ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެކަމަށް ފާހަގަކުރެވި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައިމެ މިއަދާ ހަމަޔަށް އެކަށީގެންވާ ޙައްލު ހޯދައިދެއްވާފައިވާކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
2022 ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ލ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޢަދާލަތު ޕާޓީގެ ތާއީދު ހޯދުމަށް، އެ އިންތިޚާބުގައި ވާދަކުރާ 3 ކެނޑިޑޭޓުންކުރެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީ.ޕީ)ގެ ކެނޑިޑޭޓުގެ ފަރާތުން، އެޕާޓީގެ އެންމެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެނފައިވާތީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރުމަށް އަދާލަތުން ވަނީ ނިންމާފައެވެ.
އެޕާޓީން ވަނީ މިނިންމުން ނިންމި މައިގަނޑު 4 އަސާސްވެސް ހާމަކޮށްފައެވެ.
1. 2008 ވަނަ އަހަރު ފާސްކުރެވުނު ޤާނޫނު އަސާސީގެ ޙަޔާތުގައި މިހާތަނަށް އުފެދުނު ސަރުކާރުތަކަށް ނަޒަރުކުރާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، އަމާން ޞުލްޙަވެރި މުޖްތަމަޢެއް ޤާއިމްކޮށް، ސިޔާސީ ހަލަބޮލިކަން ކުޑަކޮށް، ކޮވިޑް 19 ގެ ޢާލަމީ ވަބާއާއި އެއާއެކު މެދުވެރިވި އިޤުތިޞާދީ ދަތިތަކާއެކުވެސް، ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާފަދައިން ގިނަ ޕާޓީއެކުލެވޭ ކޯލިޝަން ސަރުކާރެއް ކާމިޔާބުކަމާއެކު ހިންގަވާތީއާއި،
2. ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެކަމަށް ފާހަގަކުރެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައިމެ މިއަދާ ހަމަޔަށް އެކަށީގެންވާ ޙައްލު ހޯދުމަށް މަސައްކަތްކުރައްވާފައިވާތީ އާއި،
3. ޤައުމުގައި ޞުލްޙަ މަސަލަސްކަން ޤާއިމްކޮށް އަމާން ވެއްޓެއް ކަށަވަރުކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވި، މުޖްތަމަޢަށް ދިމާވެފައިވާ އެންމެ ބޮޑު ވަބާ ކަމަށްވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށް ހުއްޓުވުމަށް މިހައިތަނަށް ދައުލަތުގެ ފަރާތުން ދުވަހަކުވެސް މަސައްކަތް ނުކުރާ މިންވަރަށް އަދުގެ ސަރުކާރުން މަސައްކަތް ކުރާތީ އާއި،
4. ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށް، މިނިވަން ދީމިޤްރާތީ ވެއްޓެއް ޤާއިމްކޮށް، ޤައުމު ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް، މާނަހުރި ފިޔަވަޅުތަކެއް އަޅުއްވާ، ހަމަހަމަ އުސޫލެއްގެ އަޅުއްވާ، ހަމަހަމަ އުސޫލެއްގެ ދަށުން އަސާސީ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދީ، ޢުމްރާނީ ގޮތުން ދިވެހިރާއްޖެ ތަރައްޤީކުރުމަށް މުޅި ރާއްޖޭގައި މަޝްރޫތަށް ކުރިއަށްދާކަން ފެންނަން އޮތަތީ، ޤައުމާއި ރައްޔިތުންގެ އެންމެ އިސް މަޞްލަޙަތުތަކަށާއި، ރާއްޖޭގެ ސިޔާސީ މަސްރަހަށާއި ޢަދާލަތު ޕާޓީން ކުރިއަރުވާ ސިޔާސަތު ތަކަށް ރިޢާޔަތްކޮށް،
އަދާލަތު ޕާޓީން ބުނެފައިވަނީ އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ދެމެހެއްޓުމަށާއި، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށް، ދައުލަތުގެ ނިޒާމު ހަރުދަނާކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުގައި ފަށާފައިވާ ސިޔާސީ މަސައްކަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެހީތެރިވެ އެއްބާރުލުން ދިނުމަކީ، ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަޙަތު މިވަގުތަށް އޮތްގޮތް ކަމަމަށެވެ.
އެހެންކަމަށްވުމުން ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިހުގެ އެދިވަޑައިގަތުމަށް އިޖާބަދިނުމުގެ ގޮތުން، 2022 ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ލ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓަށް ތާޢީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ 3 ވަނަ ދައުރުގެ 10 ވަނަ ޖަލްސާގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ