ދާންދޫ ކައުންސިލްގެ ރައީސަށް ދައުވާ ނުކުރަން ނިންމައިފި

ދާންދޫ ކައުންސިލްގެ ރައީސަށް ދައުވާ ނުކުރަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
25 ޖެނުއަރީ 2022 02:31
0

ގއ. ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު، އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ލީކްކުރި ކަމަށް ތުހުމަތުކުރި މައްސަލައިގައި ހެކި ނެތިގެން އޭނާގެ މައްސަލަ ފައިލްކުރަން ފުލުހުން ނިންމައިފިއެވެ.

އާސިފަށް ތުހުމަތުކުރުމަށްފަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިދިޔަ އޯގަސްޓް މަހުގެ 10 ދުވަހުގެ ރޭ އޭނާގެ ފޯން އަތުލާފައެވެ. ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ބަލައި ފާސްކުރަން އުޅުނީ އާސިފްގެ އާއިލީ މީހެއްގެ ގެއެވެ.

އާސިފްގެ ވަކީލު އަދި ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވިދާޅުވީ ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ފުލުހުން އާސިފްއާ ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފޯނުންވެސް އެއްވެސް ހެއްކެއް ފުލުހުންނަށް ހޯދިފައިނުވާތީވެ އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމާއި މައްސަލަ ފައިލްކޮށްފައިވާ ކަމަށް މުހުތާޒް ވިދާޅުވިއެވެ.

ދައުލަތުގެ ސިއްރު ބޭޒާރު ކުރި މައްސަލާގައި ދައުވާކުރެވޭ ވަރަށް އެކަށީގެންވާވަރަށް ހެކި ނެތިގެން މައްސަލ ފައިލް ކުރިކަން މިދިޔަ ޑިސެމްބަރު މަހު ފުލުހުން ވަނީ އޭނާއަށް ލިޔުމުން އަންގާފައެވެ. މުހުތާޒު ވިދާޅުވީ ރައްޔިތުންގެ އިންތިހާބު ކޮށްފައިވާ މީހަކަށް ސިޔާސީ ނުފޫޒުން އެ ފަދަ ތުހުމަތަކެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އާސިފަށް ތުހުމަތުކުރި މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުންގެ އިދާރާ އިން މިމަހުގެ 20 ވަނަ ދުވަހު އޭނާ އަށް ފޮނުވި މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައިވަނީ ތުހުމަތުކުރެވުނު މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.