އެވަޓަންގެ ކޯޗްގެ މަޤާމުން ބެނިޓޭޒް ވަކިކޮށްފި

އެވަޓަންގެ ކޯޗްގެ މަޤާމުން ބެނިޓޭޒް ވަކިކޮށްފި

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2022 03:07
0

އިންގްލިޝް ޕްރިމިއަރ ލީގުގެ އެވަޓަންގެ ކޯޗްކަމުގެ މަގާމުން ރަފައެލް ބެނީޓޭޒް ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ނޯވިޗް ސިޓީ އާއި ބައްދަލުކުރިމެޗުން ބަލިވުމުންނެވެ. އެމެޗް ވެގެންދިޔައީ އެންމެފަހުން އެވަޓަން ކުޅުނު 12 މެޗްގެ ތެރެއިން ބަލިވި ނުވަ މެޗަށެވެ. އަދި އެންމެފަހުން ކުޅުނު 13 މެޗްގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި މިވަގުތު އޮތީ ތާވަލްގެ 16 ވަނައިގައެވެ.

މަގާމުން ވަކިކުރުމާއެކު ވާހަކަ ދައްކަމުން ބެނީޓޭޒް ބުނީ އޭނާ މަގާމާއި ހަވާލުވިއިރުވެސް މިއީ ފަސޭހަ ކަމަކަށް ނުވާނެކަން އެނގުނު ކަމަށެވެ. މިއީ އޭނާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެކަމަށް ގަބޫލް ކުރެވުނު ކަމަށެވެ. އޭގެތެރެގައި ކްލަބް އޮތް ހާލަތާއި އަދި އޭނާ ކުރިން އެންމެ ވާދަވެރި ލިވަޕޫލަށް ކޯޗް ކޮށްދީފައިވުމުން އެވަޓަންގެ ސަޕޯޓަރުންގެ ރުހުން ހޯދުމަކީވެސް ގޮންޖެހުމަކަށް ވާނެކަމަށް ބެނިޓޭޒް ބުންޏެވެ.

އެހުރިހާ ކަމަކާއެކުވެސް އޭނާ އެފުރުސަތު ގަބޫލް ކުރީ މަރސީސައިޑްގައި ގިނަ އަހަރު ތަކެއްވަންދެން އުޅެވިފައިވުމުން އެތަނަށް އޮތް ލޯތްބެއްގެ ބޮޑު ކަމުންނެވެ. ނަމަވެސް މިގޮންޖެހުމުގެ އަސްލު ހާލަތު އަންދާޒާ ކުރެވޭވަރުވީ މަގާމާއި ހަވާލުވެ ކްލަބްގެ ހާލަތު ގާތުން ފެނުމުންކަމަށް ބެނިޓޭޒު ބުންޏެވެ.

ބެނީޓޭޒްގެ ބަދަލުގައި އެމަގާމަށް ދާއިމީ ކޯޗެއް އައްޔަން ކުރެވުމާއެކު އެކަން ހާމަކުރާނެކަމަށް އެކްލަބުން ބުނަމުން ދިޔަ ނަމަވެސް މިހާރުވެސް ބައެއް ކޯޗުންގެ ނަންތައް ވަނީ އެވަޓަންގެ ކޯޗް ކަމާއި ގުޅުވައިގެން ދެކެވެން ފަށާފައެވެ. މިގޮތުން އެޓީމްގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ޑަރބީގެ ކޯޗް ވޭން ރޫނީ އާއި ބެލްޖިއަމް ޤައުމީ ޓީމްގެ ކޯޗް ރޮބާޓޯ މާޓިނޭޒްގެ ވާހަކަ އަންނަނީ އިނގިރޭސި މިޑިއާ ތަކުން ކްލަބާއި ގުޅުވައިގެން ރިޕޯޓުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.