ކޯވިޑް19 ވެގެން ގޮސްފައިވަނީ ފާއިތިވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިލާން ޖެހުނު އެންމެ ނުރައްކާތެރި އާލަމީ ވަބާއެވެ. އަދި މި ވަބާގެ ނުރައްކާތެރިކަމާ ދުނިޔެއަށް ކުރިމަތިލާން ޖެހި، ގައުމުތަކުގެ އިގުތިސާދުތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، ކުޑައެއް ބޮޑެއް ނެތި، މުއްސަންޖެއް ނިކަމެއްޗެއް ތަފާތު ވުމެއްނެތި، މުޅި ދުނިޔެ ދަނީ މިބައްޔާއި ހަގުރާމަ ކުރަމުންނެވެ.
ހަމަ އެއާއެކު، މުޅި ދުނިޔެ ކޯވިޑް19 އާއި ކުރަމުންދާ ހަގުރާމަ 2 އަހަރާއި ގާތަށް ދަތުރު ކޮށްފައިވާއިރު، ކޯވިޑް19 ވައިރަސް ދަނީ އޭގެ އެކި ބާވަތްތަކުން ވުޖޫދުވެ، ތަފާތު ވޭރިއެންޓްތަކުން ކުރިމަތި ކުރުވަމުންދާ ނުރައްކާތައްވެސް މެދުކެޑުމެއްނެތި ދުނިޔެއަށް ކުރިމަތި ކުރުވަމުންނެވެ.
ކޯވިޑް19ގެ މިވަގުތުގެ ހާލަތަށް ބަލާއިރު، މި ވައިރަހުގެ އޮމިކްރިނ ވޭރިއެންޓް ދަނީ، ހިފެހެއްޓުމެއް ނެތި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރަށް ފެތުރެމުންނެވެ. އަދި ވަކި ގައުމެއް ތަފާތު ވުމެއް ނެތި، އޮމިކްރޮން ވޭރިއެންޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ގިނަ ގައުމުތަކަކަށް މިއަދު ގަބޫލުކުރަން ޖެހިފައޮތް އެއް ހަގީގަތަކީ، ކުރިޔަށް އޮތް ތަނުގައި، މިވައިރަހާއެކު ދިރިއުޅުން ނޫންގޮތެއް ނެތްކަމެވެ. އަދި ވައިރަހާއި ދެކޮޅަށް އެކުލަވާލާފައިވާ އެސްއޯޕީތަކާއި، ގައިޑްލައންތަކާއި އަދި އެނޫނަސް އުސޫލުތަކަށް ބަދަލުގެނެސް، މިއީ އާދައިގެ ބައްޔެއްކަމުގައި ބަލައިގަންނަން އުދަގޫވި ނަމަވެސް، އާންމު ދިރިޅުމަށް އުދަގޫވާނޭ އުސޫލުން ފިޔަވަޅުތައް ނާޅާ އެހެންނަމަވެސް ފަރުވާ ދޭނެ ނިޒާމުތައް ވަރުގަދަ ކޮށް، ބައްޔާއިއެކު ދިރިއުޅުން މިއީ ދެން އޮތް ހަމައެކަނި ހައްލު ކަމުގައި ބަލައިގަންނަން މިއަދު ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް މިވަނީ މަޖުބޫރުވެފައެވެ.

ސިންގަޕޫރު މޮޑެލް!
ކޯވިޑް19ގެ އާލަމީވަބާއަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާއަކަށް ވި ނަމަވެސް، ފާއިތުވެދިޔަ އަހަރު އާންމު ވެގެންދިޔަ ޑެލްޓާ ވޭރިއެންޓުން ވަކީން ޚާއްސަކޮށް ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރިމަތި ކުރުވި ގޮންޖެހުންތައް ބޮޑެވެ. މިގޮތުން ޑެލްޓާ ވޭރިއެންޓަކީ މިހާތަނަށް އާންމު ވެގެންދިޔަ މިވައިރަހުގެ އެންމެ ނުރައްކާތެރި ވޭރިއެންޓަށް ވެފައި، ފާއިތުވެދިޔަ އަހަރުގެ ކުރީކޮޅު މިވޭރިއެންޓުގެ ރާޅު ބިންދާލާ، ދެކުނު އޭޝިއާގެ ގައުމުތަކުގެ ސިއްޙީ ނިޒާމުތައް އިދަޖެހިގެން ދިއުމާގާތަށް ގޮންޖެހުންތައް ކުރިމަތި ކުރުވިއެވެ.
އަދި އޭރު ކޯވިޑް19ގެ ޑެލްޓާ ވޭރިއެންޓް އާދަޔާ ޚިލާފަށް ދުނިޔޭގައި ފެތުރެން ފެށުމާއެކު، ކޮވިޑާއި އެކީ ދިރިއުޅުން ނޫންގޮތެއް ނެތްކަން ބަލައިގަނެ، ކޯވިޑްގެ ދިރިއުޅުމަކަަށް ރުޖޫޢަވުމުގެ މޮޑެލްއެއް އެކުލަވާލާ، އިންތިގާލީ މަރުހަލާއެއްގެ ތެރެއިން އާ ދިއިރުޅުމަކަށް ދިއުމުގެ މަސައްކަތް ފެށި އެއް ގައުމަކީ ސިންގަޕޯރއެވެ.
މިގޮތުން ސިންގަޕޯރގެ ކޯވިޑް ޓާސްކް ފޯހުގެ 3 މެމްބަރަކު އެކުލަވާލެއްވި ރޯޑްމެޕްގައި ހިމެނޭ އެންމެ ފުރަތަމަ އެއް ފިޔަވަޅަކަށް ވެގެން ދިޔައީ، ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ލޮކްޑައުންތަކަށް ވަރަށް ބޮޑުތަނުން ލުއިދެމުން ދިއުމާއި، ކޮންޓެކްޓް ޓްރޭސިން ނިމުމަކަށް ގެންނަމުން ދިއުމާއި، ކަރަންޓީން ވުމާއި ނުލާ އެގައުމަށް ދަތުރު ކުރުމުގެ ފުރުސަރު ދެމުން ދިއުމާއި، އަދި އޭގެ އިތުރުން އެއްތަނަކަށް އެއްވެވޭ މީހުންގެ އަދަދު އިތުރު ކުރަމުން ދިއުމެވެ.
ކޮވިޑާއިއެކު އާންމު ދިރިއުޅުމަކަށް ރުޖޫޢަވުމަށްޓަކާ ސިންގަޕޯރ ސަރުކާރުން، އިންތިގާލީ މަރުހަލާއެއްގެ ތެރެއިން ގެންނަން ފެށި މި ބަދަލުތަކަކީ، ދުނިޔޭގެ ގިނަ ގައުމުތަކުންނާއި ބައްރުތަކުން ބަލައިގެންފަ އޮތް "ޒީރޯ ޓްރާންސްމިޝަން" (އެކަކު ގައިން އަނެކަކު ގަޔަށް ވައިރަސް ފެތުރުމުގެ ފުރުސަތު ނުދިނުމުގެ) މޮޑެލްއާއި ދުރަށް ދިއުމުގެ ގޮތުން ތަންފީޒު ކުރަންފެށި ސިޔާސަތެކެވެ. "ޒީރޯ ޓްރާންސްމިޝަން" މޮޑެލްއަކީ، އޭޝިއާގެ ވިޔަފާރީގެ މައި މަރުކަޒެއް ކަމުގައިވާ ހޮންކޮންގ ފަދަ ބައެއް ސިޓީތަކުން ކޯވިޑް ފެތުރިގެން ދިޔަ ނުދިނުމަށް ތަންފީޒުކުރި ވަރަށް ކާމިޔާބު މޮޑެލްއެއްގެ ގޮތުގައި ބެލެވިފައި ވެއެވެ.
އެހެންނަމަވެސް "ޒީރޯ ޓްރާންސްމިޝަން" މޮޑެލްއަކީ، ހަރުކަށި ކަރަންޓީންގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މޮޑެލްއަކަށް ވާތީ، ސިންގަޕޯރ ސަރުކާރުން ދެކެފައިވަނީ، ވައިރަސް އާދަޔާ ޚިލާފަށް ބާރަށް ފެތުރެން ފެށުމާއެކު، މިއީ މިހާލަތުގައި އެއަށް ބަރޯސާ ވެވިދާނެ މޮޑެލްއެއް ނޫން ކަމުގައެވެ. އަމުދުން މިއީ، ކޯވިޑް ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުންދާ ސްޕީޑަށް ބަލާއިރު، މި ވައިރަހާއި ދެކޮޅަށް ހަގުރާމަ ކުރުމުގައި ދެމެހެއްޓިވި މޮޑެލްއެއްގެ ގޮތުގައިވެސް ސިންގަޕޯރގެ ކޯވިޑް ޓާސްކްފޯހުގައި ތިއްބަވާ ތަޖުރިބާކާރުން ގަބޫލެއް ނުކުރައްވައެވެ.

ސަބަބަކީ، "ޒީރޯ ޓްރާންސްމިޝަން" މޮޑެގައި ދެމި ތިބުމުން ގުރުބާން ކުރަންޖެހޭ އިގްތިސާދީ ފުރުސަތުތަކާއި، އިންސާނުންގެ ދިރިއުޅުމާއި ކުރިމަތި ލާންޖެހޭ އެކަހެރިކަމާއި، ދައްޗާއި އުދަގުލަކީ، އާ ވޭރިއެންޓްތަކުގެ ޒަރީއާއިން ވައިރަހަށް ލިބިގެން ގޮސްފައިވާ ގާބިލްކަމާ އަޅާ ކިޔާލުމުން، އެ މޮޑެލްއިން ނެރެވެން އޮތް ފައިދާ ކުޑަ އަދި ވާންޖެހޭ ގުރުބާނީގެ އަގުބޮޑު މޮޑެލްއަކަށް ވާތީއެވެ.
"ހިތާމަވެރި ޚަބަރަކީ، ކޯވިޑް19 އަވަސް މުސްތަގުބަލެއްގައި ފިލައިގެން ނުގޮސްފާނެކަން. އުފާވެރި ޚަބަރަކީ، މި އާލަމީ ވަބާގެ ތެރޭގައިވެސް އާންމު ދިރިއުޅުމެއް އުޅެވެން އޮތްކަން،" ސިންގަޕޯރގެ ޓްރޭޑް މިނިސްޓަރ ގަން ކިމް ޔޮންގ އާއި، ފިނޭންސް މިނިސްޓަރ ލޯރެންސް ވިންގ އާއި ހެލްތު މިނިސްޓަރ އޮން ޔޭ ކުން، މީޑިއާތަކަށް ދެއްވާފައިވާ ސްޓޭޓްމަންޓްތަކުގައި ވިދާޅުވެފައި ވެއެވެ.
"އަހަރެމެންނަށް މި ޕެންޑަމިކް، ނުރައްކާތެރިކަން ކުޑަ، އިންފްލުއެންޒާ ފަދަ، ހޭންޑް، ފުޓް އެންޑް މައުތު ބަލި ފަދަ، ނުވަތަ ޗިކެން ޕޮކްސް ފަދަ ބައްޔެއްގެ ކާރިސާގެ ހާލަތަށް ބަދަލު ކުރެވިދާނެ."
ކޯވިޑާއި އެކީ ދިރިއުޅުމުގެ އާންމު ސިޔާސަތެއް އެކުލަވާލާ، އަދި އިންތިގާލީ މަރުހަލާއެއްގެ ތެރެއިން ދަތުރުކޮށް ކޯވިޑް19އަކީ، ޚާއްސަ އުސޫލަކުން ނަމަވެސް، އާންމު ރޯގައެއް ކަމުގައި ބަލައިގަތުމާއި ހަމައަށް ދަތުރު ކުުރުމަށް އެކުލަވާލާފައިވާ މަގުޗާޓުގައި ހިމެނޭ އެންމެ މުހިން އެއް ކަމަކަށް ވެގެން ގޮސްފައިވަނީ، މުޅި އާބާދީއަށް ވެކްސިން ޖަހާ އަދި ބޫސްޓަރ ޑޯޒްވެސް ޖަހާ ނިންމުމެވެ.
ސަބަބަކީ، ވެކްސިން ޖަހާފައި ތިބޭ މީހުންނަށް ދެވަނަ ފަހަރަށް ބަލި ޖެހުނު ނަމަވެސް، ވެކްސިނަކީ ބަލިން ރައްކާތެރި ކޮށްދޭ ނުވަތަ ހާލަތު ގޯސް ކޮށްދިނުމުން ސަލާމަތް ކޮށްދޭ ވަސީލަތަކަށް ވެގެން ގޮސްފައިވާތީއެވެ.
މީގެ އިތުރުން، ސިންގަޕޯރގެ އާބާދީގެ ބޮޑު ބަޔަކަށް ބޫސްޓަރ ޑޯޒް ޖެހުމަށްފަހު، އިންފުލުއެންޒާ ޖެހޭ މީހުންގެ ރެކޯޑް އެގައުމުގެ ސިއްޙީ އިދާރާތަކުން ބަލަހައްޓަމުންދާ ފަދައިން، ކޯވިޑް19އަށް ޕޮޒިޓިވްވެ ހާލު ދެރަވާ މީހުންނާއި، އައިސީޔޫގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭންމީހުންގެ ރެކޯޑްތައް ބެލެހެއްޓުމުގެ އިތުރުން، ދެން ޕޮޒިޓިވްވާ މީހުން ގޭގައި ތިބެގެން ފަރުވާ ހޯދުމުގެ އުސޫލަށް އެކީ ރުޖޫޢަވުން ރޯޑް މެޕްގައި ހިމެނެއެވެ.
އަދި މި ސިޔާސަތާއިއެކު، މުސްތަގުބަލުގައި އަލަށް ވުޖޫދުވަމުންދާ ވޭރިއެންޓްތަކުން ރައްކާތެރިކަން ހޯދުމަށް "މަލްޓި ލޭޔަރ ވެކްސިނޭޝަން ޕްރޮގްރާމް" (ތަކުރާރުކޮށް ވެކްސިން ޖެހުމަށް ހިންގޭ ޕްރޮގްރާމް) ކުރިޔަށް ގެންދިއުމަށްވެސް ސިންގަޕޯރ ސަރުކާރުންވަނީ ނިންމާފައެވެ.
އަދި އޭގެ އިތުރުން، އާންމު ދިރި އުޅުމަކަށް ރުޖޫޢަވުމަށް ސިންގަޕޯރ ސަރުކާރުން އެކުލަވާ ލާފައިވާ އުސޫލްތަކުގެ ތެރޭގައި ހިމެނެނީ، ޓެސްޓު ކުރުމާއި ސާރވެއިލެންސްގެ ބޭނުންތެރިކަން އޮތް ނަމަވެސް، ޓެސްޓް ކުރުމަކީ ވަކީ ހާލަތްތަކެއްގައި އެކަނި ކުރާ ކަމެއްގެ ގޮތުގައި ކަޑައެޅުމެވެ. މިފަދަ ބައެއް ހާލަތްތަަކަކީ، ބޮޑެތި އެއްވުންތައް ބޭއްވުމުގެ ކުރިންނާއި، އަދި އެކީގައި އުޅެފައިވާ މީހުން ދެނެގަތުމާއި ކަރަންޓީން ކުރުމުގެ ބަދަލުގައި ގައުމުން ބޭރަށް ދަތުރު ކޮށްފައި އަންނަ ފަރާތްތައް ޓެސްޓު ކުރުމެވެ.
ސިންގަޕޯރގެ ސިއްޙި ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ކުރިޔަށް އޮތްތަނުގައި، މިބަލީގެ ހާލަތު ގޯސްވާ މީހުންނަށް ދޭނެ އިތުރު ފަރުވާތައް ދާނީ ވުޖޫދުވަމުންނެވެ.
އާންމު ދިރިއުޅުމަކަށް ދިއުމަކީ މިވަގުތަށް އޮތް ހައްލެއް! އެހެންނަމަވެސް ސިޔާސަތެއް އޮންނަން ޖެހޭ!
ރާއްޖޭގައިވެސް އޮމިކްރޮން ވޭރިއެންޓްގެ ސަބަބުން، ވަކީން ޚާއްސަކޮށް ވެރިރަށް މާލޭގައި ދަނީ މިބަލި އާދަޔާ ޚިލާފަށް ބާރު މިނުގައި ފެތުރެމުންނެވެ. އިއްޔެ އެކަނިވެސް، ރާއްޖެއިން އިތުރު 2،484 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. މިއީ ކޯވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ހާލަތުގައިވެސް ނަމްބަރުތައް މަތިވެގެން ގޮސްފައި ނުވާ މިންގަޑެއްގައި ކަމުގައި ދަންނަވަން ޖެހެއެވެ.

އެހެންކަމުން ކޯވިޑް19 މިހާރު ފެތުރެން ފަށާފައިވާ ނިސްބަތަށް ބަލާއިރު، ވެރިރަށް މާލޭގައި މި ވައިރަސް ނުވަންނަ ގޭބިސީއެއް މިހާރު ނެތްކަމުގެ ދެންނެވެން އެބަ އޮތެވެ. ނަތީޖާއެއްގެ ގޮތުން، ސަރުކާރުންވެސް، ވައިރަހާއި ދެކޮޅަށް ކުރާ ހަގުރާމަ އިތުރު ގިންތިއަކަށް ގެންދިއުމަށްޓަކާ ތަފާތު ވިސްނުމުން ވިސްނާ، އެންމެ އުފެއްދުންތެރި މިސްރާބަކުން ދަތުރު ކުރުމުގެ މުހިންމުކަން ބޮޑެވެ.
އަދި އެޗްޕީއޭގެ ޓާސްކްފޯހުގައި ތިއްބަވާ ޑޮކްޓަރުންވެސް ވިދާޅުވަމުން ގެންދަވާ ފަދައިން، ކޯވިޑާއިއެކު އުޅެން ދަސްކުރުން ނޫންގޮތެއް ނެތްނަމަވެސް، މި ވައިރަހާއި އެކު އުޅުމުގެ އާންމު މިންގަޑުތައް އެކުލަވާލާ، ފެށުނީއްސުރެ މިހާތަނަށް އަމަލް ކުރަމުން އައިސްފައިވާ އުސޫލުތަކަށް ގެނެވޭ ބަދަލުތަކަށް އާންމުން ހޭލުންތެރި ކުރުވާ، ކުރަންޖެހޭ ޚަރަދާއި ބައްދަލު ނަތީޖާ ފެންނާނޭ އުސޫލަކުން ސްޓްރަޓެޖީ ރާވަންޖެހެއެވެ.
އަދި މިވަރުގެ ނުރައްކާތެރި ވައިރަހަކާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި، އެކުލަވާލެވިފައިވާ އުސޫލުތަކަށް ކުއްލިއަކަށް ބަދަލު ގެނައުމަކީ ކުރެވޭނެ ކަމަކަށް ނުވާތީއާއެކު، އާ މަރުހަލާއަކަށް ރުޖޫޢަވުމުގެ ރޯޑް މެޕެއް ނުވަތަ އިންތިގާލީ މަރުހަލާއެއް އެކުލަވާލުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.
ކޮވިޑާއި ދެކޮޅަށް ކުރަނެޖޭ ހަގުރާމާގައި ކަޑައްތު ކުރަންޖެހޭ ރާސްތާގެ ކޮޅާއި ކޮޅު އަދިވެސް ފެންނާން ނެތްއިރު، މިހަގުރާމަ ކާމިޔާބު ކުރުމުގައި އެންމެ މުހިންމީ ވިސްނުންތެރިކަމާއި، ކެތްތެރިކަމާއެކު ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރަމުން ދިއުންކަމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނާން ހުރި ހަގީގަތްތަކެވެ.