ޓީޗަރުންނާއި ދަރިވަރުން ދިރިއުޅޭ ރަށަށް އަވަހަށް ދިއުމަށް އެޑިއުކޭޝަނުން އެދިއްޖެ!

ޓީޗަރުންނާއި ދަރިވަރުން ދިރިއުޅޭ ރަށަށް އަވަހަށް ދިއުމަށް އެޑިއުކޭޝަނުން އެދިއްޖެ!

Author
މުޙައްމަދު ޖިމީ
10 ޖެނުއަރީ 2022 06:44
0

ކޯވިޑް ފެތުރު އަނެއްކާވެސް އިތުރުވެފައިވާތީ، ސްކޫލްތަކުގެ ކިޔެވުމަށް ލޮޅުމެއް އަތުވެދާނެތީ ޗުއްޓީގައި ތިބި ޓީޗަރުންނާއި ދަރިވަރުން ވީ އެންމެ އަވަހަށް އެބައެއް ދިރިއުޅޭ ރަށަކަށް ދިއުމަށް އެޑިއުކޭޝަނުން އިލްތިމާސްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް އިލްތިމާސްކޮށްފައިމިވަނީ ސްކޫލް ޗުއްޓީއާއިި ދިމާކޮށް ގިނަ ޢަދަދެއްގެ ބަޔަކު މާލެއަށް އައިސްފައިވަނިކޮށް އެޗްޕީއޭއިން ހަރުކަށީ ފިޔަވަޅުތަކެއް ކުއްލިއަކަށް ތަންފީޒްވެސް ކުރަން ފަށާފައިވަނިކޮށެވެ. އެޑިއުކޭޝަނުން ވަނީ، މާލެ ސަރަޙައްދުގައި ކޯވިޑް ފެތުރޭ މިންވަރު އިތުތުވެ ނުރައްކަލާ ކުރިމަތިވެފައިވާތީ ދަރިވަރުންގެ ކިޔެވުމަށް ކުރިމަތިވެދާނެ ހީނަރުކަން ކުޑަކުރުމަށް މަސައްކަތް ކުރުމަށް އެދިފައެވެ.

ކޯވިޑްގެ ޙާލަތާ ގުޅިގެން އެތަށް ފަހަރެއްގެ މަތިން، ދަރިވަރުން ސްކޫލްތަކަށް ހާޒިރުކޮށްގެން ކިޔެވައިދިނުން ހުއްޓާލަން ޖެހުނެވެ. އަދި ދަރިވަރުން ގޭގައި ބައިތިއްބައިގެން އޮންލައިންކޮށް ކިޔަވައިދިނުންވީ ދަރިވަރުންނާއި ބެލެވެރިން އަދި ޓީޗަރުންނަށްވެސް ބޮޑެތި ދަތިތަކާ ކުރިމަތިވިކަމަށެވެ. އޮންލައިންކޮށް ކިޔަވައިދިނުން އަހަރެއްހާ ދުވަހަށް ކުރިއަށްގެންދިޔުމަށްފަހު، ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭން ފެށީ މިދިޔަ އަހަރުގެ މެދުތެރޭގައި ފެށި ދިރާސީ އާ އަހަރާއެކުއެވެ.

ކިޔަވައިިދިނުން ފަށާފައިވަނީ، އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކުއެވެ.

ޗުއްޓީގައި ތިބި ޓީޗަރުންނާއި ދަރިވަރުން ވީ އެންމެ އަވަހަށް އެބައެއް ދިރިއުޅޭ ރަށަކަށް ދިއުމަށް އެޑިއުކޭޝަނުން އިލްތިމާސްކޯށްފައިވާއިރު، ދެވަނަ ޓާމަށް ސްކޫލްތައް ހުޅުވާއިރު ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިންވަނީ މިހާރު ސްކޫލްތަކަށް އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން އަދި ސްކޫލް މުވައްޒަފުން ރާއްޖެ އަންނަތާ 3 ނުވަތަ 5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމާއި އަދި މި ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވުމަށް ވަނީ އަންގާފައެވެ. އަދި މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު އެހެން ރަށަކަށް ދަތުރުކޮށް، އެރަށުގެ ސްކޫލަކަށް ހާޒިރުވާނަމަ އެފަރާތުންވެސް އެރަށަށް އަންނަތާ 3 ދުވަސް ނުވަތަ 4 ވަނަ ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށާއި ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުވުން ވަނީ މަނާކޮށްފައެވެ.

އެޑިއުކޭޝަނުން ވަނީ ސްކޫލްތެރޭގައި ދަރިވަރުންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން އުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމް ކޮންމެ ސްކޫލުގައިވެސް ހަމަޖައްސާފައި ހުރުމަށް ވަނީ އަންގާފައެވެ. މިދުވަސްވަރު އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކުވެސް ސްކޫލްގެ ތެރޭގައި ގްރޫޕް ހަދައިގެން ކައިބޮއެ ނުވަތަ އެއްވެސް ކަހަލަ އެއްވުމެއް ބޭއްވުން ވަނީ މަނާކޮށްފައެވެ. ހަމައެއާއެކު ކޮންމެ ސްކޫލެއްގައި ޤާއިމުކޮށްފައިވާ "އިންފެކްޝަން ކޮންޓްރޯލް މެޝަރސް"ގެ އެންމެހާ ކަންކަން ފުރިހަމައަށް ތަންފީޒުކުރުމަށްވެސް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ މި ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމަށް ހުރިހާ ސްކޫލްތަކާއި އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ތަންތަނާއި އިދާރާތަކަށް އަންގާފައެވެ. އަދި ދުނިޔޭގެ ބައެއް ޤައުމުތަކުން ފެނިފައިވާ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން އެޗްޕީއޭއިން އާންމު ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށްވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.