ސީޕްލޭން ޖެއްސުމަށް ބޭނުންކުރާ ފްލޯޓިންގ ޕްލެޓްފޯމެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ސީޕްލޭން ޖެއްސުމަށް ބޭނުންކުރާ ފްލޯޓިންގ ޕްލެޓްފޯމެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2022 10:09
0

ރ.މާމުނަގައު ރިސޯޓްގައި ސީ ޕްލޭން ޖެއްސުމަށް ބޭނުންކުރާ ފްލޯޓިންގ ޕްލެޓްފޯމް ކަނޑައިގެން ގޮސް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރ.މާމުނަގައު ރިސޯޓްގައި ސީ ޕްލޭން ޖެއްސުމަށް ބޭނުންކުރާ ފްލޯޓިންގ ޕްލެޓްފޯމް ކަނޑައިގެން ގޮސް އެ ރިސޯޓްގެ ހުޅަނގުދެކުނަށް އޮޔާދާތީ، މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދޭކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިރޭ 19:15 ހާއިރުއެވެ.

މި ޕްލެޓްފޯމަކީ ދިގުމިނުގައި 20 ފޫޓް އަދި ފުޅާމިނުގައި 10 ފޫޓް ހުންނަވަރުގެ ޕްލެޓްފޯމެއްކަމަށް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައިކަމަށެވެ. އަދި މި ޕްލެޓްފޯމްގައި ރަތްކުލައިގެ ބައްތިއެއް ހަރުކޮށްފައި ހުންނާނެކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައިކަމަށެވެ.

އެހެންކަމުން ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޚާއްޞަ ގޮތެއްގައި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.