މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، ހޯޕް ފޯރ ވިމެންއާއި އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) އެއްގައި، ސޮއިކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަންއެވެ. ހޯޕް ފޯރ ވިމެންގެ ފަރާތުން ސޮއިކުރެއްވީ ޗެއަރޕާރސަން އަޙްމަދު އަންވަރުއެވެ.
މި އެމް.އޯ.ޔޫ އަކީ މިނިސްޓްރީއަށް ހުށަހެޅޭ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން އަދި ޕިއަރ ސަޕޯޓް ގުރޫޕުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިނިސްޓްރީއާއި އެކު މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ވެވޭ އެއްބަސްވުމެކެވެ. މި އެމް.އޯ.ޔޫގެ ދަށުން ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ހޯޕް.ފޯރ.ވިމެން އިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި އެކު މަސައްކަތް ކުރަމުންދާނެއެވެ.
މިއީ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރުކޮށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެވެ. އެގޮތުން މި އެމް.އޯ.ޔޫގެ ދަށުން މާލޭގެ އިތުރުން އަތޮޅުތެރެއިން ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެވޭނެއެވެ.
ދިރާސާތަކުން އެނގޭގޮތުގައި، ދިވެހި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ، ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި، އަނިޔާ ޝިކާރައަކަށްވެފައިވާ، ނުވަތަ އެ ބިރުވެރިކަން ތަޙައްމަލު ކުރަން ޖެހިފައިވާ މީހަކަށްވާއިރު، މީގެ ތެރޭގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ.
ސަރުކާރުން ވަނީ މިމައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ‘ގެވެށި ގުޅުން’ ކެމްޕެއިން މިނަމުގައި 15 ޖުލައި 2020 ވަނަ އަހަރު ޚާއްސަ ކެމްޕެއިންއެއް ފައްޓާފައެވެ.
މިކެމްޕެއިންގެ ދަށުން މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާއްޖޭ އެކި ހިސާބުތަކުގައި ކުރިއަށްގެންދެވިފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން ވޭދުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ރިޕޯޓްކުރެވުނު ގެވެށި އަނިޔާގެ މައްސަލަތައް އެހެން އަހަރުތަކާއި ބަލާއިރު އިތުރުކަން ވަނީ ފާހަގަކުރެވިފައެވެ.