ޓިވީ ޑްރާމާ ސިލްސިލާ ތަކުން މަގުބޫލުކަން ހޯދާފައިވާ ދެތަރިން ކަމުގައިވާ އާމިރު އަލީ އާއި ސަންޖީދާ ޝެއިޚްގެ ކައިވެނި ރޫޅާލައިފިއެވެ.
2012 ވަނަ އަހަރު ކައިވެނި ކުރި މި ދެތަރިން ސަރޮގަސީ މެދުވެރިކޮށް ދަރިއަކުވެސް ހޯދިފަހުން ވަރިވުމާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.
ވަރިވި ކަމުގެ ޚަބަރު އައުމުގެ ކުރިންވެސް ދެތަރިންގެ މެދުގައި މައްސަލަ ޖެހި، ދިރި އުޅެމުން ދިއައީ ވަކިން ކަމަށް ރިޕޯޓްތައް ބުނެއެވެ.
37 އަހަރުގެ ބަތަލާގެ މަޝްހޫރު ސިލްސިލާ ޑްރާމާ ތަކުގެ ތެރޭގައި "އިޝްގް ކާ ރަންގް ސަފޭދު" އާއި "އޭކް ހަސީނާ ތީ" އަދި "ކިޔާ ދިލް މޭ" ފަދަ އެތައް ސިލްސިލާތަކެއް ހިމެނެއެވެ. ސަންޖީދާ މިހާރު އަންނަނީ ބޮލީވުޑްގެ ފިލްމްތަކުން ވެސް ފެންނަމުންނެވެ.
އާމިރު ކުޅެފައިވާ ސިލްސިލާތަކުގެ ތެރެއިން އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނީ "ވޯ ރެހެނޭ ވާލީ މެހެލޯން ކީ" އަދި "އެފް.އައި.އާރް" އެވެ.
ރިޕޯޓްތައް ބުނާގޮތުގައި 8 އަހަރުވީ ކައިވެނި ނިމުމަކަށް ގެނެސްފައި ވިޔަސް މި ދެމީހުންގެ ދަރިފުޅު އުޅެމުން އަންނަނީ ސަންޖީދާއާ އެކުގައެވެ.
ބައެއް ރިޕޯޓްތަށް ބުނާގޮތުގައި ސަންޖީދާގެ ދެ ފިލްމް ކަމުގައިވާ "ތައިޝް" އަދި "ކުން ފަޔަކުން" ގެ ބަތަލު ހަޝްވަރުދަން ރާނޭއާ އޭނާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.