ޑްރާގާއި ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނަން، ބޯޑަރު ހިތަކަށް ދޫކޮށްލެވޭކަށް ނެތް: ރައީސް

ޑްރާގާއި ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނަން، ބޯޑަރު ހިތަކަށް ދޫކޮށްލެވޭކަށް ނެތް: ރައީސް

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2022 03:26
0

ބޭރުގެ ފަރާތްތަކާއި، ގުޅިގެން ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގަމުންދާ މަސްތުވާތަކެތީގެ ވަގު ފިޔާރި ހުއްޓުވުމަށް ރާއްޖޭގެ ބޯޑަރު ބަލަހައްޓައި، މިކަމާއި ދެކޮޅަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަމުންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނ.ލަންދޫ ބަނދަރު ހުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ މުޖުތަމައުގެ އަމާންކަމާއި، ހިތްފަސޭކަން ގެނެސް ދެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް އުފާވެރިކަމެއް ލިބޭނީ ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ މުޖުތަމައެއް އޮވެގެން ކަމަށެވެ.

އެކަން ކަށަވަރުކޮށް ދެއްވުމަށް ސަރުކާރުން މިވީ މުއްދަތުގެ ތެރޭގައި ޑްރަގުގެ ވަބާއިން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ރާއްޖެއަށް ޑްރަގު އެތެރެ ކުރުމަށް ބޭރުގެ ފަރާތްތަކާއި ގުޅިގެން ރާއްޖޭގައި ތިބި ފަރާތްތަކުން ހިންގަމުންދާ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ސަރުކާރުން ފަސް ނުޖެހޭނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް މިއިން ދުވަހަކު ރާއްޖެއިން އަތުލައި ނުގަން ވަރަށް ޑްރަގު އަތުލައިގަނެފައިވަކަމަށެވެ. މިކަން ހުއްޓުވަން މަސައްކަތް ކުރާތީ ކަންބޮޑުވެ މިކަމާއި ދެކޮޅު ހަދާ ބަޔަކު ތިބިކަމަށާއި، ނަމަވެސް މިމަސައްކަތް ހުއްޓާނުލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަމާއި ކަންބޮޑުވާ ބަޔަކު އެބައުޅޭ. އެއީ ޑްރަގުގެ ވިޔަފާރި ރާއްޖޭގައި ކުރާ ފަރާތްތަކާއި، ވަގު ވިޔަފާރިއަށް ދެވިހިފާފައިވާ ފަރާތްތައް. އެމީހުންނަށް ކަމަކު ނުދާނެ މިކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެން އެކަން ހުއްޓައެއް ނުލާނަން. އެހީލެބެން އޮތް ހުރިހާ ފަރާތެއްގެ އެހީތެރި ކަމާއިއެކު، ރާއްޖޭގެ ބޯޑަރުތައް ބަލަހައްޓައި، ރާއްޖެއަށް އެތެރެކުރާ ޑްރަގު ކޮންޓްރޯލް ކުރުމަށްޓަކައި، ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަމުން ގެންދާނަން. ރާއްޖޭގެ ޖީލަކަށް ފަހު ޖީލެއް ހަލާކުވެގެންދާތަން ބަލާކަށް އަޅުގަނޑުމެން ނުތިބޭނަން.

– ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި، ސަރުކާރުން އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކް ފޯހުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ކުރިއަށްދާ ކަމަށާއި، އަދި ކުރެވޭ މަސައްކަތުގެ ނަތީޖާ މިއަހަރުގެ މެދު ތެރޭގައި ފެންނާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.