މަޖިލީޙުގެ 65 ގޮނޑި ދިނުމުން ނުވިކަމެއް، ކޮމަންޑޫދާއިރާގެ ގޮނޑި ދިނުމަކުން ނުވާނެ: ފަތުހީ

މަޖިލީޙުގެ 65 ގޮނޑި ދިނުމުން ނުވިކަމެއް، ކޮމަންޑޫދާއިރާގެ ގޮނޑި ދިނުމަކުން ނުވާނެ: ފަތުހީ

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2021 10:37
0

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ދެވޭ ވޯޓަކީ ޤައުމުގެ ހައްޤުގައި ދެވޭ ވޯޓަކަށް ހެދުމަށް އެދައިރާއަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ މޫސާ ފަތުހީ ގޮވާލައިފިއެވެ.

ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވުމަށްފަހު ޕީޕީއެމްގެ އޮފީހުގައި ވާހަކަ ދައްކަވަމުން ފަތުހީ ވިދާޅުވީ، އެނާ މި އިންތިޚާބުގައި ވާދަކުރި ކަމުގައިވީނަމަވެސް މިއީ ވަރަށް ބޮޑު ޤައުމީ ކަމެއްކަމަށެވެ. ރާއްޖެ މިއަދު އޮތް ހިސާބުން އަލުން ނެގުމަށާއި، ރާއްޖޭގެ ކުރިމަގަށްޓަކައި އިންތިޚާބުތަކުގެ ނަތީޖާ މުހިންމުކަމަށް ފަތުހީ ވިދާޅުވިއެވެ.

މަޖިލީހުގައި މިހާރުވެސް އެމްޑީޕީގެ ސުޕަމެޖޯރިޓީއެއް އޮތްއިރު، ރާއްޖޭގެ ކުރިމަގަށް އަދި ކޮމަންޑޫ ދާއިރާއަށް ވީ ފައިދާއެއް ނެތްކަމަށް ފަތުހީ ވިދާޅުވިއެވެ. މަޖިލީހުގައި އޮތް މެޖޯރިޓީގެ ބޭނުންކޮށްގެން ރައްޔިތުންނަށް ދަތިތައް ކުރިމަތިކުރިން ނޫންކަމެއް ވެފައި ނުވާކަމަށެވެ.

އޭނާ ވިދާޅުވީ މިއިންތިޚާބުގައި އޭނާ ވާދަކުރަނީ ހަމައެކަނި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާއި ނޫންކަމަށެވެ. އޭނާ ވާދަކުރަނީ ބޮޑު ބިޔަ ޤައުމަކާއިވެސް ދެކޮޅަށް ކަމަށާއި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ގެއްލޭނެ ޖާގަ ނުދިނުމަށްވެސް މިގޮޑި އެމްޑީޕީއަށް ނުދޭން އަޒުމް ކަނޑައަޅަންޖެހޭކަމަށެވެ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަކީ ޤައުމީ ޝުއޫރާއި، ޤައުމީ ލީބި ނުހަނު ބޮޑު ދާއިރާއަކަށްވާއިރު، ޤައުމަށް މިއަދު ވަމުންދާ ގޮތުން ޤައުމު ސަލާމަތް ކުރުމަށް ސާބިތު ކަމާއިއެކު ސަރުކާރަށް ނޫނެކޭ ބުނަންކެރޭ ފުރަތަމަ ދާއިރާއަކަށް ކޮމަންޑޫ ދާއިރާ ވުމަކީ މުހިންމު ކަމެއްކަމަށް ފަތުހީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ފުރިހަމަ ތަޖުރިބާއާއިއެކު މިއިންތިޚާބުގައި ވާދަކުރަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ. ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް އަދި ވަންނަން ޖެހުނު ކޮންމެ އިދާރާއަކަށް ވަދެގެންވެސް އެކަމެއް ކުރުމުގެ ހިތްވަރާއި އަޒުމު ހުންނާނެކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ކެންސަރު ބަލީގައި މިމަހުގެ 14 ވަނަދުވަހު ނިޔާވުމުންނެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.