ރާއްޖޭގައި މިއަދު ތަޢާރަފްކޮށް، ފެށުމަށް ހަމަޖެހިފައިވާ ހޯމް ސްޓޭ ވިޔަފާރިއާއިއެކު ފުދުންތެރިކަން އިތުރުވެ، އާންމު ރައްޔިތު މީހާގެ ޖީބަށް ޑޮލަރުވަންނާނޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ފެށުނު 2022 ވަނަ އަހަރާއިއެކު ހޯމް ސްޓޭ ފަތުރުވެރިކަން ތަޢާރަފްކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެންމެ ފުރަތަމަ ހޯމް ސްޓޭ ފަތުރުވެރިކަން ތައާރަފްކުރަނީ މ. ދިއްގަރުގައެވެ. މިއަދު މިކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހޯމް ސްޓޭ ތަޢާރަފް ކުރުމުން ލިބޭނެ މަންފާތަކާއި ގުޅިގެން އަހުމަދު ވިދާޅުވީ މިއީ ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ، އޭގެ ސަބަބުން އެތައް ބަޔަކަށް މާލީ ގޮތުން ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމެއްކަމަށެވެ. މިއާއިއެކު ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވަނުމަށް މަގުފަހި ވެގެންދާނެކަމަށް މެމްބަރު އަހުމަދު ވިދާޅުވިއެވެ.
ހޯމް ސްޓޭ ވިޔަފާރީގެ ސަބަބުން އެތައް ބަޔަކަށް އޭގެ ފައިދާ ކުރާނެ. ފުދުންތެރިކަން އިތުރުވެގެން ދާނެ، ޖީބަށް ޑޮލަރުވަންނާނެ.
– މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
ހޯމް ސްޓޭއަކީ ރާއްޖޭގެ ފަތުރުވެރިކަން ވަށައިޖެހޭ ނިޒާމަކަށް ހެދުމަށް ތަޢާރަފުކުރުން މުހިންމު ޕްރޮޑަކްޓެއްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މަޢުސޫމު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ޑރ. މައުސޫމް ވިދާޅުވީ ހޯމް ސްޓޭއަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސިޔާސަތެއް ކަމަށްވާ ރަށްރަށަށް ފަތުރުވެރިކަން ގެނައުމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށްދާ ޓުއަރިޒަމް ޑައިވާސިފިކޭޝަން ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ އެއް ކެޓެގަރީކަމަށެވެ.
ހޯމް ސްޓޭ ފަތުރުވެރިކަމަކީ، އެރަށެއްގައި ދިރިއުޅޭ ބަޔަކާއިއެކު އެއްގެއެއްގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކުރާ ބާވަތުގެ ފަތުރުވެރިކަމެވެ. މި ބާވަތުގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ޤައުމުތަކުގައި ކާމިޔާބު ކަމާއެކު ހިންގާ އެއް މޮޑެލެވެ. ހޯމްސްޓޭ ޓުއަރިޒަމްގެ އިތުރުން، ސްޕޯޓްސް ޓުއަރިޒަމް، މައިސް ޓުއަރިޒަމް އަދި ކަލްޗަރަލް ޓުއަރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.