ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ދައުރުގެ ތެރޭގައި ވައްޓާލުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ އޭރުގެ ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރުގެ ވިޔާނުދާ ކަމުގެ ސަބަބުން ކަމުގައި ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިބްރާހިމް ދީދީ ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ޤައުމުގެ ކަންކަން ބޮއްސުން ލައިގެން ދިޔައީ އޭރުގެ ޑިފެންސް މިނިސްޓަރަށާއި، ހޯމް މިނިސްޓަރަށް ތިއްބެވި ބޭފުޅުންގެ ވިޔާނުދާކަމުގެ ސަބަބުން ކަމަށެވެ. އަދި މިހާރު އެމަޤާމުތައް ފުރުއްވަމުންދަނީ މިޤައުމުގެ މިނިވަންކަމާއި ސަލާމަތްތެރިކަން ދަމަހައްޓާނެ ވަރުގެ ބޭފުޅުންކަމަށެވެ. ރައީސް ނަޝީދު މަޤާމުން އިސްތިއުފާ ދެއްވި އިރު ހޯމް މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އެވެ. ޑިފެންސް މިނިސްޓަރަކީ ތޮލްހަތު އިބްރާހިމް ކަލޭފާނެވެ.
2012 ގެ ހާލަތަށް ކަންކަން ދިޔައީ އޭރުގެ ޑިފެންސް އަދި ހޯމް މިނިސްޓަރުންގެ ވިޔާނުދާ ދޯދިޔާ ކަމުން. ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާނެކަމަށް ޤަބޫލުކުރެވޭ.
– ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ
ތޮލްހަތަށް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގައި ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވު 10 އަހަރަށް ޖަލަށްލާން ހުކުމްވެސް ކޮށްފައެވެ. ނަމަވެސް ފަހުން އެހުކުމް ސްޕްރީމް ކޯޓުން ވަނީ ބާތިލު ކޮށްފައެވެ.
ރާޢްޖޭގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ކޯނީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ނުބެލޭނަމަ އަދިވެސް ފުލުހުންނާއި ސިފައިން ނިކުމެ ވެރިކަން ބަދަލުކުރުމުގެ ފުރުސަތު އޮތްކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ވަހަތަކަށް ރައްދު ދެއްވަމުން އިބްރާހިމް ދީދީ ވިދާޅުވީ ރައީށް ޞާލިހުގެ ވެރިކަން މަގުމަތިންވެސް އަދި އެނޫން ގޮތަކަށްވެސް މި ދައުރުގެ ތެރޭގައި ވައްޓާލުމަކީ ނާދިރު ކަމެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު މަގުމަތިންވެސް އަދި އެނޫން ގޮތަކުންވެސް ދައުރު ހަމަނުވަނީސް ވައްޓާލުމަކީ އިރާދަކުރެއްވިއްޔާ ނާދިރުކަމެއް.
– ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ
ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އިއްޔެ ވިދާޅުވެފައެވެ.
ދެހާސް ބާރަވަނަ އަހަރު ނަޝީދުގެ ވެރިކަން ބަދަލުވީ އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ނަމަވެސް ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ވަނީ ނަޝީދާ ދެކޮޅަށް ނިކުމެފައެވެ. އަދި ޖެހިގެން އައި ދުވަހު ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްލީ ބަޣާވާތަކުން ކަމަށް ވިދާޅުވެފައެވެ. އެކަން ރައީސް ވަހީދުގެ ސަރުކާރުގައި ތަހުގީގު ކުރިއެވެ. ބޭރުގެ މާހިރަކާއެކު ކުރިއަށް ގެންދިޔަ މިނިވަން ތަހުގީގުގައި ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެ ދުވަހު ހިނގާދިޔަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ހިމަނާފައިވެއެވެ.
ކޮމެންޓު ފޮނުވާ