އެއްވެސް ސަރުކާރެއް ވައްޓާލަން ފުލުހުން ދެނެއް ނުނިކުންނާނެކަމުގެ ޔަޤީންކަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.
މިއަދު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ފުލުހުންނަކީ މިހާރު ޣައިރު ޤާނޫނި އަމުރުތަކަށް ކިޔަމަންވާނެ ބައެއް ނޫންކަމަށާއި، ޣައިރު ޤާނޫނީ އަމުރުތަކަށް ބޯލެނބުން އެއީ މާޒީކަމަށެވެ. އެމާޒީން ގިނަ ފިލާވަޅުތަކެއް މިހާރު ފުލުހުންނަށް ލިބިފައިވާކަމަށާއި، މިހާރު ފުލުހުންގެ މުއައްސަސާގައި ތިބި ފުލުހުންނާއި، ކުރިއަށް އޮތްތަނުގައި ފުލުހުންގެ މުއައްސަސާއާއި ގުޅޭނެ ފުލުހުންވެސް އެއްވެސް ސަރުކާރެއް ވައްޓާލަން ދެން ނުނިކުންނާނެކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ. ފުލުހުންގެ މުއައްސަސާ މިހާރު އެތައް ގޮތަކުން ހަރުދަނާކޮށްފައިވާކަމަށާއި، އެފިޔަވަޅުތަކުގެ ސަބަބުން އެޔަޤީންކަން މިހާރު އޮތްކަމަށް ހަމީދު ފާހަގަކުރެއްވިއެވެ.
އެހެންވީމާ އަޅުގަނޑެއް ޤަބޫލެއް ނުކުރަން ފުލުހުންގެ މުއައްސަސާގަ މިއަދު ތިބި ފަރާތްތައްވެސް އަދި ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މުއައްސަސާއަށް ގުޅެން ތިބި ފަރާތްތަކުންވެސް، އަދި މިހާރު މުއައްސަސާ ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންވެސް އެކަންކަން ކަށަވަރު ކުރެވިގެންދާނެ. އެ ޕްރޮފެޝަނަލިޒަމް ޤާއިމްކޮށްފަ އަޅުގަނޑު މިތަނުން ނުކުމެގެންދާނީ
-ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ ޢަބްދުﷲ މުޙައްމަދު ބަންދުކުރީ ޤާނޫނާއި ޚިލާފަށްކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކުރި މުޒާހަރާތަކަށްފަހު، 2012 ވަނަ އަހރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ފުލުހުން ނިކުމެ އޭރުގެ ވެރިކަން ވައްޓާލިއެވެ.
ޙަމީދު ވިދާޅުވީ، މިހާރު ފުލުހުންގެ މުއައްސަސާއއިން އެޒާތުގެ ކަމެއް ކުރާނެކަމަށް މިހާރު ޤަބޫލުފުޅު ނުކުރައްވާކަމަށާއި، ފުލުހުންގެ މުއައްސަސާ އިޞްލާހުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އެމަސައްކަތުގެ ދަށުން އަންނަ އަހަރު އެދެވޭ ބަދަލެއް ފުލުހުންގެ މުއައްސަސާއަށް އަންނާނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.
ސީޕީ ހަމީދު ވިދާޅުވީ ކުށްތަކަށް އަރައިގަންނަ އަދި އަޚްލާގީ މިންގަނޑާ ޚިލާފްވަމުން އަންނަ ފުލުހުންނާމެދު ފިޔަވަޅު އަޅާފައިވާނެކަމަށާއި، އެގޮތުން މިހާތަނަށް 80 ފުލުހަކަށް ފިޔަވަޅު އަޅާފައިވާނެކަމަށެވެ.

މިސަރުކާރުން ވަނީ ފުލުހުންނާއި ސިފައިނަނަށް ގައިރު ޤާނޫނ އަމުރު ނުކުރާނެކަމަށް ބުނެފައެވެ. އެގޮތުން ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ގިނަ އިޞްލާހުތަކެއް ގެންނާނެކމަށާއި، އެމަސައްކަތުގެ ދަށުން ފުލުހުންގެ ފަސް އަހަރ ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ގިނަ ކަންތައްތަކެއް ކަށަވަރުވާނެކަން ސީޕީ ޙަމީދު ވިދާޅުވެފައިވެއެވެ.
ސަރުކާރުންވެސް ވަނީ ފުލުހުންގެ ޤާނޫނަށް ގިނަ އިޞްލާޙުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައެވެ. ސަރުކާރުންވެސް ވަނީ ފުލުހުންގެ ޤާނޫނަށް ގިނަ އިޞްލާޙުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަސް ހުށައަޅަފައެވެ. ސިފައިންނާއި ފުލުހުންގެ ޚިދުމަތްތައް ކުރިއަރުވައި، ތަރައްޤީކޮށް އަދި އެދެ މުއައްސަސާގައި އިޞްލާޙްކޮށް، ބަދަލުގެންނަންޖެހޭ އެންމެހައި ކަންކަން މި ސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ