އޭޖީ އަށް ފާޑުކިއުން އަމާޒުވެގެން ނެރުނު ބަޔާން: މަރުގެ އަދަބު އުވާލުމަށް ގެންގުޅެނީ މީގެކުރިންވެސް ހާމަކޮށްފައިވާ ސިޔާސަތެއް

އޭޖީ އަށް ފާޑުކިއުން އަމާޒުވެގެން ނެރުނު ބަޔާން: މަރުގެ އަދަބު އުވާލުމަށް ގެންގުޅެނީ މީގެކުރިންވެސް ހާމަކޮށްފައިވާ ސިޔާސަތެއް

Author
މުޙައްމަދު ޖިމީ
05 ނޮވެމްބަރ 2020 03:56
0

މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަޤްވާމީ މައިދާނުގައި މީގެ ކުރިންވެސް ހާމަކޮށްފައިވާ ސިޔާސަތުކަމަށް ބުނެ އެޓާނީ ޖެނެރަލް ދެއްކެވި ވާހަކަފުޅު ދިފާޢުކޮށްފިއެވެ.

އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް އެކަމަށް ހޯދައިގެން ކަމަށެވެ. އޭޖީގެ އެވާހަކަތައް ގިނަ ބަޔަކު އަންނަނީ ކުށްވެރިކުރަމުންނެވެ. އެޓާނީ ޖެނެރަލްގެ މިވާހަތަކާއި ގުޅިގެން ދީނީ ޢިލްމުވެރިންގެ މެދުގައި މިކަމުގައި ބޮޑު ބަހުސްއެއް ސޯޝަލް މީޑިޔާގައި ކުރެވެމުންދާއިރު، އޭޖީ ރިފްޢަތު ތަޢުބާވުމަސްވެސް ދީނީ ޢިލްމުވެރިން ގޮވާލައްވާފައިވެއެވެ.

އޭޖީ ރިފްޢަތު ދެއްކެވި ވާހަކަފުޅަށް އަމާޒުވި ފާޑުކިއުންތަކާއި ގުޅިގެން އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު) އަކީ، ރިވިއުގެ ކޮންމެ ސައިކަލްއެއްގައި އެ ޤައުމަކަށް ލިބޭ ރިކޮމެންޑޭޝަންތައް އެ ޤައުމަކުން ތަންފީޛުކޮށްފައިވާ މިންވަރު، ޖެހިގެން އަންނަ ސައިކަލްގައި، ބައިނަލްއަޤުވާމީ މުޖުތަމަޢަށް ތަފްޞީލުކޮށްދޭންޖެހޭގޮތަށް ބައްޓަންކުރެވިގެން ކުރިއަށްގެންދާ ޕްރޮސެސްއެއްކަމަށެވެ. އެގޮތުން، ޔޫ.ޕީ.އާރު. ގެ މިހާރު މި ކުރިއަށްދާ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖެއިން ހުށަހަޅަންޖެހެނީ، 2015 ވަނަ އަހަރު ކުރިއަށްދިޔަ ޔޫ.ޕީ.އާރު. ގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބުނު ހުށަހެޅުންތައް ތަންފީޛުކުރެވިފައިވާ މިންވަރާއި އޭގެ ފަހުން ލިބިފައިވާ ކުރިއެރުންތަކެއްކަމަށް ބަޔާނުގައިވެއެވެ.

އެގޮތުން ޔޫ.ޕީ.އާރު. ގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބުނު ހުށަހެޅުންތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލައި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމަށް 25 ޤައުމަކުން ހުށަހެޅުންތައް ލިބިފައިވާކަމަށާއި، އިއްޔެ ބޭއްވުނު ރިވިއު ސެޝަންގެ ކުރިން، ޤައުމުތަކުން ދިވެހިރާއްޖެއަށް ފޮނުވާފައިވާ އެޑްވާންސް ސުވާލުތަކުގައިވެސް، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ޤައުމުތަކަކުން ސުވާލުތަކެއް ކޮށްފައިވާކަން ފާހަގަކުރާކަމަށް ބުނެފައިވެއެވެ. އެހެންކަމުން އިއްޔެ ކުރިއަށްދިޔަ ސެޝަންގައިވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލުމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ގިނަ ހުށަހެޅުންތަކެއް ދިވެހިރާއްޖެއަށް ލިބޭނެކަމަށް ލަފާ ކުރެވުނުކަމަސްވެސް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބިފައިވާ ހުށަހެޅުންތަކާއި، އިއްޔެގެ ރިވިއު ސެޝަންގެ ކުރިން ލިބިފައިވާ ސުވާލުތަކަށް ބަލައި، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސިޔާސަތު މި ސެޝަންގައި ދިވެހިރާއްޖެއިން ބަޔާންކުރުމަކީ، ކޮންމެހެން މުހިންމުކަމަކަށް ވެގެންދިޔައެވެ. މިކަން އޯޕަނިންގ ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިއެވަނީ، އެހެން ޤައުމުތަކުގެ ހުށަހެޅުންތައް ދިވެހިރާއްޖެއަށް ލިބުމުގެ ކުރިން، މިކަމުގައި ދިވެހިރާއްޖޭގެ ސިޔާސަތު ބައިނަލްއަޤުވާމީ މުޖުތަމަޢަށް ސާފުކޮށް ހާމަކޮށްދިނުމުގެ ގޮތުންނެވެ.

-އެޓާރނީ ޖެނެރަލްގެ އޮފީހުގެ ނޫސްބަޔާނުގައިވެއެވެ.

މިބަޔާނުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި މަރުގެ އަދަބު ދެވޭގޮތަށް އޮންނަނީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް އެކުލަވައިނުލެވޭނެކަމަށް ބަޔާންކޮށްފައިވާތީއެވެ. ވުމާއެކު، އެޓަރނީ ޖެނެރަލްގެ އެ ވާހަކަފުޅަކީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުން، އެއީ މުސްތަޙީލުކަމެއްކަން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ސާފާކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅެއްކަމަށް ބުނެފައިވެއެވެ.

ޒައިދާއި، އިޔާޒު ރައްދެއް އޭޖީއަށް: ޤިސާސް ހިފުމަށް އާންމުންގެ ޚިޔާލެއް ނުހޯދޭނެ، އަވަހަށް ތަޢުބާވޭ!

ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވެފައި، އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ކަންކަމަށް ދިވެހިރާއްޖޭގައި ޖާގަ ދެވިގެން ދިއުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް ކަމަށް ނުވާތީ، ދިވެހިސަރުކާރުގެ މަރުގެ އަދަބާގުޅޭ ސިޔާސަތަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫންއަސާސީ އާއި ޤާނޫނުތަކުގައި ބިންވަޅު ނެގިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޛުކުރަން ފެށުމަށްވުރެ ކުރިން ދިވެހިރާއްޖެއިން ފުރަތަމަ އިސްކަންދޭނީ، ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ޢަދުލު އިންޞާފުގެ ނިޒާމެއް ޤާއިމްކުރުމަށްކަމަށް އޭޖީގެ ބަޔާނުގައިވެއެވެ.

މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަޤްވާމީ މައިދާނުގައި މީގެ ކުރިންވެސް ހާމަކޮށްފައިވާ ސިޔާސަތެކެވެ. އެގޮތުން ޑިސެންބަރު 2018 ގައި ކުރިއަށްދިޔަ އ.ދ. ގެ 73 ވަނަ ޢާންމު މަޖިލީހުގައި، މަރުގެ ޙުކުމް ތަންފީޛުކުރުން ހުއްޓުވުމާގުޅޭ އ.ދ. ގެ ޤަރާރާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، މި ސިޔާސަތު ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް ކްރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓްގެ ދަށުން އޮކްޓޫބަރު 2019 ގައި ދިވެހިރާއްޖެއިން ހުށަހެޅި ފޮލޯ-އަޕް ރިޕޯޓުގައިވެސް ދިވެހިރާއްޖޭގެ މި ސިޔާސަތު ހާމަކޮށްފައިވެއެވެ.

-އެޓާރނީ ޖެނެރަލްގެ އޮފީހުގެ ނޫސްބަޔާނުގައިވެއެވެ.

އިއްޔެ ކުރިއަށްދިޔަ ޔޫ.ޕީ.އާރު. ގެ ދިވެހިރާއްޖޭގެ ސެޝަންގައިވެސް މަރުގެ އަދަބު އުވާލުމަށް ގާތްގަނޑަކަށް 29 ޤައުމަކުން ގޮވާލާފައިވާކަމަށާއި، އެ ހުށަހެޅުންތަކާމެދު ދިވެހިރާއްޖެއިން ޕޮޒިޝަނެއް ނަގަންޖެހެނީ 14 ޑިސެންބަރުގެ ކުރިންކަމަށް ބަޔާނުގައިވެއެވެ. ޔޫޕީއާރު ސެޝަން ފެށުމުގެ ކުރިންވެސްސަރުކާރުން އިޢުލާނުކުރޮގޮތަށް، މި ސެޝަންގައި ދިވެހިރާއްޖެއަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ހުށަހެޅުމެއް ދިވެހިރާއްޖެއިން ބަލައެއް ނުގަންނާނެކަމަށްވެސް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބަޔާނުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.