ބޯހިޔާވަހި ކަމަކީ، 2008 ވަނަ އަހަރު ދިވެހިން ބަލައިގެންފައިވާ އާގާނޫނު އަސާސީން ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ކަށަވަރު ކޮށްދީފައި އޮތް އަސާސީ ހައްގެކެވެ. ގާނޫނު އަސާސީގައި މިހައްގު ކަށަވަރު ކޮއްދެމުން އެގާނޫނު އަސާސީގެ 17ވަނަ މައްދާގެ (ހ)ގައި ބުނެފައިވަނީ ތިރީގައި މިވާ ފަދައިންނެވެ.
.. ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މި ނޫންވެސް ކަމަކަށް ބަލައި ތަފާތު ކޮށްގެން ނުވާނެއެވެ.
މިފަދައިންނެވެ.
ދައުލަތުން ފޯރުކޮށް ދެމުންއަންނަ، ކަރަންޓާއި ފެނާއި، ސިއްޙީ ޚިދުމަތާއި، ދަތުރު ފަތުރު ކުރުމާއި، އަދި މިނޫނަސް އާންމު ޚިދުމަތުގެ ގޮތުގައި ބެލެވޭ އެންމެހާ ޚިދުމަތަކީ އަސާސީ ޚިދުމަތްތަކުގެ ގޮތުގައި ކަޑައެޅިފައިވާ ފަދައިން، ބޯހިޔާވަހި ކަމަކީވެސް ގައުމަކަށް ނިސްބަތް ވިތީވެ އެގައުމެއްގައި ދިރިއުޅުމުގެ ހައްގުގެ ތެރެއިން ކަށަވަރުވާން ޖެހޭ އެންމެ މުހިންމު އަސާސީ އެއް ހައްގެވެ. އަދި މި ހައްގު ކަށަވަރު ކޮށްދިނުމުގައި ތަފާތު ކުރުމެއްނެތި، އެންމެންގެ މެދުގައި ހަމަހަމަ ކަން ގާއިމް ކޮށްދިނުމަކީ، ގާނޫނު އަސާސީން ވެރިންނާއި ސަރުކާރުގެ މައްޗަށް ލާޒިމްކޮށްފައިވާ އެންމެ މުހިންމު އެއް ވާޖިބުވެސް މެއެވެ.
ހަމަ އެފަދައިން، ދިވެހި ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް، ގިނަ ރަށްތަކުގައި ބިމުގެ ދަތިކަން އިންތިހާއަށް ފޯރާ، ދިރިއުޅޭނެ ބިންކޮޅު ނެތި، ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅެންޖެފައިވާ އާއިލާތަށް ނުހަނު ގިނަގުނައެވެ. ނަތީޖާއެއްގެ ގޮތުން، ގިނަ ރަށްތަކުގެ ބިމުގެ އަގު މަތިވެ، އާދައިގެ އާއިލާތަކަށް މިޚަރަދު މިވަނީ ލިބޭ އާދަނީއާއި ކުރަންޖެހޭ ޚަރަދާއި ނުބައްދަލު ހޭދައަކަށް ވެފައެވެ.
އަދި ހަމަ އެއާއިއެކު، ރާއްޖެއަކީ ގެދޮރު އެޅުމަށްޓަކާ އެކަށީގެންވާ ފައިނޭންސިން ލިބެން ނެތް ގައުމަކަށް ވެފައި، ބޭންކުތަކުން ބޮޑު އިންޓަރެސްޓުގައި، ގިނަ މޯގޭޖްތަކާއެކީ ނަގާ ލޯނުން ގެދޮރު އެޅުމަށް ޚަރަދު ކުރުމަށްފަހު، އާއިލާތަކުން އުފުލަންޖެހޭ ތަކުލީފުތަކުގެ ނަީޖާއެއްގެ ގޮތުން، ބޯހިޔާވަހި ކަމުގެ މައްސަލަ މުޅި ރާއްޖެއަށްވެސް މިވަނީ ގައުމީ ބޮޑު ކާރިސާއަކަށް ވެގެން ގޮސްފައެވެ.
އެހެންކަމުން، ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރެއިންވެސް ބޯހިޔާވަހިކަމުގެ މައްސަލަ ވެގެން ގޮސްފައި މިވަނީ އާދަޔާ ޚިލާފު މައްސަލައަކަށެވެ. އެއީ، ފާއިތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް ހައްލު ހޯދުމަށް ވައުދުވެ، އެހެންނަމަވެސް ފެއިލްވެގެން ގޮސްފައިވާ ބޮޑު މައްސަލައަކަށް ވާއިރު، ބޯހިޔާވަހިކަން ލިބިދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ނެތި، އެއް ހަމައަކުން، އިންސާފުވެރި ހައްލެއް ހޯދާ ދިނުން މިއަދު ވެގެން ގޮސްފައި މިވަނީ ސަރުކާރުގެ މައްޗަށް އިހުނަށްވުރެ ބޮޑަށް ލާޒިމްކަން ބޮޑު ޒިންމާއަކަށްވެސް ވެގެން ގޮސްފައެވެ.
ހުޅުމާލެއިން ވިއްކާ ގޮތީގެ މައްސަލަ ބޮޑު މައްސަލައަކަށް!
ބީލަމުގެ އުސޫލުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ގޯތި ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެންމެ ފުރަތަމަ ހުޅުވާލީ ފާއިތުވެދިޔަ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. އެޗްޑީސީން ފުރުސަތު ހުޅުވާލީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،603.07 (އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި، 2،633.82 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް އަށެއް ދޭއް) އަކަފޫޓާއި ދެމެދުގެ، ޖުމްލަ 60 ބިން ވިއްކުމަށެވެ.
މީގެ ތެރޭގައި ހިމެނެނީ އަތިރިމަތިން 26 ގޯއްޗާއި، އަތިރިމައްޗާ ކައިރިން 34 ގޯއްޗެވެ. މި ފުރުސަތު ހުޅުވާލުމަށްފަހު އެޗްޑިސީން ބުނެފައިވަނީ، މިފުރުޞަތުގައި އިސްކަން ދޭން ހަމަޖެހިފައިވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށްކަމަށް ކަމަށާއި، އަދި އޭގެ އިތުރުން، މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނުވާ މީހުންނަށެވެ. އަދި ކޮންމެ މީހަކަށްވެސް އެއް ބިން ގަތުމުގެ ފުރުސަތު ލިބިގެން ދާއިރު، އޭގެ އިތުރުން ހަމަވާން ޖެހޭ ޝަރުތެއްގެ ގޮތުގައި ހިމަނާފަ އޮތީ، ދިވެހި ރައްޔިތަކަށް ވުމާއި، 18އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެއެވެ.
އެހެންނަމަވެސް، މިފުރުސަތު ހުޅުވާލުމާއެކު، މި އުސޫލާމެދު އެންމެ ފުރަތަމަ ހިންހަމަ ނުޖެހުން ފާޅު ކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުއެވެ. މާލޭގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވެފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ދަތި ހާލުގައިތިބި މީހުންނަށް ގޯތި ކަނޑާފައި ދޭންޖެހޭ ކަމަށެވެ. އެދި އެސިޔާސަތަށް ސަރުކާރުން އަމަލު ކުރުމަކީ މުހިންމު ކަމެއްކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ މި ގޮވާލެއްވުމަށްފަހު، އެޗްޑީސީން ވަނީ، އެންމެ ފުރަތަމަ ބީލަމުގެ އުސޫލުން ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް ކަނޑައެޅި އުސޫލަށް ބަދަލު ގެނެސް، ގޯތިތައް ހަމައެކަނި މާލޭ ރައްޔިތުންނަށް ގަނެވޭ ގޮތަށް ހަމަޖައްސާފައެވެ.
އެޗްޑީސީން އަލަށް ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
– މާލޭ ސަރަހައްދުން ދިރިއުޅުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުން.
– މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް އެކަކަށް ވުރެ ގިނަ މީހުންގެ ނަމަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ 600 – – އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން.
– ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން.
މި ޝަރުތަކާއެކު، ހުޅުމާލެއިން ބިން ގަތުމުގެ ފުރުސަތު ލިބިގެން ދާނީ ހަމައެކަނި މާލޭގެ ރަށްވެހިންނަށް އެކަންޏެވެ. އެހެންނަމަވެސް، މިއުސޫލަށް މި ގެނެވުނު ބަދަލާއެކު، ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެގެން ދިޔަ އެއްކަމަކަށް ވެގެން ދިޔައީ، ހުޅު މާލެއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާފައިވާ ބިމަކަށް ވާއިރު، އަދި އަމުދުން ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގަށް އުނިކަން އަންނަ އުސޫލުން ބިން ވިއްކާގޮތަށް ހަމަޖެހިގެން ދިއުމުން، ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި އެތައް ބަޔަކު އެހައްގުން މަހުރޫމްވެގެން ދާދިއުމެވެ.
އަދި އަމުދުން މާލޭ ސަރަހައްދުގައި ދިރި އުޅެމުންދަނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ނުވެފައި، ހުޅުމާލެއާއި އަދި މާލޭގައިވެސް، އެތައްބަޔަކަށް މުޅި މިސަރަައްދުގައި ދިރިއުޅެން މަޖުބޫރުވެ، ވަށާޖެހޭ ހައްލަކާ ދިމާލަށް ދަތުރު ނުކުރެވި، ބިން ވިއްކުމުގައި، އެފުރުސަތުން ވަކި ބަޔަކު މަހުރޫމް ވެގެން ދިއުމަކީ ވަރަސްވެސް ބޮޑު ބޭއިންސާފެއްގެ ގޮތުގައި، ގެނެވުނު މިބަދަލު ގިނަބަޔަކުވަނީ ދެކެން ފަށާފައެވެ.
ހަގިގީ މައްސަލައަކީ ވަށާ ޖެހޭ ހައްލެއް ހޯދިފައި ނެތުން! އެއްފަސް ކުރުމުގެ ސިޔާސަތެއް ނެތުން!
ހުރިހާ ގޮތަކުން ބެލިކަމުގައ ވިނަމަވެސް، ބޯހިޔާވަހި ކަމުގެ މައްސަލަ މިވަނީ ބޮޑު ގައުމީ މައްސަލައަކަށް ބަދަލުވެގެން ގޮސްފައެވެ. އެއީ ރާއްޖޭގެ އެހެނިހެން ރަށްރަށުގެ ރައްޔިތުން ކަމުގައިވި ނަމަވެސް، އަދި އެއީ މާލޭގެ ރައްޔިތުން ކަމުގައި ވިނަމަވެސް، މި މައްސަލަ ވެގެން ގޮސްފައި މިވަނީ ގައުމަށް ކުރިމަތިވެގެން ގޮސްފައިވާ ބޮޑު ކާރިސާއަކަށެވެ.
އަދި އަމުދުން، ޒަމާނުއްސުރެ، ޚިދުމަތްތައް މާލެއަށް ބަރޯސާވަމުން އަންނަ އައުމަށް ބަދަލެއް ނުގެނެވި، ޚިދުމަތްތައް ލިބެން ނެތް ކުދިކުދި ރަށްތަކުން މާލެއަށް މީހުން ހިޖުރަކުރަން މަޖުބޫރުވެ، އެހެންނަމަވެސް މާލޭ ސަރަހައްދުގައި ހަމަޖެހިލައިގެން އުޅެވޭނެ ގޮތެއް ނެތުން، މިއީ މިއަދު ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށްވެސް ބޮޑު ގިލަންވެރި ކެމެކެވެ.
އެހެންކަމުން މިއަދު ގަބޫލުކުރަން ޖެހިފައިވާ އެއް ހަގީގަތަކީ، ހުޅުމާލޭގެ ދެވަނަ ފޭސްއިން މާލޭގެ ރައްޔިތުންނަށް އެކަނި ގޯތި ވިއްކުމަކީ ހައްލެއް އޮތް ސިޔާސަތެއް ނޫންކަމެވެ. އަދި އެއީ ގެދޮރު ނެތް، މާލޭގެ ރައްޔިތުންނަށްވެސް އޮތް ހައްލަކަށް ވެގެން ނުދާކަމެވެ. އަދި އޭގެ ބަދަލު މި ސިޔާސަތުގެ ސަބަބުން، މިހާރުވެސް ކާރިސާއަކަށް ބަދަލުވެގެން ގޮސްފައި އޮތް ގޯތި ގެދޮރުގެ މައްސަލަ އިތުރަށް ގޯސްވެގެން ދިއުން ނޫން ހައްލެއް ފެންނާންވެސް ނެތްކަމެވެ.
ސަބަބަނީ، މިބީދައިން ވަކި ބަޔަކަށް ގޯތި ވިއްކުމުން، ގޯތި ގަތުމުގެ ހައްގުން މަހުރޫމްވާ މީހުން އެމީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް ނިކުންނާނޭ ތަން ފެނުން އޮންނާނީ ވަރަށްވެސް ގާތުގައި ކަމަށް ވާތީއެވެ.
އެހެންކަމުން، ބޯހިޔާވަހި ކަމުގެ މުޅި މައްސަލައަށް ރަގަޅަށް ފުންކޮށް ވިސްނާ ނަޒަރު ހިންގާލާއިރު، ފެންނާއިން އޮތީ އެންމެ ހައްލެއް ކަމުގައި ދަންނަވަން ޖެހެއެވެ. އެއީ ތަރައްގީގެ މަޝްރޫޢުތަކުގެ ނަމުގައި ސަރުކާރުތަކުން ކުރަމުން އަންނަ ބޮޑެތި ހޭދަތަކުގެ މިސްރާބު ބަދަލުކޮށް، ރާއްޖޭގެ ބިން ބޮޑެތި ސަރަހައްދުތައް އާބާދުކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުމެވެ. ބިން ބޮޑެތި ސަރަހައްދުތަކުގައި، ހޮސްޕިޓާތަކާއި، ސްކޫލްތަކާއި، އެއްރަޕޯޓުތައް އަޅާ، ރައްޔިތުންނަށް މިސަރަހައްދުތަކުން ގޮވަތި ދޫކޮށް، އެތަންތަނަށް ހިޖުރަކުރަން ރައްޔިތުންނަށް ދައުވަތުދީ، އެއްފަސްކުރުމުގެ ހަރުދަނާ ސިޔާސަތެއް ތަންފީޒު ކުރުމުވެ.
ހައްލަކީ، ފްކެޓްތަކުގައި، ހަތަރެސްކަން ގޮޅިއަކަށް މީހާ ފައްތާ، އުމުރުން 20 އަހަރު ލޯން ދެއްކުމަށް ދުއްވާލާ، މުސްކުޅިވާދުވަހު، ދަރިން މަގުމަތި ކުރުވާ ސިޔާސަތު ދުރަށްލާ، އެއްފަސްކުރުމުގެ ސިޔާސަތު ރާވާ ތަންފީޒު ކުރުމެވެ. ރައްޖޭގެ ބޮޑެތި ބިންތައް ތަރައްގީ ކުރުމެވެ. އެތަންތަނުގައި ވަސީލަތްތައް ގާއިމްކުރުމެވެ. އެއަށްފަހުން ރައްޔިތުންނަށް ދިރިއުޅެވޭނެ ބިންކޮޅެއް ސަރުކާރުން ފޯރުކޮށް ދިނުމެވެ. އަދި ގެދޮރު އަޅާދިނުމަށް ލޯން ދޫކޮށް، އާންމު ރައްޔިތުން އެތަންދަނުގައި ގެދޮރުވެރި ކުރުވުމެވެ.
ބޭނުންވަނީ، މި ސިޔާސަތު ކުރިޔަސް ނެރެ، ތަންފީޒު ކުރެވޭނޭ ކެރުންތެރިކަމާއި، ސިޔާސީ ހަކަތައެވެ. ކޮންމެ ފަހަރަކު، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، އެތައް ތަނެއްގެ ބިންގާ އަޅާނެމަކަމަށް ލިޔެދީފައި، ސިޔާސަތު ތަންފީޒު ނުކޮށް، އެބަޔާން އަޑުއައްސަވަން، އަތްޖައްސަވަން ތިއްބަވާ ވަޒީރުން ދުރަށް ލައްވާށެވެ. ބޭނުމީ، ވަށައިގެން ހިސާބު ޖަހާ، މިންކޮށްގެން، ސިޔާސަތު ރާވާލެވޭނޭ ވަރުގެ ވަރުގަދަ ސިކުޑި ތަކެކެވެ.
މިނޫން ހައްލެއް ފެންނާކަށް ނެތެވެ. ގައުމުގައި ހައްލު ހޯދާދޭން ޖެހިފައި މިވަގުތު އޮތް އެންމެ ބޮޑު ކާރިސާއަކީ ހަގީގަތުގައިވެސް ބޯހިޔާވަހިކަމުގެ ކާރިސާއެވެ.
One Response
ހައްލަކީ ސިންގަޕޫރުފަދައިން މާލެއާ ބޮޑެތި ސިޓީތަކުގައި ބޮޑެތި 30 ނުވަތަ 40 ބުރީގެ ބޮޑެތި އެޕާޓްމަންޓް ބިލްޑިންގތައް ހަދާ އެމީހަކު އުޅެންބޭނުން ތަނަކުން ކުޑައަގެއްގައި އެޕާޓްމަންޓް ގަންނަން ލިބުމެވެ. އެއްވެސްތަނަކުން އެއްވެސް މީހަކަށް ހިލޭ ބިން ދޫކޮށްގެން ނުވާނެއެވެ.