ރައީސް ޞާލިޙްގެ ސަރުކާރުގެ ތަޞައްވުރަކީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން، އެއްވެސް ތަފާތުކުރުމެއް ނެތި، ޕްރޮފެޝަނަލްކޮށް އަދި ރައްޔިތުންނާ ވީހާވެސް ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އައްޑޫ ސިޓީގައި ބިނާކުރާ ސައުތު ރީޖަނަލް ހެޑް އޮފީހުގެ ބިންގާ އެޅުމަށް މިއަދު ހަވީރު ސ.ހިތަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ދިފާޢީ ވަޒީރުގެ ޙައިސިއްޔަތުން ކަސްޓަމްސްގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، ކޯވިޑް-19ގެ ދަތިއުނދަގޫ ޙާލަތުގައިވެސް، ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އަދި ޒަމާނުއްސުރެ ވަރަށް ގިނަ ޢަދަދެއްގެ ވިޔަފާރިވެރިން އެތަނަކަށް ނިސްބަތްވާ އައްޑޫ ސިޓީގައި، ކަސްޓަމްސްގެ އޮފީހެއް ހުޅުވިގެންދާކަމީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އައްޑޫ ސިޓީއާމެދު ގެންގުޅުއްވާ ގާތްކަމާއި ވަރުގަދަ ތަޞައްވުރު ހާމަވާ ކަމެއް ކަމަށެވެ.
ރައީސް ޞާލިޙްގެ ސަރުކާރުގެ ތަޞައްވުރަކީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން، އެއްވެސް ތަފާތުކުރުމެއް ނެތި، ޕްރޮފެޝަނަލްކޮށް އަދި ރައްޔިތުންނާ ވީހާވެސް ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން: މިނިސްޓަރ މާރިޔާ @MariyaDidi @CustomsMv
News Link: https://t.co/uXccvDg4W4 pic.twitter.com/Eh2lPdqSjo— Ministry of Defence (@MoDmv) January 21, 2022
ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށްޓަކައި މާލެ ފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯޓް އެކްސްޕޯޓުގެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސް ޞާލިޙްގެ ސަރުކާރުގެ ވަރަށް ބޮޑު ޢަމާޒެއްކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އެކްސްޕޯޓް-އިމްޕޯޓް ޤާނޫނަށް ސަރުކާރުން ހުށަހަޅުއްވައިގެން ގެނައި އިޞްލާޙާއެކު، އިމްޕޯޓަރުންގެ ޢަދަދު އިތުރުވެ، ރާއްޖޭގެ އެހެން ސަރަޙައްދީ ބަނދަރުތަކަށް މުދާބާލާ މިންވަރުވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައިކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.
މުސްތަޤްބަލުގައި، މިރީޖަނަލް ހެޑް އޮފީހުގެ ސަބަބުން އިމްޕޯޓް އެކްސްޕޯޓުގެ ޚިދުމަތް ލިބިގަންނަ އެންމެހާ ވިޔަފާރިވެރިންގެ އިތުރުން، ޚިދުމަތް ހޯދާ ރައްޔިތުންނަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.
މިއޮފީސް ހުޅުވިގެންދިޔުމާއެކު، ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެކަން ފާހަގަކުރައްވާ، މިނިސްޓަރ މާރިޔާ ވިދާޅުވީ، އަނބިދަރިން ކައިރީގައި ހުރެގެން، ވަޒީފާ އަދާކޮށް، ފުދުންތެރި "ޖަޒީރާ" ދިރިއުޅުމެއް އުޅެވޭނެ މަގުފަހިކުރުމަކީ، ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ. އަދި މިއޮފީހުގައި ބިނާކުރެވޭ ޓްރެއިނިންގ ފެސިލިޓީގެ ސަބަބުން މުވައްޒަފުން އެންމެ އެކަށޭނަގޮތުގައި ޓްރެއިންކުރެވިގެންދާނެކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ. އަދި ކަސްޓަމްސްގެ އެންމެ މަތީ ފަންތި ހިމެނޭގޮތަށް، އެމުއައްސަސާގެ ހުރިހާ ފަންތިއެއްގެ ބޭފުޅުންނަކީވެސް ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރައްވާ ބޭފުޅުންކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި، މިނިސްޓަރ މާރިޔާގެ އިތުރުން، އައްޑޫ ސިޓީގެ ދާއިރާތައް ތަމްޞީލުކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރާއި ކައުންސިލަރުންނާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދު ﷲ ޝަރީފާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލާއި ކަސްޓަމްސްގެ އިސްވެރިންނާއި ކަސްޓަމްސް އޮފިސަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ