ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަން އެބައ އޮތްކަމަށާއި، މިކަން ހުއްޓުވަންޖެހޭކަމަށް މާފަންނު މެދު ދާއިރާ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މުވައްޒަފަކު ނުވަތަ ކުރިން މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރި މީހަކަށް ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ ކުންފުނިތަކުގެ ތެރޭގައި ހަދިޔާގެ ގޮތުގައާއި، ވައްކަމުގެ ގޮތުގައި އެތައް ކަމެއް ކުރަމުންދާކަމަށެވެ.
ކުންފުނިތަކުގެ އެމްޑީން ވަގު އައިޑީތަކާއި، ވަގު ނަންތަކުގައި ޕްރޮޕޯސަލް ހަދައި އެތަކެތި ބިޑްތަކަށް ލައިގެން ވައްކަމުގެ ކަންކަން ހިންގަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބޮންޑާ ވިދާޅުވީ ތަޙްޤީޤީ އިދާރާތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއްދީގެން މިކަންކަން ބަލަންޖެހޭ ކަމަށެވެ. އަދި ހަމަ އެކަނި ޤާނޫނުތައް ހެދުމަކުން ނުވާނެކަމަށާއި، ޤާނޫނުތައް ތަންފީޒު ކުރުމުގައި އިދާރާތަކުން ކުރަންޖެހޭ މަސައްކަތް ނުކުރެވޭނަމަ މިކަންކަން ނުހުއްޓުވޭނެކަމަށްވެސް ބޮންޑާ ވިދާޅުވިއެވެ.
"ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ނާޖައިޒް ފައިދާ ނުގުމާއި، މަޤާމުގައި ތިއްބެވި ބޭފުޅުން ބައެއް ފަހަރަށް ރިސޯޓްތަކަށް ވަޑައިގެން، ރިސޯޓްތަކުން ފަރީއްކުޅުވައިގެން ބިލް ނުދައްކާ އެބަދޭ. އެތަބަޔަކު އެބަބުނޭ މިހެން އެބަހަދައޭ. މިއީ ރިޝްވަތު. އާއިއިލާ އެކީގައި ގޮސްވެސް މިގޮތަށް އެބަ ކަންތައްކުރޭ" ބޮންޑާ ވިދާޅުވިއެވެ.
ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔަ ދުވަސްވަރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އެ މުވައްޒަފުގެ ނަމުގައި ނުވަތަ މުވައްޒަފުގެ އާއިލާގެ ނަމުގައި ނުވަތަ ޒާތީ ނުވަތަ ވިޔަފާރީ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ މިލްކު ކުރުމަކީ ވެސް ކުށެއް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މިބިލުގައި ބުނެފައި ވެއެވެ.
މި އިސްލާހުގައިވާ ގޮތުން، އެ މުވައްޒަފެއްގެ ދިރިއުޅުމުގެ ފެންވަރު ޤާއިމުކޮށްފައިވަނީ ޤާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެކެވެ. އަދި އާއިލާގެ ނަމުގައި ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް މުދަލެއް ލިބިފައިވަނީވެސް ޤާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވުމަކީވެސް ކުށެކެވެ.
މި ކުށް ކުރި ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ ފަނޑިޔާރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވާނަމަ، އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެއެވެ. އެހެންވާނަމަ އެ ކުށުގެ އަދަބަކީ އެންމެ ގިނަވަގެން 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
މި ކުށް ކުރި ފަރާތަކީ ދައުލަތުގެ އެހެން ވަޒީފާއެއްގައި އުޅޭ މީހެއްކަމަށްވާ ނަމަ، އެއީ ޖިނާއަތުގެ ތިންވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެއެވެ. އެ ދަރަޖާގައި ކުށުގެ އެންމެ ބޮޑު އަދަބަކީ 8 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
ކޮމެންޓު ފޮނުވާ