ކޮމަންޑޫ ދާއިރާގެ ގޮޑިއަކީ ވަކި ސިޔާސީ ޕާޓީއަކަށް ހިބަކޮށް ދީފައިވާ ގޮނޑިއެއް ނޫންކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވީ، ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، އެމްޑީޕީއާއި ވާދަކުރުމަށް އެހެން ޕާޓީތަކުން ކުރިމަތި ލުމަކީ ހަޑިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.
ހީނާ ވިދާޅުވީ ރައްޔިތުން އިންތިޚާބު ކޮށްފައިވާ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ޑިމޮކްރަސީއާއި، ބީރައްޓިހި، އަދި ޑިމޮކްރަސީއަށް އިހުތިރާމް ނުކުރާ އުސޫލުން ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ. އެއްވެސް ދާއިރާއެއްގެ ގޮނޑިއަކީ ވަކި ޕާޓީއަކަށް ހިބަކޮށްދީފައިވާ ގޮޑިއަކަށް ނުވާއިރު، އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް އޮންނާނެކަމަށް ހީނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި އިންތިޚާބަކީ ޕީޕީއެމްއިން ކާމިޔާބް ކުރާނެ އިންތިޚާބެއްކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑިއަކީ ވަކި ޕާޓީއަކަށް ހިބަކޮށް ދީފައިވާ ގޮނޑިއެއްނޫން. ޑިމޮކްރަސީގެ އުސޫލުތަކަށް އިޚްތިރާމް ނުކުރާ މޭރުމުން މެމްބަރަކު ވާހަކަ ދެއްކުމުން ވަރަށް ދެރަ. ގޮނޑި މިފަހަރު ކާމިޔާބު ކުރާނީ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ.
– ހީނާ ވިދާޅުވިއެވެ.
މެމްބަރު އިކްރާމް ވިދާޅުވެފައިވަނީ މިގޮޑިއަކީ އެދާއިރާގެ ރައްޔިތުން ފަސް އަހަރަށް އެމްޑީޕީއަށް ދީފައިވާ ގޮޑިއެއްކަމަށެވެ. ދާއިރާގެ މެމްބަރު ނިޔާވުމުން އެގޮނޑިއަށް އެހެން ޕާޓީތަކުން ކުރިމަތިލުމަކީ ހަޑިކަމެއް ކަމަށާއި، ވާދަކުރިނަމަވެސް މި ގޮނޑި ފަސޭހަ ކަމާއިއެކު އެމްޑީޕީގެ ކެނޑިޑޭޓް ކާމިޔާބް ކުރާނެކަމަށް އިކްރާމް ވިދާޅުވިއެވެ.
މިގޮޑިއަކަށް ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ ވިދާޅުވެފައިވަނީ، މަޖިލީޙުގެ 65 ގޮޑި އެމްޑީޕީއަށް ދިނުމުން ނުވިކަމެއް ކޮމަންޑޫ ދާއިރާގެ ގޮޑި އެމްޑީޕީއަށް ދީގެން ވާނެ ކަމެއް ނެތްކަމަށެވެ. އަދި މިއީ ޤައުމީ މަސައްކަތެއް ކަމުގައިދެކި މިގޮނޑި ޕީޕީއެމްއަށް ކާމިޔާބް ކުރުމަކީ ޤައުމާއި ރައްޔިތުންގެ މަސްލަހަތުވެސް އެންމެ ބޮޑަށް އެދޭގޮތްކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ކެންސަރު ބަލީގައި މިމަހުގެ 14 ވަނަދުވަހު ނިޔާވުމުންނެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.
ކޮމެންޓު ފޮނުވާ