ކުޑައަގަކަށް ދީން ނީލަންކިޔާ މީހުންނަށް ސަމާލުވުމަށް ގޮވާލާ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓިތަކަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ފާޑުވިދާޅުވެއްޖެެއެވެ.
ޖަމީލް މިފަދައިން ފާޑުވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދުކުރުމަށް އަދާލަތުން ނިންމުމާއި ގުޅިގެންނެވެ. އަދާލަތުން ވަނީ ޤައުމުގެ މަސްލަހަތު ހިމާޔަތް ކުރެވޭނީ އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓް ދީގެންކަމށާއި، ދީނީކަންކަމުގައި ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި ރައީސް ޞާލިޙް ވަނީ ހައްލުހޯދައިދީފައިކަމަށް ބުނެފައެވެ.
ޑރ.ޖަމީލް ވަނީ މިސަރުކާރުގެ ދީނީ ސިޔާސަތުގެ އުސްއަލިތައްކަމަށް ބުނެ ބައެއް ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން މިސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރުއާނާއި ސުންނަތަށް ފުރައްސާރަކުރާ ފަރާތްތަކަށް ފިޔަވަޅު ނާޅާ ޙިމާޔަތްކުރުންކަމަށާއި، މިސްކިތްތައް ނަޖިސްކުރުމާއި މަސްތުވާ އައްޑާތަކަކަށް ހެދުން ކަމަށް ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާން ކިޔަވައި ނުދޭން އެކިއެކިއުކުޅުތައް ބޭނުންކުރުމާއި، ހޯމް ސްޓޭގެނަމުގައި ޙުދޫދެއް ނެތްގޮތަށް ހުޅަނގުގެ ހުރިހާ ސަގާފަތެއް މުސްލިމް ޢާއިލާތަކުގެ ތެރެއަށް ވެއްދުމާއި، މޫނު ބުރުގާ އަޅާފަރާތްތަކާއިމެދު ތަފާތުކުރުމަކީ މިސަރުކާރުގެ ދީނީ ސިޔާސަތުތައްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
އެހެންވީމަ ކުޑައަގަކަށް ދީން ނީލަންކިޔާ މީހުންނަށް ސަމާލުވަމާ! އެފަދަ ޕާޓީތައް ދޫކޮށް ނިކުންނަވާ!
– ޑރ.މުޙައްމަދު ޖަމީލް އަޙްމަދު
އަދާލަތުން ބުނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދުކުރަން ނިންމީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެކަމަށް ފާހަގަކުރެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައިމެ މިއަދާ ހަމަޔަށް އެކަށީގެންވާ ޙައްލު ހޯދުމަށް މަސައްކަތްކުރައްވާފައިވާތީކަމަށެވެ.
ދީނީ ކަންކަމާއި ގުޅިގެން ސަރުކާރުން ނަންގަވާ ސިޔާސަތުތަކަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.އ ަދި އެކަމުގައި އަދާލަަތށްވެސް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ