އިންސާފުގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަންޖެހޭ: ޑރ.ޖަމީލް

އިންސާފުގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަންޖެހޭ: ޑރ.ޖަމީލް

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2022 10:56
0

އިންސާފްގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަންޖެހޭ ކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިފަދައިން ވިދާޅުވީ ވ.އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒް ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފާއިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލް ކޮށްފައި ވަނިކޮށެވެ.

ޑރ.ޖަމީލް ވިދާޅުވީ ތަކުރާރުކޮށް ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ދައުވާތައް އުފުލަމުންދާތީ ކަންބޮޑުވާކަމަށެވެ. ފައިތުވެދިޔަ ތިން އަހަރު މިސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ރައީސް ޔާމީނަށް ދައުވާ އުފުލައި، އެމަނިކުފާނަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުންކަމަށެވެ. މިފަދަ އަމަލުތަކަކީ ދުނިޔެވެސް ބަލައި ގަންނަ ކަންތައްތަކެއް ނޫންކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ތަކުރާރުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލާ ނުޙައްޤު ދަޢުވާތަކާމެދު ކަންބޮޑުވޭ. މިދިޔަ 3 އަހަރު އިންސާފް ޤާއިމްކުރަނީއޭ ބުނެ މިނޫން ކަމެއް ކުރެވިއްޖެތޯ؟ އިންސާފްގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަންޖެހޭ. މިފަދަ ޢަމަލުތައް ދުނިޔެ ދެކެނީ އުތުރު ކޮރެއާއާ އެއްގޮތަށް.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާއެވެ. އަދި ދެވަނަ ދައުވާއެއްގެ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ. އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އާރަށުގެ އަގުގެ ގޮތުގައި ލިބުނު 1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާ ކަަމަށް ތަހުގީގު ރިޕޯޓުގައިވެއެވެ. ރައީސް ޔާމީންގެ މައްޗަށް މިފަހަރު ކޮށްފައިވަނީ ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ތުހުމަތުގެ ދައުވާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.