ކޯވިޑްގެ ތިންވަނަ ރާޅެއް އިންޑިއާއަށް އަރައި އިންތިހާއަށް ކޯވިޑްގެ ޕޮޒިޓިވް ކޭސްތައް މަތިވަމުން އަންނަނީ ބިރުގަންނަހާ ހަލުވި މިނެއްގައެވެ.
ކޯވިޑްގެ ސަބަބުން އެންމެ ބޮޑަށް އަޑިއަޅާލި އެއް ދާއިރާ އަކީ ބޮލީވުޑެވެ. ބޮޑެތި ބަޖެޓުތަކުން ހަދާފައި ހުރި ފިލްމުތަކެއް ސިނަމާތަކަށް ނުގެނެވި ދިގުދެމިގެން ގޮސް، ފިލްމު އެޅުވޭނެ މުއްދަތެއް ނޭނގި ބޮޑު ފޮށްޓަށްލާ ތަޅުލާން ޖެހުން ކިތަންމެ ފިލްމެއް އެބަހުއްޓެވެ.
ބެލުންތެރިން އުންމީދު ކުރަމުންދާ ކިތަންމެ ފިލްމެއް އެޅުވުމަށް ތާރީހު ހަމަޖެއްސި ނަމަވެސް ކޯވިޑްގެ ސަބަބުން އަނެއްކާވެސް ތާރިހުތަކަށް ބަދަލު ގެންނަން ޖެހޭފަދަ ހާލަތެއް އިންޑިއާގައި މި ވަގުތު އޮތުމުން އަނެއްކާވެސް ފިލްމަތައް ކިއުގައި މަޑުޖައްސާލަން ވަނީ ޖެހިފައެވެ.
އޭ ލިސްޓުގެ ބައެއް ތަރިން މިހާރު ޝޫޓިންގ ކުރިއަށް ގެންދާ ފިލްމު ތަކުގެ ޝޫޓިންވެސް ކޯވިޑްގެ ސަބަބުން މިވަނީ މެދުކެނޑިފައެވެ. އެގޮތުން ބޮލީވުޑްގެ ދެ ސުޕަސްޓާރުން ކަމުގައިވާ ސަލްމާން ޚާނާއި ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމުތަކުގެ ޝޫޓިންގ މި ވަނީ ކޯވިޑްގެ ސަބަބުން މެދުކަނޑާލައިފައެވެ.
ޔަޝްރާޖް ފިލްމްސްގެ އުންމީދީ ދެ ފިލްމު ކަމުގައިވާ "ޕަތަން" އާއި "ޓައިގާ 3″ ކޯވިޑްގެ ސަބަބުން ޝޫޓިން މެދުކަނޑާލައިފާ ވާކަމަށް އަދިއްތިޔާ ޗޯޕްރާ ވަނީ އިއުލާން ކޮށްފައެވެ.
"ޕަތަން" އަކީ ގިނަ ދުވަސްތަކަކަށް ފަހު ސާހްރުކް ޚާން އެބުރި ބޮޑު ސްކުރީނަށް އެނބުރި އަންނަ ފިލްމެވެ. އަދި މި ފިލްމް އަކީ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެއް ވެސް މެއެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ދީޕިކާ ޕަޑުކޯން، ޖޯން އަބްރަހަމް، ޑިމްޕަލް ކަޕާޑިއާ ފަދަ ތަރިން ފެނިގެން ދާނެއެވެ. އަދި މި ފިލްމުން ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެނިގެން ދާނެއެވެ. މީގެ ކުރިންވެސް އެކި އެކި ސަބަބު ތަކާ ހުރެ މި ފިލްމުގެ މަސައްކަތް ވަނީ މެދު ކެނޑިފައެވެ.
ކޯވިޑްގެ ސަބަބުން ސަލްމާން ޚާންގެ "ޓައިގާ 3″ ވެސް މި ވަނީ މަސައްކަތް މެދުކެނޑިފައެވެ. ސިލްސިލާ ކޮށް ގެނެސް ދެމުން އަންނަ ޓައިގާގެ 3 ވަނަ ފިލްމުން މުހިންމު ރޯލު ތަކުން ކެޓްރީނާ ކައިފް އާއި އިމްރާން ހާޝިމީ ފެނިގެން ދާނެއެވެ.
މީގެ އިތުރުން މެދުކަނޑާލި ޝޫޓިންތަކުގެ ތެރޭގައި އިރްފާން ޚާންގެ ދަރިފުޅު ބާބިލް ޚާންގެ ވެބް ސީރީ "ދަ ރެއިލްވޭ މޭން" ހިމެނެއެވެ. މިއީ ޔަޝްރާޖް ފިލްމްސް ގެ ފުރަތަމަ ވެބް ސީރިޒެވެ. މި ވެބް ސީރީޒުން އާރް މާދަވަން ވެސް ފެނިގެން ދާނެއެވެ.