ދިރިއުޅޭ ގެއިން އާމްދަނީއެއް ނެރެވޭނެ ވަޢުދަކީ އެމްޑީޕީގެ ވަޢުދެއް: ވައްޑެ

ދިރިއުޅޭ ގެއިން އާމްދަނީއެއް ނެރެވޭނެ ވަޢުދަކީ އެމްޑީޕީގެ ވަޢުދެއް: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2022 11:07
0

ދިރިއުޅޭ ގެއިން އާމްދަނީއެއް ނެރެވޭނެ ވަޢުދު "ހޯމް ސްޓޭ" އާއިއެކު މިވަނީ ފުއްދިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި އަމިއްލަ ގޭގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތެއް ތަނަވަސް ކުރުމަކީ އެމްޑީޕީގެ ވައުދެކެވެ. މިވައުދު ފުއްދުމަށް އެމްޑީޕީން ކުރި މަސައްކަތް އިއްޔެ ވަނީ ނިމުމަކަށް ގެންފައެވެ. "ހޯމް ސްޓޭ"ގެ ނަމުގައި ތަޢާރަފްކުރި ޓުވަރިސްޓް ވިޔަފާރިއާއިއެކު، ރަށްރަށުގައި އަމިއްލަ ގޭގައި ތިބެގެން އާމްދަނީ ލިބޭނެ މަގުވަނީ ތަނަވަސް ވެފައެވެ.

ހޯމް ސްޓޭ ތަޢާރަފްކުރުމުގައި އިއްޔެ ދިއްގަރުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިސަރުކާރުގެ ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމެވެ. މައުސޫމަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. ހޯމް ސްޓޭ ތަޢާރަފް ކުރުމާއި ގުޅިގެން ވަހީދު ވިދާޅުވީ މިވިސްނުމާއި، މިތަސައްވަރަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށެވެ. އަދި މިކަން ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވީ އެމްޑީޕީގެ އަބްދުﷲ ރަޝީދު ކަމާއިއެކު، އޭނާ ކުރި މަސައްކަތަށް މިކަމުގައި ޝުކުރު ހައްގުކަމަށް ވަހީދު ވިދާޅުވިއެވެ.

ހޯމްސްޓޭ ވިޔަފާރިއަކީ ސީދާ އެމްޑީޕީގެ ސިޔާސަތެކެވެ. ދިރިއުޅޭ ގެއިން އާމްދަނީއެއް ނެރެވޭނެ މަގު ހުޅުވާލަދިނުމަށް މިޕާޓީން ވީވަޢުދެކެވެ. ހޯމްސްޓޭ ވިޔަފާރި ޕްރޮމޯޓް ކުރުމަށް ފަރުދީގޮތުން އެންމެ ބޮޑު މަސައްކަތެއް ކުރި ޢަބްދުالله ރަޝީދަށާއި އެމްޑީޕީއަށް މަރުހަބާއެވެ.

– ވައްޑެ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ރަންޔޫބީލާ ދިމާކޮށް ރާއްޖޭގައި މުޅި އަލަށް ހޯމް ސްޓޭ ތަޢާރަފްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިންނަށް މަރުޙަބާކިޔުމާއި މެހެމާންދާރީ ރަނގަޅަށް އަދާކުރެވެނީ އެއީ ހިތުގެ އަޑިން ކުރެވޭކަމަކަށްވުމުން ކަމަށެވެ. އަދި އިންވެސްޓަރުން ހޯދައި ކިތަންމެ ބައިވަރު ގެސްޓްހައުސްއެއް ހެދުނުނަމަވެސް ފަތުރުވެރިންގެ ހިތްތަކުން ޖާގަހޯދޭނީ އެފަދަ މެހުމާންދާރީއެއް އަދާކުރެވިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިއްގަރުން ޙައިރާން ކުރުވާފަދަ ދަރަޖައެއްގައި އަބަދުވެސް އެފަދަ މެހެމާންދާރީ ފެނިވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިއްގަރަށް މިފުރުސަތު އެންމެ ފުރަތަމަ ލިބުނު މައިގަނޑު ސަބަބަކީ ރަށުގެ ޒުވާނުން އެންމެ ގިނަ ޢަދަދަކަށް މަސައްކަތްކުރަމުން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާގައިކަމަށްވެފައި އެފަރާތްތަކާއި ކައުންސިލް ގުޅިގެން ކުރި ބުރަމަސައްކަތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ފެނިގެންދާނެ ކާމިޔާބު ކޮންސެޕްޓަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭ ރަށަށް ޢާމްދަނީވަދެ ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުވާ ބޭރުފައިސާ ހިފަހައްޓަން ލިބޭ ފުރުސަތެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.