މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި ކިޔަވައިދިނުމާއި ދެކޮޅުކަން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ހާމަކުރުމާއި ގުޅިގެން ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ފާޑުވިދާޅުވެއްޖެއެވެ.
ޢަލީ ޒައިދު ވަނީ އެމްޑީޕީން އުޅެނީ ފްރާންސް ސަރުކާރު ނަމޫނާއަކަށް ބަލައިގެންތޯ ސުވާލުކުރައްވާފައެވެ. ޒައިދު ވިދާޅުވީ އެކަހަލަ ވިޔާނުދާ ނިންމުންތަކަކީ އެމްޑީޕީ އަމިއްލައަށް ހޯދައިގަންނަ "ޑައުންފޯލް"އެއްކަމަށެވެ، މިކަމުން ގެއްލުން ވާނީ ހަމަ އެމްޑީޕީއަށްކަމަށް ވިދާޅުވެ ޢަލީ ޒައިދު ވަނީ ވަގުތުން ވަގުތަށް އެ ނިންމުން މުރާޖަޢާކޮށްދެއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ، ދިވެހި މުޖުތަމަޢުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ ގިނަ ބަޔަކީ، އެ ދަރިވަރުންނަށް ސްކޫލު މަދަރުސާތަކުގައި އުނގަންނައިދެއްވުމަށް މުދައްރިސުން ކުރިމަތިލައްވާއިރު އެ މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުއްވައި ނުވަތަ އެއީ ކޮންބޭފުޅުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިއްބެވުމަށް ބޭނުންވާ ބައެއްކަމަށެވެ.
އަދި ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މިގޮތަށް އާދަކާދަ އޮވެ، މުދައްރިސުންނާއި ސްކޫލު މަދަރުސާތަކުން މި މިންގަނޑު ވަރަށް ރަނގަޅަށް ނަގަހައްޓަވަމުން ގެންގޮސްފައިވާކަމަށް އެމްޑީޕީން ބުނެފައިވެއެވެ. ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަޙަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ޚާއްޞަ ތަންތަންކަމަށް ވާއިރު، ކިޔަވާދެއްވުމަށް ދަރިވަރުންނާ ބައްދަލުކުރައްވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަޤީންވާންޖެހޭނެކަމަށް އެޕާޓިން ދެކޭކަމަށް އެމްޑީޕީން ބުންޏެވެ.
މި މައްސަލާގައި އެ މޭރުމުން ވާހަކައެއް ދައްކާ މީހަކީ ވެސް ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހެއްކަމަށް ސިފަކުރާކުރުމާ މެދު އެ ޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އަދި މީގެކުރިން ވެސް އެފަދައިން ސިފަކޮށް މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުންދީފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެހެންކަމުން، އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާރޓީން ގޮވާލާގޮވާލުން ތަކުރާރުކުރަމެވެ.
– އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން މިހެން ބުނެފައިމިވަނީ މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ހުރަސް ނޭޅުއްވުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބައެއް ސްކޫލުތަކުގައި ހަރަކާތްތެރިވާ މޫނު ބުރުގާ އެޅި ޓީޗަރުންނަށް ބުރުގާ ނެގުމަށް އަންގާފައެވެ.
ކޮމެންޓު ފޮނުވާ