ފޯކައިދޫއިން ފަތުހީގެ ޓީމަށް ހޫނު މަރުހަބާއެއް

ފޯކައިދޫއިން ފަތުހީގެ ޓީމަށް ހޫނު މަރުހަބާއެއް

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2022 06:41
0

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކުރިމަތި ލައްވަފައިވާ އިދިކޮޅު ކެނޑިޑޭޓް މޫސާ ފަތުހީގެ ޓީމުން ފޯކައިދޫއަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ފޯކައިދުއަކީ މި އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓްގެ އުފަން ރަށެވެ. ޕީޕީއެމްގެ ޓީމަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ވަނީ ނިކުމެފައެވެ. މިއިންތިޚާބުގައި އެންމެ ފޯރީގައި ކެމްޕެއިން ކުރަމުންދާ އެއްޓީމަކީ ޕީޕީއެމްގެ ޓީމެކެވެ. ޕީޕީއެމްގެ ޓީމުން ދަނީ ކޮންޑޫ ދާއިރާގެ ތިން ރަށުގައި ޑޯޓުޑޯގެ ހަރަކާތްތައްވެސް ކުރިއަށް ގެންދަމުންނެވެ.

އިދިކޮޅު ކޯލިޝަނުން މިވަގުތު އެންމެ އިސް މަސައްކަތެއްގެ ގޮތުގައި ފަށާފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ނުގެމަށް އެކޯލިޝަންގެ އިސް ބޭފުޅުން ދަނީ ކެމްޕެއިންގައި ހަރަކާތްތެރި ވަމުންނެވެ.

ޕީޕީއެމްގެ އިތުރުން ކޮމަންޑޫ ދާއިރާގައި ކެމްޕެއިން ކުރިއަށް ގެންދަނީ އެމްއެންޕީގެ ފަރާތުންނެވެ. އެޕާޓީންވެސް ގެންދަނީ އެދާއިރާގެ ރަށްތަކުގައި ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރީގައި ގެންދަމުންނެވެ. މި ކެމްޕެއިންގައި އަދި އެންމެ އަޑު މަޑުކޮށް ހަރަކާތްތެރިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެޕާޓީންގެ ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ކެމްޕެއިން ލޯންޗު ކުރުމަސް ފަހުގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ކެންސަރު ބަލީގައި މިމަހުގެ 14 ވަނަދުވަހު ނިޔާވުމުންނެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިޚާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިއަދު ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މޮނިޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައެވެ.

ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.