ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން ސަރުކާރުން އިންޑިއާގެ ޓާޓާ ކުންފުންޏަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބާރު ރާއްޖޭގައި އިންތިހާއަށް ގަދަވެފަ އޮތީމުންކަމަށް ވިދާޅުވެމާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ފާޑުވިދާޅުވެއްޖެއެވެ.
މޭޔަރ މުޢިއްޒު ވިދާޅުވީ އޯޑިއޯން އަދި ނާދީ ހުރި ބިން އިންޑިއާގެ ޓާޓާ ކުންފުންޏަށް ހަވާލުކުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެން ވާނެ ކަމެއް ނޫންކަމަށެވެ. އެއީ ޤާނޫނާއި ޚިލާފަށް ސަރުކާރުން ކުރި ކަމެއް ކަމަށް މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންގެ ބަހެއް ނުހޯދާ މާލޭގެ ބިމެއް އެއްވެސް ފަރާތަކަށް އެގޮތަކަށް ސަރުކާރަކަށް ނުދެވޭނެ. އެއީ ޤާނޫނާއި ޚިލާފަށް ކޮށްފަ އޮތްކަމެއް.
– މޭޔަރު މުޢިއްޒު
މޭޔަރ ވިދާޅުވީ ރައްޔިތުން ވޯޓުލައިގެން ކައުންސިލެއް ހޮވަނީ ލާމަރުކަޒީ ޤާނޫނު ތަންފީޒުކުރަން ކަމަށްވާއިރު ރައްޔިތުންގެ ބަސް ހޯދަން އަހަންޖެހޭނީ ކައުންސިލްގައި ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ ބަހެއް ނުހޯދައި އެ 2 ބިން ޓާޓާއަށް ދިނުމުން ކަންބޮޑުވުން ފާޅުކުރައްވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ ސަރުކާރުން މި ނިންމުން ނިންމާފައި އެވަނީ މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލާއިއެކު ކައުންސިލްގެ ފަރާތުން އެކުލަވާލި ލޭންޑް ޔޫސް ޕްލޭންވެސް ހަދާ ފޮނުވާފައި އޮތް ދަނޑިވަޅެއްގައި ކަމަށެވެ.
އަދި މިގޮތަށް މާލޭގެ ރައްޔިތުންގެ ޚިޔާލު ނުހޯދައި މާލޭގެ ބިންތައް ޓާޓާ އާއި ހަވާލު ކުރުމުން މާލެ ރައްޔިތުން ވަރަށްބޮޑަށް އުންމީދުކުރަމުން ދިޔަ ކަންކަމަށް ހުރަސް އެޅޭނެ ކަމަށްވެސް މޭޔަރ މުޢިއްޒު ވިދާޅުވިއެވެ. އަދި އެއީ މާލޭގެ ރައްޔިތުން ޤަބޫލުވާނެ ކަމެއް ނޫންކަމަށްވެސް މޭޔަރ ޔަޤީންކަން ދެއްވިއެވެ.
އެހެން ދިނީމަ މިވާގޮތަކީ މާލޭގެ ރައްޔިތުން ވަރަށްބޮޑަށް އުންމީދުކުރަމުން ދިޔަ ކަންކަމަށް ހުރަސް އެޅޭނީ. އަޅުގަނޑަށް ހަމަ 100 ޕަސެންޓް ޔަޤީން އޯޑިއޯން އަދި ނާދީ ހުރި ބިމުގައި ފްލެޓްތަކެއް އަޅާކަށް އެ ސަރަޙައްދުގެ އެއްވެސް ރައްޔިތަކު އެއްބަހެއްނުވާނެ. އަޅުގަނޑުމެންނާއި ބައްދަލުކޮށްފަ އެވާހަކަ އޮތީ ދައްކާފަ.
– މޭޔަރު މުޢިއްޒު
މޭޔަރ މުޢިއްޒު ވިދާޅުވީ ސަރުކާރުން މިފަދައިން ޢަމަލުކުރާނަމަ ލާމަރުކަޒީ ނިޒާމުގެ އެއްވެސް ބޭނުމެއް ނެތްކަމަށެވެ. މިއާއި އެކު މޭޔަރ ވިދާޅުވީ ޓާޓާއަށް އެ 2 ބިން ސަރުކާރުން ދިނީ އިންޑިއާގެ ބާރު މިތަނުގައި އިންތިހާއަށް ގަދަވެފަ އޮތީމަ އިންޑިއާ ކުންފުންޏަކަށް ދިނުމުގެ މަޤްޞަދުގައި ކަމަށާއި، އެނޫން އެއްވެސް ބޭނުމެއް ނެތް އެކަމުން ފެނިގެން ނުދާކަމަށެވެ.
މިހާރު އިންޑިއާ ސަރުކާރުން އެދިއްޖެނަމަ ކޮންމެ ކަމެއްވެސް ކުރާގޮތަށް މިސަރުކާރު މިއޮތީ. އެގޮތުގެ މަތިން އިންޑިއާ ކުންފުންޏެއްވީމަ ދިނީ. މާލެ ރައްޔިތުންގެ އެއްވެސް ބަހެއް ނުހޯދާ. ސަރުކާރުގެ އެއްވެސް އިދާރާ އަކުން އަޅުގަނޑުމެނާ ބައްދަކެއް ނުކުރޭ މި 2 ބިމަށް ގޮތެއް ނިންމާކަށް. މިއީ މާލެ ރައްޔިތުންނާއި ދޭތެރޭ މިސަރުކާރުން ގެންގުޅޭ ސިޔާސަތަކީ.
– މޭޔަރު މުޢިއްޒު
މޭޔަރ އިތުރަށް ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި ވާގޮތުން މާލެ ސިޓީ ކައުންސިލްގެ އިޙުތިޞާސްގެ ތެރޭގައި ހިމެނޭ ސަރަޙައްދެއްގައި ސަރުކާރުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވިޔަސް އަދި ހުރިހާ ޤައުމީ އިދާރާ ތަކުންވެސް ކަމެއް ކުރާނަމަ މާލެ ސިޓީ ކައުންސިލާ މަޝްވަރާކުރަން ޖެހޭނެކަމަށް ކަޅާއި ހުދުން ވަރަށް ސާފުކޮށް ލިޔެފައި އޮންނާނެ ކަމަށެވެ.
އެހެންކަމުން މިފަދަ ނިންމުންތައް ސަރުކާރުން ނިންމަންވާނީ ޤާނޫނު ބުނާގޮތަށް ކައުންސިލާއި ހިއްސާކޮށް ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް މޭޔަރ މުޢިއްޒުގެ ވާހަކައިގައި ވިދާޅުވިއެވެ.
އެހެންކަމުން މާލޭގެ ބިމުގައި މާލޭގެ ރައްޔިތުންގެ ބަހެއް ނުހޯދާ މާލޭގެ ރައްޔިތުންނަށް އޭގެން ފައިދާ ނުވާނެގޮތަކަށް އެއްވެސް ކަމެއް ކުރެވިގެން ވާނެކަމަކަށް މާލެ ސިޓީ ކައުންސިލުން ޤަބޫލު ނުކުރާކަމަށްވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ.
ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި، އެ ދެ ބިމާއި ފަޅު ރަށް އަލުން ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.