2012 ވަނަ އަހަރު އޮތް ވެރިކަން ވައްޓާލުމާއި ގުޅިގެން ފުލުހުންގެ މުއައްސަސާއިން ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދުންކަމުގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒު ފަޙުމީ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މުއައްސަސާގެ ތެރެއިން ދެން ވެރިކަން ވައްޓާލަން ނުނިކުންނާނެކަމުގެ ޔަގީންކަން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވައި ދެއްކެވި ވާހަކަތަކަށް އިޝާރާތްކޮށް އިމްތިޔާޒު ވިދާޅުވީ ފުލުހުންގެ ތެރެއިން ވެރިކަން ބަދަލުކުރުމުގެ ޔަގީންކަމާއި އިތުބާރު އޮތްކަމުގައި ވާނަމަ އެއީ ވަރަށްވެސް ރަނގަޅު ކަމެއްކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ފުލުހުންގެ މުއައްސަސާއާއިމެދު އޭރުކުރި އިތުބާރު ގެއްލިފައިވާއިރު، މިއަދުވެސް ފުލުހުންގެ މުއައްސަސާއިން ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދުންކަމުގައި އިމްތިޔާޒު ވިދާޅުވިއެވެ.
އެ ޔަޤީންކަން އޮތްކަމަށްވާނަމަ ކިތަންމެހާ ވެސް ހެޔޮ، ރަނގަޅު. ނަމަވެސް އެ ޔަޤީންކަން ރައްޔިތުންނަށް އެރުވުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަކީ، “ޓުރުތު އެންޑް ރީކޮންސިލިއޭޝަން" ގެ އުސޫލުން އެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދުން ކަމަށް ދެކެން.
– އިމްތިޔާޒު ފަހުމީ
ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އިއްޔެ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.
ދެހާސް ބާރަވަނަ އަހަރު ނަޝީދުގެ ވެރިކަން ބަދަލުވީ އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ނަމަވެސް ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ވަނީ ނަޝީދާ ދެކޮޅަށް ނިކުމެފައެވެ. އަދި ޖެހިގެން އައި ދުވަހު ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްލީ ބަޣާވާތަކުން ކަމަށް ވިދާޅުވެފައެވެ. އެކަން ރައީސް ވަހީދުގެ ސަރުކާރުގައި ތަހުގީގު ކުރިއެވެ. ބޭރުގެ މާހިރަކާއެކު ކުރިއަށް ގެންދިޔަ މިނިވަން ތަހުގީގުގައި ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެ ދުވަހު ހިނގާދިޔަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ހިމަނާފައިވެއެވެ.
ކޯނީގެ ރިޕޯޓުގައި ވެސް ބުނެފައި ވަނީ ފެބްރުއަރީ 6، 7 އަދި 8 ވަނަ ދުވަހު ފުލުހުން އަނިޔާވެރިވެފައިވާ ކަމަށާއި ބަލައި ތަހުގީގުކޮށް ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ. އެއީ ބައެއް ސިފައިންނާއި ބައެއް ފުލުހުންގެ ފަރާތުން އެ ދެ ތަނުގެ މަރުކަޒުތަކަށް ވެސް ގެއްލުން ލިބުނު ދުވަހެކެވެ. ނަމަވެސް މިހާތަނަށް އެކަންކަން ރަނގަޅު ތަހުގީގުކޮށް ފިޔަވަޅުތައް އަޅާފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ