ރާއްޖޭގައި ޤިޞާސް ހިފޭނެ، އިސްލާމީ ޝަރީއަތާ ކައިރިއަށް ރާއްޖެ ޖެހޭނެ: އުމަރު

ރާއްޖޭގައި ޤިޞާސް ހިފޭނެ، އިސްލާމީ ޝަރީއަތާ ކައިރިއަށް ރާއްޖެ ޖެހޭނެ: އުމަރު

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2020 11:34
0

ދިވެހިރާއްޖޭގައި ޤިޞާސް ހިފޭނެ ކަމަށާއި، އިސްލާމީ ޝަރީއަތާ ކައިރިއަށް ރާއްޖެ ޖެހޭނެ ދުވަސް ލަސްތަކެއް ނުވެ ކުރިމަތިލާނެ ކަމަށް2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް އެކަމަށް ހޯދައިގެން ކަމަށެވެ.

ރިއްފަތުގެ މިވާހަތަކާއި ގުޅިގެން އުމަރު ވިދާޅުވީ ހައްޤަކާނުލާ މީހުން މެރުމާއި، އަންހެނުންގެ އިއްފަތްތެރިކަން ފޭރި ގަތުމާއި، މަސްތުވާ ތަކެތި ރާއްޖެއަށް އެތެރެކުރުންފަދަ ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނީ އިސްލާމީ ޝަރީޢާގެ ތެރެއިންކަމަށެވެ. އެކަން ކުރެވޭނެ އެހެން ނިޒާމެއް ނެތްކަމަށް ވިދާޅުވެ އުމަރު ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ދުވަހެއް ވަރަށް އަވަހަށް ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި ޤިޞާސް ހިފޭނެ. އިސްލާމީ ޝަރީއަތާ ކައިރިއަށް ރާއްޖެ ޖެހޭނެ. ހައްޤަކާނުލާ މީހުން މެރުމާ، އަންހެނުންގެ އިއްފަތްތެރިކަން ފޭރި ގަތުމާ މަސްތުވާ އެއްޗެތި ރާއްޖެއަށް އެތެރެކުރުންފަދަ ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނީ އިސްލާމީ ޝަރީޢާގެ ތެރެއިން އިންތިޒާރު ކޮށްލައްވާ.

– އުމަރު ނަސީރު

އެޓާނީ ޖެނެރަލްގެ މިވާހަތަކާއި ގުޅިގެން ދީނީ ޢިލްމުވެރިންގެ މެދުގައި މިކަމުގައި ވަރަށްބޮޑު ނުރުހުން އޮތްކަން ސޯޝަލް މީޑިޔާގައި ފާޅު ކުރެވެމުންދާއިރު، އޭޖީ ރިއްފަތު އަވަށް ތައުބާވުމަށް އިލްމުވެރިން ދަނީ ގޮވާލަމުންނެވެ. މަރަށް މަރު ހިފުމަކީ ޚިޔާލު ހޯދައި ރައްުޔިތުންނާއި މަޝްވަރާކޮށްގެން ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، އޭގެ ހުރިހާ ޝަރުތެއް ފުރިހަމަ ވެއްޖެނަމަ އެހުކުމް ދެމެހެއްޓުމަކީ ވެރިންގެ މައްޗަށް ވާޖިބް ކަމެއްކަމަށް އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.

އިއްޔެގެ ބައްދަލުވުމުގައި އޭޖީ ވިދާޅުވީ ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށާއި މަރުގެ އަދަބު އުވައިނުލި ނަމަވެސް އެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެ އިން ދަމަހައްޓާނެ ކަމަށެވެ. އަދި މަރުގެ އަދަބު ނައްތައިލަން ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނު އަސާސީ ހުއްދަކުރާ ގޮތަށް ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.