ޒިކުރާ މިސްކިތުގެ މައްސަލަ ހައްލުކޮށް އެސްޖޭއިން ހުޅުމާލޭގައި މިސްކިތެއް އަޅަނީ

ޒިކުރާ މިސްކިތުގެ މައްސަލަ ހައްލުކޮށް އެސްޖޭއިން ހުޅުމާލޭގައި މިސްކިތެއް އަޅަނީ

ގުޅުންހުރި

މަޖީދީ މަގުގައި ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް ހަދަން އެސް.ޖޭ ކޮންސްޓްރަކްޝަނަށް ދަޢުލަތުން ދެއްކި، 30،000،000.00 (ތިރީސް މިލިއަން ރުފިޔާ) އަނބުރާ ދަޢުލަތަށް ނެގުމުގެ ބަދަލުގައި، ހުޅުމާލޭ ދެވަނަ ދިޔަވަހީގައި މިސްކިތެއް ބިނާކުރަން އެކުންފުންޏާއެކު ސަރުކާރުން އެއްބަސްވެއްޖެއެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ސެޓްލްމަންޓް އެގްރިމެންޓުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

މިއެއްބަސްވުމުގައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެމާރާތްކުރުމަށެވެ. މި މިސްކިތުގެ އަގު 35,087,951.86 (ތިރީސް ފަސްމިލިއަން އަށްޑިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް އެއްރުފިޔާ އަށްޑިހަ ހަ ލާރި) އަށް އަރައެވެ. މި މިސްކިތް އިމާރާތްކުރުމަށް 30 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ހިނގާ ޚަރަދު، އެސް.ޖޭ ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ ފަރާތުން ޚަރަދު ކުރާގޮތަށް އެ ކުންފުނިން ވަނީ އެއްބަސްވެފައެވެ.

ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ 3000 މީހުންނަށް އެއްފަހާ ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. އަދި މިސްކިތުގައި އަންހެނުން ނަމާދުކުރާނެ އިންތިޒާމްވެސް ހިމެނެއެވެ. މިއީ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިސްކިތެކެވެ. މިސްކިތް ނިންމުމަށް އެބަސްވެފައިވަނީ 1އަހަރާ 2މަސް ދުވަހުންނެވެ.

ޒިކުރާ މިސްކިތުގެ ޢިމާރާތް ތަޅާލައި އެތާނގައި ވަގުފު ޢިމާރާތެއް ބިނާކުރަން އެސް.ޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކުރީ 09 ޖުލައި 2018ގައެވެ. އެއީ މިސްކިތަކާއެކު ބިނާކުރާ، 10 ބުރީގެ އިމާރާތެކެވެ. އިމާރާތުގެ 3 ފަންގިފިލާ ޚާއްސަކުރަން ކަނޑައެޅީ ނަމާދުކުރާ ބައިގެ ގޮތުގައެވެ. އަދި އިމާރާތުގެ 7 ފަންގިފިލާ ޚާއްސަކުރަން ނިންމާފައި އޮތީ އޮފީސް ހިންގުމަށް ދޫކުރުމަށެވެ.

ނަމަވެސް އެކި މައްސަލަތަކާ ގުޅިގެން މަސައްކަތް ނުފެށި، އޮތުމަށްފަހު އެ އެއްބަސްވުން ސަރުކާރުންވަނީ ބާޠިލުކޮށްފައެވެ. ޒިކުރާ މިސްކިތުގެ މަސައްކަތް ހަވާލުކުރުމަށް ހެދި އެއްބަސްވުމާ ގުޅޭގޮތުން 2020ވަނަ އަހަރު ފެބްރުއަރީމަހު އޮޑިޓް އޮފީހުން ހެދި، އޮޑިޓުގައިވެސް ބުނެފައިވަނީ އެއްބަސްވުން އެކުލަވާލުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށެވެ. އެންމެބޮޑު ކަމެއްގެ ގޮގުގައި ފާހަގަކޮށްފައިވަނީ މިސްކިތް ހުރި ބިމުގެ ރަޖިސްޓްރީ ނެތުމެވެ.

ވަގުފު އިމާރާތުގެ މަސައްކަތަށް އެސް.ޖޭ ކުންފުންޏަށް ދަޢުލަތުން ދެއްކި 30،000،000.00 (ތިރީސް މިލިއަން) ރުފިޔާ ހޯދުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުގައިި ދަޢުލަތުން ދައުވާ އުފުލާފައިވެއެވެ. މި މައްސަލައިގެ ޑިސްޕިއުޓް މަރުޙަލާގައި، އެސް.ޖޭ ކުންފުނިން ވަނީ ދެފަރާތް އެއްބަސްވެވޭ ގޮތެއްގެމަތިން މިސްކިތެއް ބިނާކޮށްދިނުމަށް ހުށަހަޅާފައެވެ.

އެ ހުށަހެޅުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފައާއެކު، މި މައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށް މިނިސްޓްރީން ނިނެމެވިއެވެ. އަދި މިކަމާގުޅޭ ސެޓްލްމަންޓް އެއްބަސްވުމެއްގައި، އިސްލާމިކް މިނިސްޓްރީއާ އެސް.ޖޭ ކޮންސްޓްރަކްޝަނާ ދެމެދުވަނީ މިޙާރު ސޮއިކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ