ސްޓެލްކޯ އިން އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓުދޭން ފަށައިފިއެވެ. ސްތެލްކޯއިން ހުޅުލެއަށް ކަރަންޓް ދޭން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުގ ެރެއިން ފެށިގެންނެވެ.
ސްޓެލްކޯއިން ބުނީ މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ގާއިމް ކޮށްފައިވާ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ ތެރެއަށް ހުޅެލޭގެ ގްރިޑް އިތުރު ކޮށްފައިވާކަމަށެވެ. މިއާއެކު އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ސްޓެލްކޯއިން ކަރަންޓް ދެމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ.
ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓްއިން ގުޅާލާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.
ތިން ސަރަހައްދުގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމާއެކު، އެތިން ސަރަޙައްދުގެ ތެރެއިން އެއްވެސް ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނެއް ސަރަޙައްދުގައި ބަހައްޓާފައިވާ ގްރިޑު މެދުވެރިކޮށް އެތަނަކަށް ކަރަންޓު ދެވޭނެއެވެ.
މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ގާއިމް ކޮށްފައިވާ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ ތެރެއަށް ހުކުރު ދުވަހުގެ ރޭ ވަނީ ހުޅެލޭގެ ގްރިޑް އިތުރު ކުރެވިފައި. މިއާއެކު އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓުދޭން ވަނީ ފެށިފައި. pic.twitter.com/6W3Mf4PKeb
— STELCO (@STELCOMALDIVES) January 23, 2022
މިގޮތަށް ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.
މި މަޝްރޫޢާއެކު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ލުއިފަސޭހަވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ވަކިން ޚާއްސަކޮށް ޖަނަރޭޓަރުތައް އޯވަރލޯޑުވެގެން ކަރަންޓު ކެނޑޭކެނޑުން ނިމުމަކަށް އައިސް، ޕަވަރ ޝޯޓޭޖެއް އަތުވެއްޖެ ޙާލަތެއްގައި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަރަންޓު އަނބުރާ ފޯރުކޮށްދެވޭނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.