މާލެ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން: މުއިއްޒު

މާލެ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން: މުއިއްޒު

މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކޮށް، މާލެ ރައްޔިތުން ނިކަމެތި ކުރުން ހުއްޓާލުމަށް މާލެ ސީޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައިފިއެވެ.

މޭޔަރު މުއިއްޒު މިފަދައިން ވިދާޅުވީ ހުޅުމާލެއިން 60 ގޯތި ވިއްކަން އެޗްޑީސީން ނިންމި ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ގޯތި ވިއްކުމާއި ދެކޮޅަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ނިކުންނަވާފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ މާލޭގެ ރައްޔިތުން ހުޅުމާލެއިން ގޯތި ލިބޭނެ ގޮތެއް ފަހިނުވެ މުއްސަދި މަހުޖަނުންނަށް ގޯތި ލިބޭނެ ގޮތް ހެދުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެސިޔާސަތު ސަރުކާރުން ބަދަލު ކުރަންޖެހޭކަމަށެވެ.

މިކަމާއި ގުޅިގެން މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމާލޭގެ ބިންތައް ވިއްކައިގެން ކުންފުންޏަކަށް އާމްދަނީ ހޯދައި ދިނުމަކީ ސަރުކާރުގެ ވިސްނުންކަމަށެވެ. އަދި މިކަމުން މާލެ ރައްޔިތުންނަށް ލިބެން އޮތް ގޯތިވެސް ނުލިބި އިތުރަށް ނިކަމެތިވުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ 2 ވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަންދެނީ ކުންފުންޏެއްގެ ޢާމްދަނީ އިތުރުކުރުމަށް! މާލެ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން!

– މުއިއްޒު ވިދާޅުވިއެވެ.

އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1603.07 އަކަފޫޓުގައި 2633.93 އަކަ ފޫޓާ ދެމެދުގެ 60 ބިމެވެ. އަދި އެ ބިންތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.

ބިންތައް ވިއްކަން ނިންމާފައިވަނީ ހުޅުމާލޭގެ އަތިރިމަތީ "ބީޗް ފްރޮންޓު" ސަރަހައްދުންނާއި އަދި އަތިރިމަތި ކައިރިން "ބީޗު ސައިޑު" ނެވެ. މީގެ ތެރެއިން "ބީޗް ފްރޮންޓު" ސަރަހައްދަށް ބީލަށް ފޯމް އަންނަ ފެބްރުއަރީ ހައެއްގެ ކުރިން ހުށަހަޅަން ޖެހޭއިރު "ބީޗު ސައިޑު" އަށް ބީލަން ފޯމް ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ 16އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *