ތުރުކީގެ ރައީސް ތައްޔިބު އެރޮދޮގާނަށް ހަޖޫޖެހި ނޫސްވެރިޔަކު ހައްޔަރުކޮށް، ޝަރީއަތް ކުރެވެންދެން ޖަލުގައި ބަންދު ކޮށްފިއެވެ. ތުރުކިގެ ސަރުކާރުން ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން، އެގައުމުގެ ރައީސަށް ފާޑި ކިޔައިގެން އެތައްހާސް މީހުންނެއް މިހާރުވެސް ވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފައެވެ.
ތުރުކީގެ މަޝްހޫރު ނޫސްވެރިއެއް ކަމުގައިވާ، ކަބަސް އެގައުމުގެ ފުލުހުން ހައްޔަރު ކޮށްފައިވަނީ މި ހަފްތާގެ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އިސްތަންބޫލްގެ ކޯޓަށް އޭނާ ހާޒިރު ކުރުމުގެ ކުރިން ހައްޔަރު ކޮށްފައި ބައިންދާފައިވަނީ އިސްތަންބޫލުގެ ޕޮލިސް ސްޓޭޝަނެއްގައެވެ. އެއަށްފަހު އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުންވަނީ އޭނާ ހައްޔަރު ކުރިކުރުމަށް ތާޢީދުކޮށް ޖަލުގައި ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.
ކަބަސް ހައްޔަރު ކޮށްފައިވަނީ، އޭނާ ތައްޔިބު އެރޮދޮގާންއަށް ނިސްބަތްކޮށް އެގައުމުގައި، ރިޔާސީ ގަޑުވަރާއި ގުޅުވައިގެން ބުނެއުޅޭ ހަރުބަހެއް އިދިކޮޅު ޓީވީ ޗެނަލެއްގައާއި އަދި އޭނާގެ އަމިއްލަ ޓުވިޓަރ އެކައުންޓުގައި ބޭނުން ކޮށްގެންނެވެ. އޭނާ އެރޮދޮގާންއަށް ނިސްބަތްކޮށް މި ހަރުބަސް ބޭނުން ކުރުމާއި ގުޅިގެން ސަރުކާރުގެ އިސް އޮފިޝަލުންގެ ފާޑުކިއުން އޭނާއަށްވަނީ އަމާޒުވެގެން ގޮސްފައެވެ.
"ފުއްލާއެއް ރިޔާސީ ގަޑުވަރަކަށް ވަނަސް ފުއްލާ ރަސްކަލަކަށް ނުވާނެ، އޭގެ ބަދަލުގައި ރިޔާސީ ގަޑުވަރު ވެގެންދާނި ހުއިހައްޕާ ތަކެތި ރައްކާ ކުރާ ގުދަނަކަށް،" ކަބަސް ޓުވީޓު ކޮށްފައި ވެއެވެ.
ތުރުކީގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ ވެރިޔާ ފަހުރެޓިން އަލްޓުން ވަނީ ކަބަސްގެ ހަޖޫ ވަރަށްބޮޑަށް ކުށްވެރި ކޮށްފައެވެ.
"ރައީސްގެ ގަޑުވަރުގެ ޝަރަފާއި އިއްޒަތަކީ ގައުމުގެ ޝަރަފާއި އިއްޒަތް.. އަހަރެމެންގެ ރައީސާއި އޭނާގެ އޮފީހަށް ނިސްބަތްކޮށް ހަޖޫޖެހުން އަހަރެން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" އަލްޓުން ޓުވީޓް ކޮށްފައި ވެއެވެ.
ތުރުކީގެ ޖަސްޓިސް މިނިސްޓަރު އަބުދުލްހަމިޓް ގުލްވެސް ޓުވީޓު ކުރައްވާފައިވާ ގޮތުގައި، ކަބަސްއަށް "އޭނާ ބުނެފައިވާ މަނާ ބަސްތަކަށް"، ހައްގު އަދަބު" ލިބޭނެ ކަމުގައެވެ.
އުމުރުން 53 އަހަރުގެ ކަބަސްއަކީ އޭނާ ނޫސްވެރިކަމުގައި ހޭދަ ކޮށްފައިވާ 30ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހައި ޕްރޮފައިލް އެތަކެއް ޓީވީ ޝޯވްތަކެއް ހުށަހަޅާފައިވާ މަޝްހޫރު ނޫސްވެރިއެކެވެ.
ކަބަސްގެ ގާނޫނީ ވަކީލާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކަބަސް ހައްޔަރު ކޮށްފައި ބެހެއްޓިފައިވަނީ އިސްތަމްބޫލްގެ ބަކިރުކޮއި ޖަލުގައެވެ. އަދި އޭނާގެ ގާނޫނީ ވަކީލް ޕޮއިރާޒް ވިދާޅުވެފައިވަނީ، އޭނާގެ މުވައްކިލް ގާނޫނާ ޚިލާފަށް ބަންދު ކޮށްފައި ހުރި ހުރުން ހޯމަދުވަހު އިސްތިއުނާފް ކުރައްވާނެ ކަމުގައެވެ.