الحمد لله، والصلاة والسلام على من لا نبي بعده،
ހުކުރު ދުވަހު ހުކުރުނަމާދު ކޮށްފިނަމަ، މެންދުރު ނަމާދު ކުރާކަށް ނުޖެހޭނެއެވެ. ހުކުރު ނަމާދުގެ ޖަމާޢަތް ނުލިބިއްޖެ މީހާ މެންދުރު ނަމާދު ކުރުން ހުއްޓެވެ.
ހުކުރު ދުވަހު ކުރަން ވާރިދުވެފައިވާ އަޅުކަންތައް:
- ހުކުރު ނަމާދު ކުރުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِي لِلصَّلاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنتُمْ تَعْلَمُونَ) މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވާލެވިއްޖެނަމަ، ފަހެ މާތް ﷲ ހަނދުމަ ކުރުމަށްޓަކައި ހިނގައި ދާށެވެ. އަދި ވިޔަފާރި ކުރުން ހުއްޓާލާށެވެ. އެއީ ތިޔަބައިމީހުން ދަންނަނީނަމަ ތިޔަބައިމީހުންނަށް ހުރި ހެޔޮކަމެކެވެ".
ރަސޫލުﷲ – ޞައްލަﷲ ޢަލައިހި ވަސައްލަމަ – ޙަދީޘް ކުރެއްވިއެވެ. "ފަރުވާ ކުޑަކަމާއި އެކު ތިންހުކުރު ދޫކޮށްފި މީހެއްގެ ހިތުގައި މާތް ﷲ ސިއްކަ ޖައްސަވައެވެ".
- ދުޢާ ކުރުން ގިނަކުރުން. ހުކުރު ދުވަހުގައި ދުޢާ އިޖާބަ ކުރައްވާ ވަގުތެއް ވެއެވެ. އެވަގުތާއި ދިމާކޮށް ދުޢާކޮށްފިނަމަ، މާތް ﷲ އެދުޢާ އެއް އިޖާބަ ކުރައްވާނެ ކަމަށް ސުންނަތުން ޘާބިތުވެއެވެ.
- ކަހަފް ސޫރަތް ކިޔެވުން. ރަސޫލު ﷲ -ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔަވައިފިނަމަ ދެހުކުރު ދެމެދުގައި އަލިކަމެއް ލައްވައެވެ".
- ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަ ކުރުން. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމުގެފާނު ހެއްދެވީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު އަވަހާރަވީ ވެސް އެދުވަހުގައެވެ. ގިޔާމަތް ވާނީވެސް އެދުވަހުގައެވެ. ތާޅަފިލި ފުމެލެވެނީވެސް އެދުވަހުގައެވެ. ތިމަން ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ތިޔަބައިމީހުން ގެ ޞަލަވާތް ތިމަން ކަލޭގެފާނަށް ހުށަހެޅޭނެއެވެ. އެހިނދު ޞަޙާބީން ދެންނެވިއެވެ. ކަލޭގެފާނު އަވަހާރަ ވުމަށްފަހުގައި، ތިމަންމެންގެ ޞަލަވާތް ކަލޭގެފާނަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ނަބީބޭކަލުންގެ ހަށިތައް ކެއުން މާތް ﷲ ވަނީ ބިންތަކަށް މަނާ ކުރައްވާފައެވެ".
واللهتعالىأعلم.