ކޮމަންޑޫ ދާއިރާގެ ގޮޑި ކާމިޔާބު ކުރެވޭނެ ކަމުގެ 200 ޕަސެންޓް ޔަގީންކަން އެބައޮތް: ސިއްޕެ

ކޮމަންޑޫ ދާއިރާގެ ގޮޑި ކާމިޔާބު ކުރެވޭނެ ކަމުގެ 200 ޕަސެންޓް ޔަގީންކަން އެބައޮތް: ސިއްޕެ

Author
މުޙައްމަދު ޝަޒައިމް
07 ޖެނުއަރީ 2022 05:13
0

އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރާނެކަމުގެ 200 ޕަސެންޓް ޔަގީންކަން އެބައޮތް ކަމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ރާޝީދުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ބާއްވާ ޖަލްސާއަށް އެމްޑީޕީގެ އިސް ލީޑަރު ރައީސް ޞާލިހާއި ސަރުކާރުގެ ގިނަ އަަދެއްގެ ވެރިން ވަނީ މިއަދު ހަވީރު ކޮމަންޑޫއަށް ވަޑައިގެންފައެވެ. ކޮމަންޑޫއަށް ރައީސް ޞާލިހާއި، އެމްޑީޕީގެ ޓީމު ވަޑައިގަތުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު މައްޗަށް ނިކުމެފައެވެ.

އެމްޑީޕީން މިއިންތިޚާބަށް ވެފައިވާ ތައްޔާރީ ތަކާއި ގުޅޭގޮތުން ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިއެއްގައި ޝިފާޒު ވިދާޅުވީ، މިއަދު ހަވީރު ފެނިގެން މިދިޔަ މީހުންގެ އަދަދުވެސް މިދާއިރާގެ ރައްޔިތުން ތިބިގޮތް ސާފުވާކަމަށެވެ. އަދި މިރޭ ބާއްވާ ކެމްޕެއިން ލޯންޗު އިންވެންޓާއިއެކު މިއިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށާއި، ޕާޓީތަކަށް މިއީ އެހެން ޕާޓީއަކުން މިދާއިރާއަށް ވާދަކުރަން ނުޖެހޭވަރުގެ ދާއިރާއެއްކަން ސާފުވާނެކަމަށެވެ.

އަޅުގަނޑުމެންނަށް މިއިންތިކާޚާބު ކާމިޔާބް ކުރެވޭނެ ކަމަށާއިމެދު 200 ޕަސެންޓް ޔަގީންކަން އެބައޮތް. މިރޭ އަޅުގަނޑުމެން ޔަގީންކޮށް ދޭނަން މިއީ އެހެން ބަޔަކު އުޅެންޖެހޭ ވަރުގެ ކަމެއްނޫންކަން. މިދާއިރާގެ ރައްޔިތުން ތިބީ ކިހިނެތްކަން މިއަދު މިފެނުނު މަންޒަރުވެސް ސާފުވާނެ.

– ސިއްޕެ ވިދާޅުވިއެވެ.

ރާޝިދުގެ ކެމްޕެއިން ރަސްމީކޮށް ފެށުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮމަންޑޫ އެމްޑީޕީ ޖަގަހައިގައެވެ. ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ވާދަވެރިކަން ބޮޑުވެފައިވާއިރު، އިންތިޚާބުގައި ވާދަކުރައްވާ ތިން ކެނޑިޑޭޓުންވެސް ގެންދަވަނީ ކޮމަންޑޫ ދާއިރާގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ކެންސަރު ބަލީގައި މިމަހުގެ 14 ވަނަދުވަހު ނިޔާވުމުންނެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިޚާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިއަދު ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މޮނިޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައެވެ. ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަން
މުޅިއަތޮޅުން ވަޒީފާތަކުގައި ތިބި މީހުންނަށް މަޖުބޫރުކޮށްގެން ގެނައިމާ ވީވަރު