ޤާނޫނީ ޒިންމާ އަދާނުކުރެވޭކަމަށްބުނެ މިނިސްޓަރ ޒަހާ އިސްތިއުފާ ދެއްވުމަށް ނިހާދު ގޮވާލައިފި

ޤާނޫނީ ޒިންމާ އަދާނުކުރެވޭކަމަށްބުނެ މިނިސްޓަރ ޒަހާ އިސްތިއުފާ ދެއްވުމަށް ނިހާދު ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2020 12:58
0

ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރެވި މަސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް ލިބެމުންދާތީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު ނިހާދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަމުން ނިހާދު ވިދާޅުވީ ޤާނޫނީ ގޮތުން ހަދަންޖެހޭ ޤާނޫނުތަކާއި ޤަވާއިދުތައް ހެދުމަށް އެތައް ދުވަސްތަކެއް ފާއިތުވެގެންދާއިރުވެސް މިނިސްޓަރ ޒަހާއަށް އެކަން ކުރެވިފައިނުވާކަމަށެވެ. މިކަމަކީ އެމްޑީޕީން ވެރިކަމަށް އައުމަށް މަސްވެރިންނަށް ވެފައިވާ ވައުދަކަށްވާއިރު މިވައުދު ތަންފީޒު ކުރުމަށް އުފައްދާފައިވާ މިނިސްޓްރީއަށް މިކަން ނުކުރެވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.

މަސްވެރިންގެ ހާލަތު ނުބަލައި މަސްވެރިންނަށް ޙައްޤު މިންވަރު ހޯދައިދިނުމުގައި ފިޝަރީޒް މިނިސްޓްރީ ފެއިލްވެފައިވާ ކަމަށް ބުނެ މިނިސްޓަރުގެ މަގާމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޒަހާ އިސްތިއުފާ ދެއްވުމަށް މީގެ ކުރިން ވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ގޮވާލައްވާފައި ވެއެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދު ނަހަދާތީ މިނިސްޓަރ ޒަހާ ޤާނޫނީ ޒިންމާ އަދާނުކުރައްވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. މިދިޔަ ދައުރުގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޤަވާއިދު ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓް ލިބިވަޑައިގެންފައިއިވާކަމަށެވެ. މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހަދަންޖެހޭ ޤަވާއިދުތައް ހަދާފައި ނުވާތީ މަޖިލީހުގެ ޤަވާއިދު ކޮމިޓީން ބެލި މައްސަލައިގަ ކޮމިޓީންވަނީ ޤަވާއިދު ހެދުމަށް މިނިސްޓަރ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

މިގޮތަށް އެކި ފަހަރު މަތިން މަޖިލިސް ތަޅުމުގައާއި ކޮމިޓީގައި މެމްބަރުން ޤަވާއިދުތައް ހެދުމަށް ދެންނެވުމުން ވަޒީރު ވިދާޅުވެފައިވަނީ ޤަވާއިދުތައް ހަދައި އޭޖީ އޮފީހުގެ ލަފަޔަކަށް އެދި ފޮނުވާފައިވާ ކަމަށެވެ.

މަސްވެރިކަމުގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ޤާނޫނު ތަސްދީގްކޮށް އަމަކުރަން ފަށަފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ. އެތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ޤާނޫނުގައި ކަނޑައަޅާފައިވާ ޤަވާއިދުތައްހެދުމަކީ މިނިސްޓަރުގެ ޒިންމާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.