ޔޫރޮޕާ ލީގުގައި ސްކޮޓެލޭންޑްގެ ރޭންޖްސްއާ ބެންފީކާ ވާދަކުރި މެޗު އެއްވަރުވެ ރޭންޖާސްއިން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.
ބެންފީކާގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 3-3 ލަނޑުންނެވެ. މެޗުގައި ވަރަށް ކުރީކޮޅު ބެންފީކާގެ ނިކޮލަސް އޮޓެމެންޑީ ވަނީ ރަތްކާޑު ދައްކައި ދަނޑުފޮނުވާލާފައެވެ. މެޗުގައި ދެޓީމުން ޖެހި ފުރަތަމަލަނޑަކީ ބައިކޮޅަށް ވަތްލަނޑުތަކެވެ.
ރޭންޖާސްގެ ގްލެން ކަމާރާ އާއި އަލްފެރެޑޯ މޮރޭލޮސް ލަނޑުތަކުން ލީޑް ނަގާފަވަނިކޮށް ބެންފީކާއިން ނަތީޖާ ހަމަހަމަކުރީ ރަފާ ސިލްވާ އާއި މެޗުގެ އިތުރުވަގުތުގައި ޑާވިން ނުނޭޒް ކާމިޔާބުކުރި ލަނޑުންނެވެ. މޮރޭލޮސް ވަނީ ޔޫރަޕުގައި މިހާތަނަށް ރޭންޖާސްއަށް ކުޅުނު 37 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ކުލަބުގެ ރެކޯޑެކެވެ. ޔޫރަޕާ ލީގު ރީބްރޭންޑްކުރި ފަހުން ބެންފީކާގެ ދަނޑުގައި އެންމެފަހުން މި މުބާރާތުގައި ކުޅުނު 24 މެޗުންވެސް އެޓީމު ބަލިވެފަ އެއް ނުވެއެވެ. 19 މެޗުން މޮޅުވިއިރު ފަސްމެޗުން ވަނީ އެއްވަރުވެފައެވެ.
ރޭގައި މި ގުރޫޕްގައި ޕޮޒްނާން އާއި ސްޓާންޑަޑް ލީގް ވާދަކުރި މެޗު ޕޮޒްނާން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މިނަތީޖާ 7 ޕޮއިންޓް ހޯދައިގެން ގުރޫޕްގެ ކުރީގައި އޮތީ ރޭންޖާސް އާއި ބެންފީކާއެވެ. ޕޮޒްނާން ތިންޕޮއިންޓް ލިބިފަވާއިރު ސްޓާންޑާޑް ލީގަށް ޕޮއިންޓެއް ނުލިބެއެވެ.