ކޯވިޑްގެ އާލަމީ ވަބާ ދުނިޔެއަށް އާންމު ވެގެން ދިއުމަށްފަހު، މުޅި ދުނިޔެއަށްވެސް ކުރިމަތިވެގެންދިޔަ އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވެގެން ދިޔައީ ކޯވިޑް ކާރިސާ އެންމެ ފުރިހަމަ ގޮތުގައި މެނޭޖް ކުރުމެވެ. މިގޮތުން ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ކާރިސާ މެނޭޖު ކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުން އެކި މިންވަރަށް ކާމިޔާބު ހޯދާފައި ވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކަށް އަދިވެސް ވަނީ، ކާރިސާއިން ސަލާމަތް ވާނެ މަގެއް ހޯދުމުގައި އެންމެ ރަގަޅުގޮތް އިޚްތިޔާރު ނުކުރެވިފައެވެ.
މިގޮތުން ކޯވިޑްގެ އާލަމީ ވަބާ އެކި ގައުމުތަކުގައި މެނޭޖު ކުރުުމުގެ ޒިންމާ އެކި މުވައްސަސާތަކާއި މަތިކޮށްފައިވާއިރު، ރާއްޖޭގައި ކޯވިޑާއި ގުޅުންހުރި ހުރިހާ ޒިންމާއެއް ރަސްމީކޮށް އަދާ ކުރަމުންދަނީ އެޗްޕީއޭގެ ފުރިހަމަ ބެލުުގެ ދަށުންނަވެ. އެހެންނަމަވެސް، އެއީ ހެލްތު މިނިސްޓްރީން އެ މުވައްސަސާއާއި ގުޅުން ހުރި ކަންކަން ރެގިއުލޭޓް ކުރުމާ އެކީގައެވެ.
މިގޮތުން ކޯވިޑްގެ ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި ސިޔާސަތު ރާވާ ލެވެލްގައި ނިންމަންޖެހޭ އެންމެހާ ކަންކަން ޑޮކްޓަރުންގެ ބެލުމުގެ ދަށުން ނިންމަމުން ދާއިރު، މީގެ ތޭރޭގައި ހިމެނޭ މައިގަޑު ގިނަ ކަންކަމަކީ، ރައްޔިތުންގެ އާންމު ދިރިއުޅުމާވެސް ގުޅުން ހުރި އަދި، ކޯވިޑްގެ ކާރިސާ މެނޭޖް ކުރުމުގައި ކުރަންޖެހޭ ބޮޑެތި ޚަރަދުތަކާވެސް ގުޅުންހުރި ކަންކަން ކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
މީގެތެރޭގައި، އެޗްޕީއޭއިން ނިންމާ ނިންމުންތަކުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ ދަތުރު ފަތުރާއި، ކަރަންޓީންވާންޖެހޭ ޖެހުމާއި، ވިޔަފާރިތައް އޮޕަރޭޓް ކުރުމާއި، އަދި މިހެންގޮސް، އެއް ދުވަހުން އަނެއް ދުވަހަށް ހަދަންޖެހޭ ޕީސީއާރު ޓެސްޓުތައް ހެދުމާއި، އަދި މިނޫނަސް ރައްޔިތުންގެ ޖީބުންނާއި އަދި ދައުލަތުންވެސް ބޮޑެތި ޚަރަދުތައް ކުރަންޖެހޭ ނިންމުންތައް ހިމެނޭއިރު، މި މުވައްސާއިން ފާއިތުވެދިޔަ ތަނުގައި މިގޮތުން ނިންމާފައިވާ މުހިންމު ބައެއް ނިންމުންތަކާއި ގުޅޭގޮތުން ގިބަޔަކު ވަނީ ޝަކުއްގެ ނަޒަރަކުން ދެކެން ފަށާފައެވެ.

އޭގެ އިތުރުން ތަފާތު އެކި އެކި ނިންމުންތައް އެކި ފަހަރު އެކިގޮތަށް ނިންމުމުގެ އިތުރުން އެޗްޕީއޭގެ ނިންމުންތަކަށް އެމުވައްސަސާއިން އަވަސްއަވަހަށް ބަދަލުތައް ގެނެސްފައި ވުމުގެ ނަތީޖާއެއްގެ ގޮތުން، ބޮޑު ކާރިސާއެއްގެ ވަގުތުގައި ގިނަ ބަޔަކަށް އޮޅުން ބޮޅުންތައް އަރާ، މުވައްސަސާއާމެދު އޮތް އިތުބާރަށް ހީނަރުކަން އައިސް، އެޗްޕީއޭގެ ހަގީގީ މިސްރާބު އޮޅޭ ހިސާބަށް ހާލަތު ގޮސްފައިވާ ކަމަށްވެސް ކާރިސާއަށް ދެއަހަރެއްހާ ދުވަސް ފާއިތުވެގެން ދާއިރު ގިނަބަޔަކު ވަނީ ބުނަން ފަށާފައެވެ.
ސިޔާސަތު ރާވާ ފަރާތްތަކާއި ވިޔަފާރިތަކާ ގުޅުންހުރި ކަމުގެ ޝަކުވާ!
ކޯވިޑް19ގައި ފާއިތުވެދިޔަ މުއްދަތުގައި އެޗްޕިއޭއާއި އަދި އެނޫންވެސް ގިނަ މުވައްސަސާތަކަކުން ބޮޑެތި ބުރަ މައްސައްކަތްތަކެއް ކޮށްފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
މިގޮތުން، ކާރިސާއެއްގެ ތެރޭގައި ރަގަޅަށް ހިގާ ގިނަ ކަންތައްތައް ހުންނަ ފަދައިން ގިނަ ބައެއްގެ ފާޑިކިއުން އަމާޒު ވެގެން ގޮސްފައިވާ ކަންކަން ހުރިކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި އެޗްޕީއޭގެ ގައިޑްލައިންތަކުގައ ހިމެނިފައިވާ، އާންމު ދިރިއުޅުމާއި ގުޅުންހުރި ބައެއް ހިފެހެއްޓުންތަކާއި، އަދި އޭގެ އިތުރުން، އެޗްޕީއޭއިން ފާއިތުވެދިޔަ މުއްދަތުގައި ނިންމާފައިވާ ބައެއް ނިންމުންތަކާއި ގުޅޭ ކަންކަންވެސް ހިމެނިގެން ގޮސްފައި ވެއެވެ.
އެހެންނަމަވެސް، އެއަށްވުރެ ބޮޑަަށް، ސިޔާސީ ގިނަފާރާތްތަކާއި އަދި އާންމުންގެ ތެރެއިންވެސް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެގެން ގޮސްފައިވާ އެއް ކަމަކަށް ވެގެން ގޮސްފައިވަނީ، އެޗްޕީއޭގެ ސިޔާސަތު ކަނޑައަޅާ ޓީމުގައި ތިއްބަވާ ބައެއް ޑޮކްޓަރުންނާއި، ކޯވިޑް ކާރިސާއަށް ކުރަމުންދާ ޚަރަދުތަކާއި ގުޅުންހުރި ނިންމުންތަކާއި ގުޅުވާލެވެން ހުރި މަގުތަކެވެ. މީގެތެރޭގައި، އެޗްޕީއޭގައި އޮތް "ޓެގް" ޓީމުގައި ތިއްބެވި ބައެއް ޑޮކަޓްރުންގެ ހިއްސާ އޮންނަ ކުލިނިކްތަކުން ދެމުން އަންނަ ސިއްޚީ ޚިދުމަތްތަކާއި، މިގޮތުން ނިންމާފައިވާ ނިންމުންތަކާއި ގުޅިގެން ގޮސްފައިވާ މިންވަރާއި އަދި ގޮތާއިމެދު ގިނަ ބަޔަކު ދަނީ ޝައްކުގެ ނަޒަރަކުން ދެމެމުންނެވެ.
މީގެ ތެރެއިންވެސް ގިނަ ބައެއްގެ ޝައުގެވެރިކަން އެންމެ ފަހުން ހުއްޓިގެން ގޮސްފައިވާ އެއް މައްސަލައަށް ވެގެން ދިޔައީ، ކޯވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވެ، ރާއްޖޭގައި ދަތުފަތުރުކުރާ މީހުން ޕީސީއާރު ޓެސްޓް ހަދަން ޖެހޭގޮތަށް އެންމެ ފަހުން އެޗްޕީއޭއިން ނިންމި ނިންމުމެވެ.
އެޗްޕިއޭގެ މި ނިންމުމާއެކު، ވަކީން ޚާއްސަކޮށް ސްކޫލް ޗުއްޓީގައި އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށް ބޭނުން ވެފައި ތިބި ފަރާތްތަކާއި، އަދި ޗުއްޓީއަށް މާލެ އައުމަށްފަހު އެބުރި ރަށަށް ދާން ބޭނުންވެފައި ތިބި ފަރާތްތަކުން ޕީސީއާރު ޓެސްޓު ހެދުމަށް އަވަސް ވެގަތް މަންޒަރު ފެނިގެން ދިޔައެވެ. އަދި ދިގު ކިއުތައް ހަދާ، ޕީސީއާރު ޓެސްޓް ހެދުމަށްޓަކާ އެތައް ބަޔަކު ގިނަ ވަގުތު ކިއުތަކުގައި މަޑުކުރަން ޖެހުނެވެ. ނަތީޖައެއްގެ ގޮތުން، އެޗްޕީއޭއިން ޕީސީއާރު ޓެސްޓު ހެދުމަށް ހަމަޖައްސާފައި ހުރި އިންތިޒާމްތައް ދޫކޮށް، ކުލިނިކްތަކުން ޕީސީއާރު ޓެސްޓުތައް ހެދުމަށްވެސް ގިނަބަޔަކު އަވަސް ވެގެންފައިވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އެޗްޕީއޭއިން ކުއްލިގޮތަކަށް މި ނިންމި ނިންމުމަކީ ގިނަބަޔަކަށް ކުއްލިއަކަށް އުފުލަން ޖެހުނު ބޮޑު ތަކުލީފަކަށް ވެގެން ދިއުމުގެ އިތުރުން، މިއީ ޕީސީއާރު ޓެސްޓް ހަދާދޭ އަމިއްލަ ފަރާތްތަކަށް ބޮޑު ނަފާވެރިކަމެއް ލިބިގެންދާނޭ ނިންމުމެއްގެ ގޮތުގައި މި ނިންމުން ގިނަބަޔަކަށް ސިފަކުރަން މަޖުބުރުވީ، އެޗްޕީއޭގެ އެންމެ އިސް ބައެއް ޑޮކްޓަރުންނާއި، އަމިއްލަ ގޮތުން ހިންގަމުން އަންނަ ކުލިނިކްތަކާއި ހިއްސާގެ ގޮތުން ނުވަތަ ޚިދުމަތުގެ ގޮތުން އޮތް ގުޅުމުގެ މައްޗަށެވެ.
ކޮންމެއަކަސް، ކަމުގެ ހަގީގަތް އަދި ކޮންމެ ބީދައަކުން އޮތް ނަމަވެސް، ސިޔާސަތު ރާވާފަރާތްތަކުގެ ވިޔަފާރީގެ މަސްލަހަތު ހަމަ އެއް ދާއިރާއެއްގައި މި ބީދައިން އޮތުމަކީ މަސްލަހަތުގެ ފުށުއެރުން ނައްތާ ނުލެވޭނެ އިންތިޒާމެއް ކަމުގައި ގަބޫލުކުރަން ޖެހެއެވެ. އަދި މިމަސްލަހަތުގެ ފުށުއެރުން ނައްތާލެވޭނެ ރެގިއުލޭޓަރީ އެއްވެސް އިންތިޒާމެއް ހިންގުމުގެ ތެރެއަށް ނުގެނެވިއްޖެނަމަ، މިއީ ކުރެވެމުންދާ ޝައްކުތަކާއި ވަހުމްތައް އޭގެ އިންތިހާއަށް ގޮސް، ހައްލު ކުރަންދަތި ބޮޑެތި މައްސަލަތަކާއި މުސްތަގުބަލުގައި ކުރިމަތިލާން ޖެހޭނޭ ކަމެއްކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ނިންމުންތައް އެކި ފަހަރު އެކި ގޮތަށް!
ފާއިތުވެދިޔަ މުއްދަތުގައި، ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ އެޗްޕީއޭއިން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އެންމެ ބޮޑު މައްސަލައަކަށް ފާހަގަވެގެން ދާ އެއް މައްސަލައަކީ، އެޗްޕީއޭގެ ނިންމުންތަކަށް އަވަސް އަވަހަށް އަންނަ ބަދަލުތަކެވެ. މިގޮތުން ދާދިފަހުން ފާހަގަވެގެން ދިޔައީ މާލޭ ސިޓީ ކައުންސިލުން އިންތިޒާމްކުރި ނައިޓް މާރކެޓް ބޭއްވުމާއި ގުޅޭގޮތުން 48 ގަޑިއިރު ތެރޭގައި އެޗްޕިއޭގެ ނިންމުން އެއިދާރާއިން 4 ފަހަރަށް ބަދަލު ކުރި ކުރުމެވެ.
އަދި މިނޫނަސް ފާއިތުވެދިޔަ ތަނުގައި، ވަކީން ޚާއްސަކޮށް ރާއްޖޭގައި އޭރު ހަލުއިކަމާއެކު ކޯވިޑް ފެތުރެމުން ދަނިކޮށް، ފާއިތުވެދިޔަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކޮށްފައި އޮތް އޮތުމަށް އެޗްޕީއޭއިން ގެނައި ކުއްލި ބަދަލާއި، އަދި މިނޫނަސް، ކޯވިޑާއި ގުޅޭގޮތުން އަޅާފައި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި އެ މުވައްސަސާގެ މައްޗަށް ފާއިތުވެދިޔަ ތަނުގައި ސިޔާސީ ނުފޫޒ ފޯރާފާއިވާ ކަމަށް ކުރެވެމުންދާ ތުހުމަތުތަކަށް ބާރު ލިބިދޭ ގޮތަށް ބައެއް ނިންމުންތައް ނިންމާފައިވާ ވުންވެސް ފާހަގަވެގެން ގޮސްފައިވަނީ، އެޗްީއެއް އެއް މިސްރާބަކަށް ދަތުރު ކުރަމުން ނުދާކަމުގެ ހެއްކެއްގެ ގޮތުގައިކަމަށް ގިނަބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

އެހެންކަމުން، މުޅި ދުނިޔެއަށް ކުރިމަތިވެގެން ގޮސްފައިވާ ކާރިސާގެ މިފަދަ ދަނޑިވަޅެއްގައި، އެޗްޕީއޭފަދަ މުހިންމު މުވައްސާއެއްގެ ލީޑަރޝިޕް ވަރަށްވެސް ހަރުދަނާ ވާންޖެހޭ ކަމުގައި ގަބޫލުކުރަން ޖެހެއެވެ. މަސައްކަތްތަކުގެ ދެފުށް ވަރަށްވެސް ރަގަޅަށް ފެންނާން އޮންނަން ޖެހެއެވެ. އަދި އެޗްޕީއޭގެ އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން، ހެލްތު މިނިސްޓަރު މިކަންކަމަށް ޖަވާބުދާރީވެސް ވާންޖެހެއެވެ. މީޑިއާތަކުން ފެންނަން ޖެހެއެވެ. އަމިއްލަ ޕާޓީގެ ވަޒީރަކު ހެލްތު މިނިސްޓަރު ކަމުގައި ހުރުމުން ރައްޔިތުންގެ މަޖިލިސް މިކަންކަމާ ދެލޯ މަރާލައިގެން ނުވާނެއެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ޒިންމާ އަދާކުރެއްވުމުގައި އެހާރާއި މިހާރު ތަފާތުކަން ހުރެގެން ނުވާނެއެވެ.
ދައުލަތުންގެ އިސްވެރިން، ދައުލަތުގެ އިސްމަގާމްތަކުގައި ތިއްބަވާހާ ހިދަކު، ޒާތީ ތައްސުބުން އެއްކިބާވެ، އިންސަފާއ ހަމަހަމަ ކަމާއި، އަދި ގައުމީ މަސްލަހަތުގައި އެކަނި މަސައްކަތް ކުރުމުގެ މެނުވީ، ކުރިމަތިވަމުންދާ ބޮޑެތި މައްސަލަތަކަށް ހައްލެއް ފެންނާނެ ންތަކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.