އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތް ވަނީ މީގެ ދެ އަހަރު ކުރިން އުވިގޮސްފައި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު އަވަހާރަކޮށްލުމަށް ދިން ހަމަލާއިން ދިފާޢުވުމަށް ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކު ކޯޓުގައި ވާހަކަ ދައްކައިފިއެވެ.
މިދިޔަ އަހަރުގެ މެއި 6 ގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އަލި މަނިކުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒްމްގެ ކުށުގެ ދަޢުވާއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ޢަބްދުﷲ ޢަލީ މަނިކަކީ ބޮން ގޮއްވި މީހާ ފިލުވަން ހަރަކާތްތެރިވި މީހާއެވެ. އޭނަ ހައްޔަރުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 18ގައެވެ.
މީގެ އިތުރުން ހއ. ހޯރަފުށި، އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްޗަށް ވެސް ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އުފުލާފައެވެ.
މި މައްސަލާގައި މިއަދު ކޯޓަށް ޙާޒިރުކުރުމުން އެދެމީހުންވެސް ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ. ބްދުالله އަލީ ބުނީ 2019 ވަނަ އަހަރުގެ ފަހުކޮޅު އައިއެސް ޖަމާއަތުގެ ލީޑަރު މާރާލާފައި ކަމަށާއި އަދި އެއަށްފަހު އެ ޖަމާއަތް ވެސް އުވިގޮސްފައިވާ ކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 2019 އިގެ ފަހުކޮޅު އައިއެސް ޖަމާއަތުގެ ލީޑަރު މަރާލާފައި ވަނީ. އެއީ އުވި ގޮސްފައިވާ ޖަމާއަތެއްގެ ގޮތުގައި އަޅުގަނޑަށް ހަބަރު ލިބިފައި ވަނީ. އުވި ގޮސްފައިވާ ޖަމާއަތަކަށް އަޅުގަނޑު ކިހިނެއްތޯ ތާއީދުކުރާނީ. އެހެންވީމަ މި ދައުވާއަށް އަޅުގަނޑު އިންކާރުކުރަން..
– ޢަބްދުﷲ ޢަލީ މަނިކު ބުންޏެވެ.
ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރާ ކަމަށް ދައުލަތުން ކުރާ ތުހުމަތުތަކަށްވެސް އޭނާ ދިފައުގައި ވާހަކަ ފެއްކިއެވެ. އޭނާ ބުނީ 2017 ވަނަ އަހަރު މިސްކިތެއްގެ އިމާމުގެ ވަޒީފާ އޭނާ އަދާކޮށްފައިވާ ކަމަށެވެ.
އަޅުގަނޑަކީ 2017 ވަނަ އަހަރު ދައުލަތުގެ އިމާމެއްގެ ގޮތުގައި މިސްކިތުގައި މަސައްކަތް ކުރި މީހެއް. ކައިރި ގޭގޭގެ މީހުންނަށް އިނގޭނެ އަޅުގަނޑު ހުކުރަށް ދާ ތަނާއި ނަމާދަށް މިސްކިތަށް އަރާތަނާއި އެއްޗެހިވެސް. އަޅުގަނޑު ދަންނަ މީހަކަށް ވެއްޖިއްޔާ އެނގޭނެ..
– ޢަބްދުﷲ ޢަލީ މަނިކު ބުންޏެވެ.
އޭނާ ބުނީ ދައުލަތުން ހަދަނީ "ބުހުތާނު ދޮގު"ކަމަށެވެ.
މެއި 6ގެ މައްސަލާގައި އޭނާއަށް ދައުވާކޯށްފައިވާއިރު، ހިމަންދޫ މައްސަލައިގައިވެސް އަލިމަނިކު 2008 ވަނަ އަހަރު 10 އަހަރަށް ޖަލަށްލިއެވެ. ނަމަވެސް އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޖަލުން ފިލައިފައެވެ.
އަލީ މަނިކާ ދެކޮޅަށް ހުށަހަޅާފައިވާ ގިނަ ހެކިތަކުގެ ތެރެއިން ފަސް ހެކިވެރިއެއްގެ ވަނަވަރު ސިއްރުކޮށްދިނުމަށް މިއަދު ދައުލަތުން އެދިފަވެ އެވެ. އަދި އޭގެ އިތުރުން އޭނާގެ މައްޗަށް ހުށަހެޅި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ފޮރިންސިކް ރިޕޯޓުގެ އިންޑެކްސް ސީޑީވެސް ސިއްރު ކޮށްދިނުމަށް ދައުލަތުން އެދުނެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ބޮން ގޮއްވާލި އަޙްމަދު އަދުހަމް ވަނީ ކުށްސާބިތުވެ 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައެވެ.
ކޮމެންޓު ފޮނުވާ