާ ފައިޒަރ ވެކްސިންގެ ނުވަތަ އޮމިކްރޮންއަށް ޚާއްސަ ވެކްސިން އެއް ޑޯޒެވެ.

މި ތަހުލީލުގައި ބައިވެރިވާ 3ވަނަ ގުރޫޕްގެ މީހުންނަށް މިހާރު ބޭނުން ކުރެވެމުންދާ ކޯވިޑް19 ފައިޒަރ ވެކްސިންގެ އެންމެ ޑޯޒެއްވެސް ދެވިފައި ނުވާއިރު، އޮމިކްރޮންއަށް ޚާއްސަ ވެކްސިންގެ 3 ޑޯޒް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފައިޒަރ ކުންފުނީގެ ސީއީއޯ އަލްބާރޓް ބޯލާ ފާއިތުވެދިޔަ ޑިސެމްބަރުމަހު ވިދާޅުވެފައިވާ ގޮތުގައި، އޮމިކްރޮން ވޭރިއެންޓާއި ދެކޮޅަށް މުޅިން އާ ވެކްސިނެއް ބޭނުންވާނަމަ، އެ ވެކްސިން މިއަހަރުގެ މާރޗްމަސް އަންނަން ވާއިރަށް އެކުންފުނިން އުފައްދާނެއެވެ.

އެހެންނަމަވެސް ފައިޒަރ ކުންފުނީގެ ތަރުޖަމާން ވަނީ އޭރުވެސް އެ ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށާފައި ވާކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *