ކޯވިޑް19 އަކީ، ފާއިތުވެދިޔަ ގަރުނެއްގެ ތެރޭގައި ދުނިޔެ ދެކެފައިވާ އެންމެ ނުރައްކާތެރި އެއް އާލަމީ އާލަމީ ވަބާއެވެ. މީގެ ގަރުނެއްހާ އަހަރު ކުރިން، 20ވަނަ ގަރު ފެށިގެން އައިއިރު، ސިއްޙީ އާލަމީ ވަބާއެއްގެ ގޮތުގައި، އިންފުލުއެންޒާ ދުނިޔޭގައި އޭރި ފެތުރިފައި ވެއެވެ. އެ ޒަމާނަކީ މިފަދަ އާންމު ބަލިތަކަށްވެސް އޭރު ފަރުވާތައް ހޯދިފައި ނުވާ ޒަމާން ކަމުގައި ވުމުން، އޭރު މުޅި ދުނިޔެއަށް ފެތުރި، އާލަމީ ވަބާއަކަށް ބަދަލުވެ، މި ބަލިމަޑު ކަމުގައި އޭރު މުޅި ދުނިޔެއިން 50 މިލިއަން މީހުން މަރުވެގެން ގޮސްފައި ވެއެވެ.
އެހެން ނަމަވެސް މި ބަލިމަޑުކަމަށް ގަރުނެއްހާ ދުވަސް ފާއިތުވެގެން ގޮސްފައި ވާއިރު، މުޅި ދުނިޔެއަށް އާންމު ވެގެންދާ އާލަމީ ވަބާއެއް (ޕެންޑަމިކް) އެއްފަދައިން އާ ރޯގާއެއް އާންމު ވެގެން ގޮސްފައި ނުވި ނަމަވެސް، އޭގެފަހުންވެސް ދުނިޔެއިން ނުރައްކާތެރި ބަލިތައް ވަނީ ފެނިގެން ގޮސްފައެއެވެ. އޭގެ ތެރޭގައި، މީގެ 30 ވަރަކަށް އަހަރު ކުރިން ދުނިޔެއިން ފެނުނު އެއިޑްސް ބައްޔާއި، 1970ގެ އަހަރުގެ ތެރޭގައި ދުނިޔެއިން ފެނިގެންދިޔަ އެބޯލާ ވައިރަސް ފަދަ ނުރައްކާތެރި ބަލިތަކާއި ވައިރަސްތައް ދުނިޔެއިން ފެނިގެން ގޮސްފައި ވެއެވެ. އަދި އެބޯލާ ވައިރަހަކީ 2014 އިން 2016 އަށް އެފްރިކާ ބައްރުގައި ބާރަށް ފެތުރި، އަދި 2021ވަނަ އަހަރުވެސް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގާއިން ފެނިފައިވާ ވައިރަހަކަށް ވުމުން، ގައުމުތަކާއި ބައްރުތަކުގައި، ސިއްޙީ ގޮތުން ނުރައްކާތެރި ބަލިތައް ދޭތެރެ ދޭތެރެއިން ދުނިޔެއިން ފެނިގެން ގޮސްފައިބާކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންކަމުން ފާއިތުވެދިޔަ ތަނުގައި ދުނިޔެއިން ފެނިގެން ގޮސްފައިވާ ސިއްޚީ ގިނަ ކާރިސާތަކަކީ، ގައުމުތަކާއި ބައްރުތަކަށް ޚާއްސަ ވެގެން އެ ސަރަހައްދުތަކުގައި ފެތުރިގެން ގޮސްފައިވާ ކާރިސާތަކަށް ވާއިރު، ކޯވިޑް ކާރިސާއަކީ، ކުޑެއް ބޮޑެއް ނެތި، މުއްސަދި ގައުމެއް ފަގީރު ގައުމެއް ތަފާތު ވުމެއްނެތި، މުޅި ދުނިވެސް އެ ކާރިސާއަކާ ކުރިމަލާންޖެހު ކާރިސާއެކެވެ.

ނަތީޖާއެއްގެ ގޮތުން މި އާލަމީ ވަބާއާއި ހަގުރާމަ ކުރުމުގައި ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔެގެ ގައުމުތަކައްވަނީ އިގްތިސާދީ، އިޖުތިމާއީ އަދި ސިއްޙީ ގޮތުން ވަރަށް ބޮޑު ގުރުބާނީއަކާ ކުރިމަތި ލާން ޖެހިފައެވެ. އަދި މިގޮތުން ކުރިމަތި ލާންޖެހުނު ގޮންޖެހުންތައް އިތުރަށް ބޮޑުވެގެން ގޮސްފައިވަނީ، ދުނިޔެއަށް އާންމު ވަމުންދާ ކޯވިޑް19ގެ އާ ވޭރިއެންޓްތަކުގެ ސަބަބުންނެވެ. ނުރައްކާތެރިކަން ބޮޑު، އާ ވޭރިއެންޓްތަކަށް، ވެކްސިން ޖަހާފައި ތިބި މީހުންވެސް ޕޮޒިޓިވް ވަމުންދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
އޮމިކްރޮން ވޭރިއެންޓް ތަފާތު!
އޮމިކްރޮން ވޭރިއެންޓް އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ، އެފްރިކާ ބައްރުންނެވެ. އެއީ ފާއިތުވެދިޔަ ނޮވެމްބަރުމަހު އެންމެ ފުރަތަމަ ދެކުނު އެފްރިކާއިންނެވެ. ކޯވިޑް19 ދުނިޔެއަށް އާންމުވާން ފެށިފަހުން އާންމު ވެގެން ގޮސްފައިވާ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނުރައްކާތެރިކަމަށް ކަނޑައަޅާފައިވަނީ ދެ ވޭރިއެންޓެކެވެ. އެއީ، ފާއިތުވެދިޔަ އަހަރު ކުރީކޮޅު އިންޑިއާއިން އާންމު ވެގެންދިޔަ ޑެލްޓާ ވޭރިއެންޓާއި، އަހަރު ނިމެނުން ދަނިކޮށް ދެކުނު އެފްރިކާއިން އާންމު ވެގެން ދިޔައ ޑެލްޓާ ވޭރިއެންޓެވެ.
މީގެ ތެރެއިން ޑެލްޓާ ވޭރިއެންޓަކީ، ވޭރިއެންޓަށް ޕޮޒިޓިވެ ވެގެން ދިއުމަށްފަހު، ބަލީގެ ހާލަތު ގޯސް ކޮށްދޭ ވޭރިއެންޓަކަށް ވާއިރު، އޮމިކްރޮން ވޭރިއެންޓް ފާހަގަ ވެގެން ގޮސްފައިވަނީ، ބަލީގެ ހާލަތު ގޯސް ކޮށް ނުދޭ، އެހެންނަމަވެސް، ފަސޭހަމަކަމާއެކު ގައިންގަޔަށް ވާސިލް ވުމުގެ ގާބިލްކަން ލިބިފައިވާ ވޭރިއެންޓެއްގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން، އޮމިކްރޮން ވޭރިއެންޓް ފެތުރެމުންދާ ގައުމުތަކުގައި، ގިނަ ބަޔަކު ފަސޭހަކަމާއެކު ކޯވިޑަށް ޕޮޒިޓިވްވެ، މި ބަލި ދުނިޔެއަށް ފެތުރެން ފެށިގަތް ދުވަސްވަރެކޭ އެއްފަދައިން، ހޮސްޕިޓަލްތަކަށް ނުކަތާވަރަށް މީހުން ބަލިވުމުގެ ނުރައްކާ އޮތް ކަމުގައި ސިއްޙީ މާހިރު ގެންދަވަނީ ވިދާޅުވަމުންނެވެ.
އޮމިކްރޮން ވޭރިއެންޓް އެންމެ ފުރަތަމަ ދެކުނު އެފްރިކާއިން ފާހަގަ ކުރެވުނު ދުވަސްވަރު ކަމުގައިވާ، ފާއިތުވި ނޮވެމްބަރު މަހުގެ މެދުތެރޭގައި، އޭރު އެގައުމުގައި ދުވާލަކަށް އެވެރެޖްކޮށް، 300 މީހުން ދިޔައިީ ކޯވިޑަށް ޕޮޒިޓިވް ވަމުންނެވެ. އަދި އޭރި ރެކޯޑް ކުރެވިފައިވާ ގޮތުގައި، އޮމިކްރޮން އަށް ޕޮޒިޓިވް ވެގެން ގޮސްފައިވަނީ ޕޮޒިޓިވް ވާމީހުންގެ އެންމެ %2 އެވެ. އެހެންނަމަވެސް، އޭގެ އެއްމަސް ފަހުން، 2021ވަނަ އަހަރު ނިމެމުން ދިޔައިރު، ދެކުނު އެފްރިކާގައި ދުވާލަކަށް ކޯވިޑަށް ޕޮޒިޓިވް ވާ މީހުންގެ ރޭޓް 15،000 އަށްއަރާފައިވާއިރު، އޮމިކްރޮން ވޭރިއެންޓަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ އޭގެ ކުރިއާ އަޅާ ބަލާއިރު 10 ގުނަ މަތިވެގެން ގޮސްފައެވެ.

ތަފާތު ވިސްނުމެއް!
ދުނިޔޭގެ ހުރިހާ ސިއްޙީ މާހިރުންވެސް ގަބޫލު ކުރައްވާ ގޮތުގައި، އޮމިކްރޮން ވޭރިއެންޓް ދަނީ، ކޯވިޑް19ގެ ގަވާިއދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ސަބަބަކީ، ކޯވިޑް ކާރިސާއަށް 2 އަހަރު ފުރިގެން ދިޔައިރު، ބައްޔާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންތަކުގެ ޒަރީއާއިން ލިބުނު ކުރިއެރުމާއެކު، ދުނިޔޭގެ ގައުމުތައް ބޯޑަރުތައް ހުޅުވާ، އަދި އެތެރޭގެ އުޅުމާއި ގުޅުންތަކަށް ބެހެއްޓުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން ދިޔަދިނުން، އޮމިކްރޮން ވޭރިއެންޓާ ހަމައިން އަނެއްކާވެސް ބަދަލުލްވާން ފަށާފައިވާ ވުމެވެ.
އަދި އަމުދުން، ވެކްސިން ޖަހާފައިވާ ފަރާތްކަށާއި، އަދި ބޫސްޓަރ ޑޯޒްވެސް ޖަހާފައިވާ ފަރާތްތައްވެސް އަލުން ކޯވިޑަށް ޕޮޒިޓިވް ވަމުން ދާދިއުމާއި ގުޅިގެން، ބަލިން ރައްކާތެރިވުމަށް އަމަލް ކުރަންޖެހިފައިވާ އުސޫލްތަކާއި އަދި ހެދިފައިވާ ގައިޑްލަން ތަކަށްވެސް ބޮޑެތި ބަދަލުތައް ގަނައުމަށް ދުނިޔޭގެ ގައުމުތަކަށް ވަނީ މަޖުބޫރު ވެފައެވެ.
އެހެންނަމަވެސް، ދުނިޔޭގެ ބައެއް ސިއްޙީ މާހިރުން މިހާރު ޖައްސަވަމުން ގެންދަވަނީ މުޅިން ތަފާތު ހިސާބެކެވެ. ބައެއް މާހިރުން ދެކެވަޑައި ގަންނަވާ ގޮތުގައި، އޮމިކްރޮން ވޭރިއެންޓަކީ، އާލަމީ ވަބާއެއްގެ ގޮތުގައި ކޯވިޑް19 އޮތް އިތުމަށް ނިމުން އައުން ގާތްވެޖެ ކަމުގެ އަލާމާތެކެވެ. ސަބަބަކީ، އޮމިކްރޮން ވޭރިއެންޓަކީ، ގައިންގަޔަށް ފެތުރުން ފަސޭހަ ވޭރިއެންޓަކަށް ވެގެން ދިޔަ ނަމަވެސް، މި ވޭރިއެންޓުން ބަލީގެ ހާލަތު ގޯސް ކޮށް ނުދޭތީ، މިއީ، މުޅި ދުނިޔޭއަށް ކުރިމަތިވެފައިވާ ކާރިސާއެއްގެ ގޮތުގައި މިބަލި އޮތް އޮތުން ނިމުމަކަށް ގެނައުން އަވަސް ކޮށްދެމުން އަންނަ އައުމުގެ އަލާމާތެއްގެ ގޮތުގައި ސިއްޚީ މާހިރުން ދެކެލައްވާތީއެވެ.

ދުނިޔޭގެ ބައެއް ސިއްޙީ މާހިރުން ގެ މި ތިއަރީގެ މައިގަޑު އަސާސަކީ، ދުނިޔޭގައި 1918ވަނަ އަހަރު، އާލަމީ ވަބާއެއްގެ (ޕެންޑަމިކްއެއްގެ) ގޮތުގައި ފެތުރުނު އިންފްލުއެންޒާވެސް އާންމު ބައްޔަކަށް ފަހުން ބަދަލުވެގެންދިޔަ ފަދައިން، ކޯވިޑް19 މިހާރު ބަދަލުވަމުންދާ މަރުހަލާއަކީ، ކޮރޯނާ ވައިރަސްވެސް، ފަސޭހައިން ގައިންގަޔަށް އަރާ، އެހެންނަމަވެސް ނުރައްކަތެރިކަން ކުޑަ ވައިރަހަކަށް ބަދަލުވެގެން ދިއުމުގެ މަރުހަލާގައި ވުމެވެ. އެހެންކަމުން، ސިއްޙީ މާހިރންގެ މިހާރުގެ އަންދާޒާއަކީ، މި ފެށުނު 2022 ވަނަ އަހަރުގެ ކޮންމެވެސް ހިސާބަކުން، ކޯވިޑް19ގެ ހާލަތު ޕެންޑމިކް (މުޅި ދުނިޔެއަށް އާންމު ވެގެން ގޮސްފައިވާ ވަބާއެއް)ގެ ހާލަތުން އެޕިޑެމިކް (ވަކި ގައުމެއްގައި ނުވަތަ މުޖުތަމައެއްގައި އެކަނި އާންމުވެފައިވާ ސިއްޙީ ކާރިސާއެއް)ގެ ހާލަތަށް ބަދަލުވެގެން ދިއުމެވެ.
އެހެންނަމަވެސް، ދުނިޔޭގެ މިޖީލު ތަޖުރިބާ ކުރަމުންދާ، ޕެންޑަމިކްގެ މުޅިން އާ މިހާލަތުގައި، ކޯވިޑް19އާއި ގުޅޭގޮތުން، ފެންނަމުންދާ މަންޒަރުތަކުގެ މައްޗަށް ބަރޯސާވެ، ގޮތެއް ނިންމުމުގައި އަދި މާއަވަސްކަމުގައި ދުނިޔޭގެ ސިއްހީ ހުރިހާ ތަޖުރިބާކާރުންވެސް އެއްބަސްވެ ލައްވައެވެ. ސަބަބަކީ، ކޯވިޑް19 ޖައްސާ ކޮރޯނާ ވައިރަސް އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުވަމުންދާ ދިއުމުގެ އަވަސްކަމުންނާއި، އަދި މިއީ ދާއިމީ ފަރިވާއެއް ހޯދިފައި ނުވާ ބައްޔަކަށް ވުމެވެ.
ކޮމެންޓު ފޮނުވާ