މިހާރު ވެރިކަން ކުރަމުންދާ ސަރުކާރަށް، ތަރައްޤީގައި އާކަމެއް ކުރެވޭތަން ނުފެންނަ ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެނެސްދެއްވަމުންދާ ތަރައްޤީ ފެނިފައި، އެކަމާއި އުދަގޫވާނެ ބަޔަކު ތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ގެންނަ ތަރައްޤީ ފެނިފައި އެކަމާއި ކަންބޮޑުވާނަމަ ކަންވޮޑުވާނީ ރައީސް ނަޝީދުކަމަށެވެ.
މިސަރުކާރުން މުޅިން އާތަރައްޤީގެ ނަމުގައި ގެންނަމުންދާ ތަރައްޤީއަކީ ނިމިދިޔަ ހުރިހާ ސަރުކާރުތަކުންވެސް ކުރަމުންދިޔަ ކަންތައްތައް ކަމަށާއި، ރާއްޖެ ގަބޫލުކުރާ ފަދަ އާތަރައްޤީއެއް މިސަރުކާރަށް ގެނެވޭތަނެއް ނުފެންނަ ކަމަށެވެ. ބްރިޖު އެޅުމާއި، އެނޫންވެސް ބޮޑެތި ތަރައްޤީ ރާއްޖެއަށް ގެނެސްދެއްވީ ނިމިދިޔަ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ތިޔަކަމާ ކަންބޮޑުވާނަމަ ކަންބޮޑުވާނީ ރައީސް ނަޝީދު. ކޯލިޝަން ސަރުކާރަށް އާކަމެއް ނުކުރެވޭ. ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތަކީ ކުރީގެ ސަރުކާރުތަކުންވެސް ކުރި ކަންކަން. ބްރިޖު ފަދަ އާކަންކަން ކުރެއްވީ ރާއްޖެ މިދެކޭ ތަރައްޤީގެ ބާނީ ރައީސް ޔާމީން.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
ނ.މަގޫދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި، އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރައްވަމުޖންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން އެކަމާއި ކަންބޮޑުވާ ނުނީ ދެރަވާނެ ބަޔަކު އުޅޭނެކަމަށެވެ. ނަމަވެސް ސަރުކާރުން ތަރައްޤީ ގެންނަނީ ރައްޔިތުންނާއި، ގުޅިގެން ލާމަރުކަޒީ އުސޫލުންކަމަށެވެ.
އަޅުގަނޑުމެން މިގެންނަ ތަރައްޤީ ފެނިފައި އުދަނގޫވާނެ ބަޔަކު ތިބެދާނެ. އަޅުގަނޑުމެންގެ ތަރައްޤީއާއި އެބޭފުޅުންގެ ތަރައްޤީއާއި ތަފާތު. އަޅުގަނޑޫމެން ތަރައްޤީ އަމާޒުކޮށްފައިވަނީ ސީދާ ރައްޔިތުންނަށް. އެވިސްނުމުގައި ތަރައްޤީ ކުރަމުންދަނީ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވަމުންދަނީ ލާމަރުކަޒީ އުސޫލުންކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު، އަސާސީ ޚިދުމަތްތައް ނުލިބި އެތައް ރަށެއްގެ ރައްޔިތުން ތިބިއިރު، މިކަންކަން ކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު ވައުދުކަމަށެވެ. އަދި މިހާތަނަށް މިމަސައްކަތުގެ ތެރެއިން އަސާސީ މަސައްކަތް ނުކުރެވޭ އެއްވެސް ރަށެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ