ޔީ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންފި

ޔީ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2022 09:19
0

ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ވާންގް ޔީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާ ވަޑައިގެންފިއެވެ.

ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަށް ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ވާންގް ޔީ ކުރެއްވި މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޑައިގަތުމަށް ހަަޖެހިފައިވަނީ ސްރީލަންކާއަށެވެ.

ޔީގެ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ޗައިނާއާއި ރާއްޖެއާ ދެމެދު ފަސް އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ. އަދި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލު ކުރައްވައި ދެޤައުމުގެ ގުޅުން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޔީގެ ދަތުރުފުޅުގައި ޗައިނާއިން ރާއްޖޭގައި ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ތެރޭގައި، ސިއްޚީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވެވުނު އެއްބަސްވުމާއި، އިގްތިސާދީ ގޮތުން ހިލޭ އެހީދިނުމުގެ އެއްބަސްވުމާއި، ވިސާ އެގްޒެމްޝަން އެއްބަސްވުމާއި، ސިނަމާލެ ބްރިޖްގެ ބެލެހެއްޓުމުގެ އެއްބަސްވުމުގެ އިތުރުން 5 ރަށެއްގައި މައިކްރޯގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމް ކުރުން ހިމެނެއެވެ.

ޗައިނާއާއަކީ ޒަމާނުއްސުރެ ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުންއަންނަ ޤައުމެކެވެ. އަދި ރާއްޖޭގެ ޢުމްރާނީ އިޤްތިޞާދީ ތަރައްޤީގައި ޗައިނާގެ ދައުރު ބޮޑެވެ. ރާއްޖެއިން ޗައިނާއާ ޚާރިޖީ ގުޅުން ގާއިމުކުރިތާ މި އަހަރު 50 އަހަރު ފުރޭނެއެވެ. މިއަދު ދެޤައުމުންވަނީ މިކަން ފާހަގަކުރުމަށްޓަކައި ބޭނުންކުރަން ކަނޑައަޅާފައިވާ ޚާއްސަ ލޯގޯ އިފްތިތާހުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.