ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ ރާއްޖެ ވަޑައިގެންފި

ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ ރާއްޖެ ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
07 ޖެނުއަރީ 2022 04:55
0

ޗައިނާގެ ފޮރިން މިނިސްޓަރ އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ ރާއްޖެ ވަޑައިގެންފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ އަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޗައިނާގެ ސަފީރާއި، އެމްބަސީގެ ބޭފުޅުންނާއި، ފޮރިން މިނިސްޓްރީގެ އިސްބޭފުޅުންނެވެ.

އައު ވީއައިޕީ ޓަރމިނަލް ބޭނުންކުރައްވާ ބޭރުގެ ފުރަތަމަ ޑިޕްލޮމެޓަކަށްވެސް ވެވަޑައިގަންނަވާނީ ޗައިނާގެ ފޮރިން މިނިސްޓަރެވެ. އައު ވީ.އައި.ޕީ ޓަރމިނަލްގެ މަސައްކަތްކޮށްފައިވަނީ، އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތްކޮށްފައިވާ ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، (ބީ.ޔޫ.ސީ.ޖީ)އިންނެވެ.

ޗައިނާ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ މަހު ޗައިނާއަށް ކުރެއްވިި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށެވެ.

މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއިވެސް ޗައިނާގެ ފޮރިން މިނިސްޓަރު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާއާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރު 50 އަހަރު ފުރޭތީ އެކަން ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތު ތަކުގައިވެސް ޗައިނާގެ ފޮރިން މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި، ޗައިނާއިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.