އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ އިދިކޮޅު ހަރަކާތްތަކަށް ބަލާއިރު، އެޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލަން ޖެހެނީ އެޕާޓީން ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ކުރިޔަށް ގެންގޮސްފައިވާ "އިންޑިއާ އައުޓު" ކެމްޕޭނެވެ.
ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންޑިއާ ސަރުކާރާ އެކީ ކޮށްފައިވާ ދިފާޢީ އެއްބަސްވުމާއި ދެކޮޅަށް ޕީޕީއެމްއިން އަޑު އުފުލަމުންދާއިރު، މި އަޑުއުފުލުންތަކުގެ ތެރެއިން އެޕާޓީން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ ހަރަކާތަކީވެސް އިންޑިއާ އައުޓް ހަރަކާތެވެ.
އަދި ވަކީން ޚާއްސަކޮށް ކުރީގެ ރައީސް ޔާމިން ޖަލުން މިނިވަން ވެގެން ދިއުމާއެކު، އިންޑިއާ އައުޓުގެ ހަރަކާތް އާ ގިންތިއަކަށް ކުރިޔަށް ޖައްސާ، މިހަރަކާތުގެ އެންމެ ކުރިޔަށް ޚުދު ރައީސް ޔާމިން ނިކުންނަވާ، ރާއްޖޭގެ ރަށްތަކަށް ޚުދު އެމަނިކްފާނުވަނީ އިންޑިއާ އައިޓް ޓީޝާޓުގައި ދަތުރު ކުރައްވަން ފައްޓަވާފައެވެ. އަދި ރައީސް ޔާމިން އަމަލީ ގޮތުން މި ހަރަކާ ގުޅިވަޑައި ގަތުމަށްފަހު، ހަރަކާތުގައި ބައިވެރިވަމުންދާ އާންމުން ރައްޔިތުންގެ އަދަދު އިތުރު ވެގެން ގޮސްފައި ވާއިރު، މި ހަރަކާތުގައި ޕީޕީއެމްއަށް ތާޢީދު ނުކުރާ، އެހެންނަމަވެސް މިއީ ގައިމީ ހަރަކާތެއްގެ ގޮތުގައި ދެކި، ހަރަކާތުގައި ބައިވެރިވަމުންދާ އެތައް ބަޔަކު ތިބިކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަންޖެހެއެވެ.

އެހެންނަމަވެސް، އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާއި ދެކޮޅުހެދުމުގެ ގޮތުންނަވަމެވެސް، އިދިކޮޅު ޕީޕިއެމްއިން ކުރިޔަށް ގެންދާ "އިންޑިއާ އައުޓު" މިހަރަކާތުގެ ނަން އިންޑިއާއަށް ނިސްބަތްވެ، ރާއްޖޭގެ ރަށްތަކުގައި، ގެތަކުގެ ފާރުތަކުގައާއި، ނަގާފައިވާ ދިދަތަކުންނާއި އަދި އެނޫން ގޮތްގޮތުންވެސް ލިޔެ ފާޅު ކުރަމުންދާ ޝުޢޫރުތައް އިންޑިއާއަށް ނިސްބަތްވެސް، ރާއްޖޭގައި ދިރި އުޅެމުންދާ އިންޑިއާ މީހުންނާއި އަދި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި މި ޝިއާރުތަކާއި ޝުއޫރުތަކުގެ ކަންބޮޑުވުން ހުރިކަމުގައި ސަރުކާރުގެ މުވައްސަސާތަކުން ވަނީ ފާޅުކޮށްފައެވެ.
އިންޑިއާ އައުޓު ނުވަތަ އިންޑިއާ މިލިޓަރީ އައުޓުތަ؟
އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ "އިންޑިއާ އައުޓު" ޙަރަކާތުން އެންމެ ބޮޑަށް ފާހަގަވެގެންދާ އެއް ކަމަކަށް ވެގެން ދަނީ، މިހަރަކާތުގައި ބޭނުން ކުރަމުންދާ ބެނާރތަކާއި، ލޯގޯތަކާއި، ދިދަތަކާއި އަދި ހަރަކާތަށް ނިކުންނަށް މުޒާހިރާ ކުރާ ފަރާތްތަކުން ބޭނުން ކުރަމުންދާ ޓީޝާޓް ތަކެވެ.
މިގޮތުން މުޅި ހަރަކާތަށް ބަލާއިރި، މިހަރަކާތުގެ ނަން މީޑިއާތަކުގައި "އިންޑިއާ އައުޓް" ހަރަކާތުގެ ނަމުގައި މަޝްހޫރުވެގެން ގޮސްފައިވި ނަމަވެސް، ހަރަކާތުގެ ތެރެއިން ފެންނަ ޝުޢޫރުތައް ފެންނަމުން ދަނީ ހަމައެކަނި އިންޑިއާ އައުޓު ނަމުގައި ނޫންކަން ފާހަގަ ކޮށްލަން ޖެހެއެވެ. އޭގެ ބަދަލުގައި ހަރަކާތުގެ ބައިވެރިން ބޭނުން ކުރަމުންދާ ދިދަތަކުން ރާއްޖެ މިނިވަން ކުރުމަށް ގޮވާލާ ޝިއާރު ފާޅުވާން ހުންނަ ލޮގޯއެއް ބޭނުން ކުރަމުން ދާއިރު، މި ހަރަކާތުގެ ބައިވެރިންނާއި އަދި އިސްކޮށް ތިއްބަވާ ބޭފުޅުން ބޭނުން ކުރަމުންދާ ބެނާތަކުންނާއި ޓީޝާޓުތަކުން "އިންޑިއާ އައުޓު" އަދި އޭގެ އިތުރުން ބައެއް ބެނާރަތަކުގައި "އިންޑިއާ މިލިޓަރީ އައުޓް" ޖަހާފައި ހުންނަ މަންޒަރު ފެންނާން ހުރެއެވެ.
އެހެންނަމަވެސް، ރައީސް ޔާމިން ޖަލުން މިނިވަން ވުމަށްފަހު، މިހަރަކާތުގެ އެންމެ ކުރީގައި ސަފުގައި އެމަނިކްފާނު ހުންނަވަމުން ދާއިރު، އެމަނިކްފާނު ބޭނުން ކުރައްވަމުން ގެންދަވާ ޓީޝާޓުގައި ބޮޑުއަކުރުން "އިންޑިއާ އައުޓް" ޖައްސަވައިގެން ހަރަކާތުގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާތީ، ބައެއް ފަރާތަކަށް މިއީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ތިބުމާއި ދެކޮޅަށް ކުރިޔަށް ދާ ހަރަކާތަކަށްވުރެ ބޮޑަށް، ޖުމްލަކޮށް އިންޑިއާއާއި ދެކޮޅަށް ކުރިޔަށް ދާ ހަރަކާތެއްގެ ގޮތުގައި ސިފަކުރުމުގެ ޖާގަ ވަނީ ލިބިގެން ގޮސްފައެވެ.
އެހެންކަމުން، އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ތިބުމާއި ދެކޮޅަށް ކުރިޔަށްދާ ހަރަކާތުގައި ތަފާތު ޝޫއޫރުތައް އެކި ގޮތްތުން ބޭނުން ކުރަމުންދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުން މިހަރަކާތުގެ ހަގިގީ އަމާޒަކީ އިންޑިއާގެ އަސްކަރިއްޔާ ރާއްްޖެއިން ބޭރުކުރުން ކަމުގައި ވީނަމަވެސް، އެނޫން އެތައް ގޮތަކުން މި ހަރަކާތް ސިފަކުރުމުގެ ފުރުސަތު މި ހަރަކާތާ ދެކޮޅު ސިޔާސީ ފަރާތްކަށް ފަހިވެގެން ގޮސްފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އަދި ކަމުގެ ހަގީގަތަކީވެސް، ސިޔާސީގޮތުން ކުރިޔަށް ދާ މިފަދަ ހަރަކާތެއްގެ އަމާޒު ވަރަށްވެސް ސާފުވާން ޖެހޭ ކަމެކެވެ. އަދި ހަރާކާތުގައި އެތައް ފަހަރަކު ވާހަކަ ދައްކަވަމުން އިންޑިއާގެ ރައްޔިތުންނާއި އެއްވެސް މައްސަލައެއް ނެތްކަމުގައި ޚުދު ރައީސް ޔާމިން ވިދާޅުވަމުން ގެންދަވާއިރު، މިހަގީގަތް އަމަލީގޮތުން އެމަނިކްފާނުވެސް ސާބިތު ކޮށްދެއްވަން ޖެހިވަޑައިގަންނަވާނޭ ކަމީ ކަށަވަރުވެ ޔަގީން ވާކަމެކެވެ.
ސަބަބަކީ، "އިންޑިއާ އައުޓް"އާއި "އިންޑިއާ މިލިޓަރީ އައުޓް" މި ދެޝިއާރު އަޅާ ކިޔާލުމުން އޭގެއިން ހާސް ތަފާތު ނެރެވިގެން ދާނެތީއެވެ.
އިންޑިއާ ޓީޗަރުން ރާއްޖެ ދޫކޮށް ހިގައިދާނެ ކަމުގެ ކަންބޮޑުވުން!
ސްކޫލް ސަރަޙައްދު ތަކުގައި "އިންޑިއާ އައުޓް" ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އެކަމުގެ ކަންބޮޑުވުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ އިންޑިއާ ކޮމިއުނިޓީގެ މެދުގައި އިންތިހާއަށް އޮތް ކަމުގައި މިހަފްތާގައި އެޑިއުކޭޝަން މިނިސްޓްރީންވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފަހަކަށް އައިސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ސިޔާސީ ވާދަވެރިން އިސްވެތިބެ ހިންގަމުން ގެންދާ "އިންޑިއާ އައުޓް" ޙަރަކާތުގެ ތެރެއިން ސްކޫލް މަދުރަސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެއިބާރާތް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިއުމާއި، އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަކުރުން އިތުރުވެފައި ވާކަމުގައެވެ.
މިގޮތުން، ވޭތުވެދިޔަ ހަފްތާ ތެރޭގައި އިދިކޮޅު ސިޔާސީ ވާދަވެރިންގެ ފަރާތުން ށ. އަތޮޅުގައި ކުރިއަށް ގެންދިޔަ ރެލީތަކުގައި އެފަދަ ބެނާތައް ސްކޫލް ސަރަޙައްދުގައި ހަރުކޮށްފައިވާކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ. އަދި، ށ. ފުނަދޫގައި ކުރިއަށްގެންދިޔަ ރެލީއެއްގައި އިދިކޮޅު ސިޔާސީ ލީޑަރެއްގެ ފަރާތުން ގޭގޭގެ ފާރުތަކުގައި އެ އިބާރާތުން ލިޔަން ވެއްޖެކަމަށް ބުނެ ވާހަކަދެއްކިތާ މާ ގިނައިރުތަކެއްނުވެ، ފުނަދޫ ސްކޫލުގެ (ށ. ފުނަދޫ) ފާރުގެ ބޭރުގައި "އިންޑިއަން-އައުޓް" މޭރުމުން ލިޔެފައިވާ ކަމަށާއި، މި ޢިބާރާތްތަކަށް ބަލާއިރު ސީދާ ޓާގެޓް ކުރެވެނީ މިތަންތަނުގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަށްކަން ފާހަގަކުރެވޭކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.
ސްކޫލް މަދުރަސާ ތަކަކީ ގިނަ އަދަދަކަށް ބިދޭސީ (އިންޑިއާ) ޓީޗަރުން ވަޒީފާ އަދާކުރަމުންދާ ތަންތަނަށްވެފައި ސްކޫލް ސަރަޙައްދު ތަކުގައި އެގޮތަށް ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފަ. އަދި އެފަރާތްތަކަށް އެތަންތަނުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެފަރާތްތަކުން ސްކޫލްތަކުގައި އެދެމުން.
އެޑިއުކޭޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ބަޔާނުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރުންނަކީ އެފަރާތްތަކުގެ އަމިއްލަ ވަޒަނާއި އާއިލާތައް ދޫކޮށް، ރާއްޖޭގެ ޅަދަރީންނަށް އުންގަންނައިދިނުމުގެ ޚިދުމަތުގައި ޒަމާނުއްސުރެން ޚިދުމަތް ކުރަމުންދާ ބަޔަކަށްވާއިރު، ބިދޭސީ ޓީޗަރުން ހޯދުން ދަތިވެފައިވުމާއި، އަދި ރާއްޖެ ގެނެވޭ ބިދޭސީ ޓީޗަރުންނަކީ ދިވެހިން ލިބުން ދަތި މާއްދާތައް ކިޔަވައިދިނުމަށް ގެނެވޭ ފަރާތްތަކަށްވުމުން، މިފަދަ ޢަމަލުތަކުގެ ސަބަބުން އެފަރާތްތަކުން ވަޒީފާ ދޫކޮށްދާން ޖެހޭ ހިސާބަށް ކަންކަން ގޮސް، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެ، މިކަމުގެ ސަބަބުން ދަރިވަރުންނަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ބިރު އޮތް ކަމުގައެވެ.
އަދި ސިޔާސީ މަންފާއަށް، ދަރިވަރުންގެ ކިޔެވުމަށް ނުރަގަޅު އަސަރު ކޮށްފާނޭ މިފަދަ އަމަދު ނުހިންގުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީވަނީ ސިޔާސީ ފަރާތްތަކަށް ގޮވާލާފައެވެ.
އިންޑިއާއި މެދު ނަފްރަތު ނުއުފެދޭ ގޮތަށް މިސްރާބު ކުރަންޖެހޭ!
ކޮންމެއަކަސް ގަބޫލު ކުރަންޖެހިފައިވާ އެއް ހަގީގަތަކީ، އިންޑިއާ އައުޓު ހަރަކާތަކީ، މިއަދު މި ސަރުކާރާ ދެކޮޅަށް ހިންގޭ އެންމެ ބޮޑު ސިޔާސީ އެއް ހަރަކާތް ކަމެވެ. އަދި މި ހަރަކާތް ފެށިގެން އައީވެސް މި ސަރުކާރުން އިންޑިއާ ސަރުކާރާ އެކީ ވެފައިވާ ދިފާޢީ އެއްބަސްވުމަކާ ހަމައިން ކަމަށްވާތީ، ހަރަކާތުގެ ބައިވެރިން ބުނަމުންދަނީ ހަރަކާތުގެ އަމާޒަކީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރު ކުރުން ކަމުގައެވެ.
އެހެންނަމަވެސް، ހަމައެއާއެކު ގަބޫލުކުރަން ޖެހޭ އަނެއް ހަގީގަތަކީ، މިހަރަކާތުގައި މިހަރަކާތުގެ ނަމެއްގެ ގޮތުގައި ވައިގައި ހިފާފައިވަނީ "އިންޑިއާ އައުޓް"ކަމެވެ. މިހަރަކާތައް ނިސްބަތް ކުރެވެމުން ދަނީ "އިންޑިއާ މިލިޓަރީ އައުޓް" މި ނަމުންނެއް ނޫނެވެ.
އަދި މި ހަރަކާތުގައި، ޚުދު ރައީސް ޔާމިންވެސް އަދި ގިނަ އެނޫން ބައިވެރިންވެސް ބޭނުން ކުރާ ޓީޝާޓްތަކުގައި ބޮޑު އަކުރުން ލިޔެފައި އޮންނަނީ "އިންޑިއާ އައުޓް" މި އިބާރާތެވެ. އަދި ހަރަކާތުގައި ބޭނުން ކުރެވޭ ގިނަ ބެނާތަކުގައި ބޮޑު އަކުރުން ލިޔެފައި އޮންނަނީވެސް "އިންޑިއާ އައުޓް" މި އިބާރާތެވެ.
އެހެންކަމުން، ރާއްޖެއާއި ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ، އަދި ދިވެހިންވެސް އެކި ބޭނުންތަކަށް އަހަރެއްގެ މަތިން އެތައް ފަހަރަކު ދަތުރު ކުރަން މަޖުބޫރި ގައުމަކަށް، އިދިކޮޅު ސިޔާސީ މިަފދަ ބޮޑު ހަރަކާތެއް ނިސްބަތް ވެގެން ދިއުމުގައި ކަންބޮޑުވުންތައް ހުނާނޭކަމުގައި މިއަދު ގަބޫލު ކުރަން ޖެހެއެވެ.

ހަމައެއާއެކު، އިންޑިއާގެ ނަން މިބީދައިން ބޭނުން ކުރެވިގެން ދާނަމަ، ރާއްޖޭގައި ދިރި އުޅެމުންދާ އިންޑިއާގެ ރައްޔިތުންނާއި، ވަޒީފާ އަދާކުރަމުންދާ އެގައުމުގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ދިއުމަކީ ތަބީއީގޮތުން ވުން ގާތް ކަމެއްކަމުގައިވެސް ދަންނަވަން ޖެހެއެެވެ.
އެހެންކަމުން "އިންޑިއާ އައުޓް" ހަރަކާތްގެ މިސްރާބުން އަލުން މިޒާންކޮށް، ސީދާކޮށް، މިހަރަކާތް ކަސިޔާރުވެގެން ދިޔަ ނުދިނުމަށް ހަރަކާތުގެ ބައިވެރިން ވިސްނުން ގެންގުޅެންވީ ވަގުތު ޖެހިފައިވާ ކަމުގައި މިއަދު މިވަނީ ގަބޫލުކުރަން ޖެހިފައެވެ.
2 Responses
ޤައުމެއް ޤައުމެއްގެ ގޮތުގަ ދަމަހައްޓާ ބަޔަކީ އެ ޤައުމެއްގެ ސިފައިންނާއި ފުލުހުން ކަމަށްވީހިނދު ޤައުމެއްގެ އަސްކަރިއްޔާ އަކީ މުޅި ޤައިމު ކަމުގައި ވާތީ އިންޑިއާ އައުޓް ނޫން އެއްޗެއް އެއަކަށް ނުކިޔޭނެ
ޏަފުރަތެއް އުފެދޭކަމަށް ވާނަމަ އެ ނަފްރަތެއް އުފެއްދީ މިއަދުގެ ސަރުކާރުން. ޢެހެން ގައުމރެއްގެ ސިފައިން އިންޑިއާގަ ބޭނުންހާގޮތަކަށް އުޅެން އެހެން ގައުމެއްގެ އެމްބަސީ އިން އިންޑިއާ ގެ ސަރުކާރާ މިނިސްޓަރުންނާ އެމްޕީންނާ ގުޅި އިންޑިއާގެ ދާޚިލީ ކަންކަމާ ބެހޭނަމަ އިންޑިއާ ހަމަ ޖެހިގެން އޮންނާނެބާ؟ މިއަދު ދިވެހީން ގައުމަށްޓްކައި ބުނަން ވެސް ގިވަންވެސް ފެލެންވެސް އޮތީ އިންޑިއާ އައުޓް.