ރައީސް ޞާލިހު މިފަސް އަހަރަށް ވުރެ އިތުރަށް ވެރިކަމުގައި ހުންނަވާނެ: އަސްލަމް

ރައީސް ޞާލިހު މިފަސް އަހަރަށް ވުރެ އިތުރަށް ވެރިކަމުގައި ހުންނަވާނެ: އަސްލަމް

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2021 08:20
0

ތަރައްގީވެފައި އޮތް ގައުމަކާ ދިމާލަށް ކައިރިވާ ހިސާބަށް ރާއްޖެ ގެންދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މި ފަސް އަހަރަށް ވުރެ އިތުރަށް ހުންނަވާނެ ކަމުގައި ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވަނީ ރާއްޖޭގެ ތަރައްޤީގެ މިސްރާބު މިހާރު ހުރި ގޮތާއިމެދު ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ބޭނުންވި އެންމެ ބާރު ސްޕީޑުގައި ކަންކަން ކުރިއަށް ނުގެންދެވުނު ނަމަވެސް ސަރުކާރުން ދަނީ ހުއްޓުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މި ސަރުކާރުން ހިންގި އުމްރާނީ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް 1.86 ބިލިއަން ރުފިޔާގެ މަޝްރޫއު ނިންމާފައިވާ ކަމަށެވެ. އަދި 16.2 ބިލިއަން ރުފިޔާގެ މަޝްރޫއު މިހާރު ވެސް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، އިތުރަށް ކުރަން ހުރި ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންގޮސް ރާއްޖެ އެހެން މިސްރާބަކަށް ގެންދެވޭނީ ރައީސް ޞާލިހަށް އިތުރު ދައުރެއް ލިބިގެން ކަމަށާއި، އިފުރުސަތު އޮތްތަން ފެންނަ ކަމުގައި އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިހާރުވެސް ބަނދަރު ހެދުމުގެ 60 މަޝްރޫއަކާއި ބިން ހިއްކުމުގެ 18 މަޝްރޫއަކާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 28 މަޝްރޫއެއް ކުރިއަށް ދާކަމަށެވެ. އަދި ތާރު އަޅައިގެން މަގު ހެދުމުގެ 18 މަޝްރޫއެއްގެ މަސައްކަތާއި ފެނާއި ނަރުދަމާގެ ޖުމުލަ 245 މަޝްރޫއެއްގެ މަސައްކަތް ހިންގާ ކަަމަށް އަސްލަމް ވިދާޅުވިއެވެ.

މިއީ ވެރިކަން ކުރާ އެމްޑީޕީގެ ތެރެއިންވެސް އަދި ސަރުކާރު ކޯލިޝަން ތެރެއިން ބޭފުޅަކުވެސް ރައީސް ޞާލިހު ދެވަނަ ދައުރެއްގައި ވެރިކަމުގައި ހުންނަވާނެކަމަށް ވިދާޅުވި ފުރަތަމަ ފަހަރެވެ. ސަރުކާރުން ވެފައިވާ ގިނަ ވައުދުތަކެއް ނުފެއްދޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، ނުފުއްދިހުރި ވައުދުތަކާއިއެކު ރައީސް ޞާލިހަށްވެސް އަދި އެމްޑީޕީއަށްވެސް އިތުރު ދައުރެއް ލިބުމަކީ ނާދިރު ކަމެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.