ކޯވިޑްގެ ހާލަތު އިނގިރޭސިވިލާތުގައި އެންމެ ގޯސްވެގެން ދިޔައިރު، އެގައުމު ލޮކްޑައުން ކޮށްފައި ވަނިކޮށް، 2020 ވަނަ އަހަރުގެ މޭމަހުގެ 20 ވަނަ ދުވަހު، 10 ޑައުނިންގ ސްޓްރީޓުގެ ބަގީޗާއެއްގައި އޮތް ޕާޓީއަކަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަޑައިގެންފައިވާ މައްސަލާގައި އެގައުމުގެ ގާނޫނުހަދާ މަޖިލިހުގައި ގިނަ މެމްބަރުންގެ ފާޑުކިއުން އާނާއަށް އަމަޒުވެ އަމިއްލަ ފުޅު ޕާޓީ ތެރެއިންވެސް އިސްތިއުފާގެ އަޑުތައް ގަދަވާން ފަށައިފިއެވެ.
އަދި އޭގެ އިތުރުން، ގައުމު ލޮކްޑައުންގައި ވަނިކޮށް ޕާޓީތަކަށް ވަޑައިގަތް މައްސަލާގައި ގާނޫނުހަދާ މަޖިލިހުގެ މެމްބަރުންނަށް އޭނާ ދޮގުހައްދަވާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ އިތުރު މެމްބަރުންވެސް މިއަދުވަނީ ބޮރިސް ޖޯންސަންގެ އިސްތިއުފާއަށް ގޮވާ އަޑު އުފުލާފައެވެ.
އިނގިރޭސި ގާނޫނުހަދާ މަޖިލިހުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕާޓީގެ ލީޑަރު ކެއިރ ސްޓާމަރ ވަނީ 2020 ވަނަ އަަހަރު އިނގިރޭސިވިލާތް ކޯވިޑް ލޮކްޑައުންގައި ވަނިކޮށް ޕާޓީއަކަށް ވަޑައި ނުގަތުމަށް އޭނާއަށް އިރުޝާދު ދީފައިވޭތޯ ބޮޑުވަޒީރު ޖޯންސަންއާއި ސުވާލު ކުރައްވާފައެވެ.
އެހެންނަމަވެސް ޖޯންސަން ވިދާޅުވެފައިވަނީ، އޭނާ ޕާޓީތަކަށް ވަޑައިގަތުމާއި ގުޅިގެން މިހާރު ކުރިޔަށްދާ ތަހުގީގު ނިމުމަށްފަހު އެތަހުގީގުގެ ނަތީޖާއަށް މެމްބަރުން ބެއްލެވުމަށް އެދިވަޑައިގެންފައެވެ. އަދި މިއަދުވެސް ޖޯންސަންވަނީ ގައުމު ލޮކްޑައުންގައި ވަނިކޮށް ޕާޓީއަކަށް ވަޑައިގެންނެވުނީތީ މާފަށް އެދިވަޑައިގެންފައެވެ.
ގާނޫނު ހަދާ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކޮންޒަވޭޓިވް ޕާޓީގެ މެމްބަރު ކްރިސްޓިއަން ވޭކްފޯޑު ވަނީ އެޕާޓީ ދޫކުރައްވާ ލޭބާ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އަދި އޭގެ އިތުރުން ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ މެމްބަރު އަދި ކުރީގެ މިނިސްޓަރ ޑޭވިޑް ޑެވިސްވެސް ވަނީ ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވަންޖެހޭކަމަށް ވިދާޅުވެފައެވެ.
ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، 2019ވަނަ އަހަރު އިނގިރޭސި ގާނޫނުހަދާ މަޖިލިހަށް އިންތިޚާބުވި 20 މެމްބަރުންގެ ދެބައިކޮށްފަ އެއްބައިގެ މެމްބަރުންވަނީ ބޮޑުވަޒީރު ޖޯންސަންގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ސިޓީ ހުށަހަޅުއްވާފައެވެ. އިނގިރޭސި ގާނޫނުހަދާ މަޖިލީހުގެ 44 މެމްބަރުން ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ވިދާޅުވެއްޖެނަމަ، ގާނޫނުހަދާ މަޖިލީހުގައި ބޮޑުވަޒީރުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމުގެ ވޯޓެއް ނަގަން ޖެހޭނެއެވެ.
މީގެ ދެ ހަފްތާކުރިން އާންމު ވެގެންގޮސްފައިވާ މައުލުމާތުތަކުން އެގިގެން ގޮސްފައިވާ ގޮތުގައި، ބޮރިސް ޖޯންސަންގެ ޕްރަައިވެޓް ސެކެޓްރީ މާރޓިން ރޭނީލްޑްސް ވަނީ، 2020 އަހަރުގެ މޭމަހުގެ 20ވަނަ ޑައުނިން ސްޓްރީޓްގެ ބަގީޗާއެއްގައި، "ގައި ދުރުކޮށް" ބޭއްވޭ ޕާޓީއަކަށް ޑައުނިންގ ސްޓްރީޓުގައި މަސައްކަތް ކުރާ 100 ވަރަކަށް މުވަޒިފުންނަށް އީމެއިލް މެދުވެރިކޮށް ދައުވަތު ފޮނުވާފައެވެ.
ބޮޑުވަޒީރުގެ ގެކޮޅުގައި މި ޕާޓީ ބާއްވާފައިވަނީ މުޅި ދުނިޔޭގައިވެސް ކޯވިޑްގެ ހާލަތު ގޯސްވެ، އިނގިރޭސިވިލާތްވެސް ވަރަށް ވަރުގަދަޔަށް ލޮކްޑައުން ކޮށްފައި އޮއްވައެވެ. އަދި މި ދުވަސްވަރަކީ އިނގިރޭސިވިލާތުގައި ގެއިން ބޭރުގައި އެކަކަށްވުރެ ގިނައިން އެއްތަނަކަށް ޖަމާނުވުމަށް އަންގާ، މިއެންގުމާ ޚިލާފަށް އަމަލްކުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަންވެސް އާންމުކޮށް އިއުލާން ކޮށްފައިވާ ދުވަސްވަރެކެވެ.
މީގެކުރިން ޖޯންސަންވަނީ އޭނާއާއި އަދި އޭނާގެ އަނބިކަބަލުން ކެރީ ޖޯންސަން މި ޕާޓީއަށް ހާޒިރުވިކަން ދޮގު ކުރައްވަން އިންކާރު ކުރައްވާފައެވެ. އަދި އޭނާވަނީ، ޑައުނިންގ ސްޓީޓްގައި ބޭއްވުނު ޕާޓީތަކާބެހޭ ތަހުގީގެއް ކުރިޔަށް ދަތީ، މި މައްސަލައާއި ގުޅޭގޮތުން އިތުރަށް ކޮމެންޓް ކުރައްވަންވެސް ދެކޮޅު ހައްދަވާފައެވެ.
އިގިރޭސި ސަރުކާރުގެ ވަޒީރަކު، މިނިސްޓީރިއަލް ކޯޑާއި ޚިލާފް ވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައި ގަންނަވައެވެ. ޖޯންސަންގެ އަމިއްލަފުޅު ޕާޓީގެ ބައެއް މެމްބަރުންވެސް ވަނީ، ބޮޑުވަޒީރު ޖޯންސަން މި ޕާޓީއަށް ވަޑައިގެންނެވިކަން ސާބިތުވެއްޖެނަމަ އިސްތިއުފާ ދެއްވަން ޖެހިވަަޑައިގަންނަވާނޭކަަމަށް ވިދާޅުވެފައެވެ.