ޑްރަގް ޓާސްކްފޯސްއާއި ރައީސް ހަވާލުވާންޖެހުނީ، ޒިންމާ އުފުލަންތިއްބެވި ބޭފުޅުން ފެއިލްވުމުން

ޑްރަގް ޓާސްކްފޯސްއާއި ރައީސް ހަވާލުވާންޖެހުނީ، ޒިންމާ އުފުލަންތިއްބެވި ބޭފުޅުން ފެއިލްވުމުން

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2021 08:39
0

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން މަސައްކަތް ކުރުމަށް ބާރުއެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ޓާސްކްފޯހެއް އުފައްދަވަން ޖެހުނީ އެކަން ކުރަން ހަވާލުވެ ތިއްބެވި ބޭފުޅުން ފެއިލްވުމުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން މަސައްކަތް ކުރުމަށް ބާރުއެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ޓާސްކްފޯހެއް އުފައްދެވުމަށް މިއަދު ވަނީ ނިންމަވާފައެވެ. މިކަމާއި ގުޅިގެނން އާދަމް ޝަރީފް ވިދާޅުވީ ޑްރަގް ޑީލް ކުރާ ސިޔާސީ މީހުންނަކީ ކޮބައިކަން އެގިތިބެ ސަރުކާރުން އެމީހުންނަށް ހިމާޔަތް ދިނުމަކީ ހަދާ ވަރަށް ބޮޑު ގޯހެއްކަމަށެވެ. އެޖާގަ އެފަދަ ފަރާތްތަކަށް ދިނުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ރައީސް ޗެއާ ކުރައްވާގޮތަށް ޓާސްކް ފޯސްއެއް އުފައްދަވަން ޖެހިވަޑައިގަތުމުން ދޭހަވަނީ އެކަމުގެ ޤާނޫނީ ޒިންމާ އުފުލަން ތިބި ފަރާތްތައް ފެއިލްވެއްޖެކަން. ޑްރަގް ޑީލް ކުރާ ސިޔާސީ މީހުންގެ ނަން ހާމަނުކުރީ ސަރުކާރުން ހިމާޔަތްދޭން.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

އަވަށްޓެރި ގައުމުތަކުގެ އެހީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއެރުން ހޯދަމުން އަންނަ ކަމަށާއި މިކަން ހުއްޓުވުމަށް އެކި ޝިއާރުތަކުގައި މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ. އިމްރާންގެ މި ތުހުމަތާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ ބޭލުމަށް ހިންގާ ކެމްޕެއިނާއި، ޑްރަގް ޑީލަރުންނާއި ގުޅުވޭނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. އަދި އެގިތިބެ ޑްރަގުގެ ސިޔާސީ ލީޑަރުން ދޫކޮށް ތިބުމަކީ ސަރުކާރުން ކުރުވާ ކަމެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ދިވެހިން ހިންގާ ހަރަކާތާއި، ޑްރަގު ޑީލާސްއާއި ގުޅުވޭނެ އެއްވެސް ގޮތެއް، ހެއްކެތް އޮތްނަމަ އެބަޔަކާއިމެދު އެއްވެސް ފިޔަވަޅެއް ނާޅައި ސަރުކާރުން އޮންނަނީ ކީއްވެ؟ ސަރުކާރުން ދައްކަނީ އެއްވެސް އަސާސެއްނެތް، ދޯހަޅި ވާހަކަތަކެއް.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

މަސްތުވާތަކެތި ނައްތާލުމަށް ޢާއްމުންނަށާއި ނޫސްވެރިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޙަރަކާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ މީހުން އެބަތިބިކަމަށެވެ. އޭގެތެރޭގައި ނުފޫޒުގަދަ މީހުން ހިމެނޭކަމަށާ މިއީ ބައިގަރުނު ވެފައިވާ ބޮޑު މައްސަލައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމައްސަލައަށް މިހާތަނަށް ޙައްލެއް ނުގެނެވި އޮތީ ކުރީގެ ސަރުކާރުތަކުން މިކަމުގައި ގެންގުޅުއްވާފައިވާ ސިޔާސަތުތަކުގެ ސަބަބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއާ ޚިލާފަށް މިހާރު މިވަނީ މި ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރެއްވުމަށް، މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމާ ގުޅޭ އެކިއެކި އިދާރާތަކާއެކު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިވަގުތު ފުލުހުންގެ އިންޓަލިޖެންސަށް ލިބިފައިވާ މަޢުލޫމާތުތަކާއި ހޯދިފައިވާ ހުރިހާ ހޯދުމެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައި މުވައްސަސާތއް މެދުވެރިކޮށް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން މިހާރު މަސައްކަތް ފަށްޓަވާފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މިކަމުގެ ނަތީޖާ 2022ވަނަ އަހަރުގެ ފުރަތަމަ ކޮޅު ފެނިގެންދާނެކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

b birubodu
Mdp meehunge masodigein duragu viyafaari emme baaruminugai gendhanee imraanumennah engeyne