2008ގައި ދިވެހިން ބަލައިގެންފައިވާ އާ ގާނޫނު އަސާސީން އެކަށަ އަޅައިދިން ދައުލަތުގެ އެންމެ މުހިންމު މުވައްސަސާތަކަކީ މިނިވަން މުވައްސަސާތަކެވެ. މީގެ ތެރޭގައިވެސް ހިމެނޭ ބައެއް މިނިވަން މުވައްސަސާތަކަކީ އެހެން ބައެއް މުވައްސަސާތަކަށްވުރެ ޚާއްސަކަން ބޮޑު، އަދި މަތި ކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައްވެސް ބޮޑުވެފައި ބުރަ މުވައްސަސާތަކެވެ. އެހެންނަމަވެސް، މިއިން ކޮންމެ މުވައްސަސާއަކީވެސް ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި މިނިވަންކަމާއެކު އަދާކުރަންޖެހޭ މުވައްސަސާތަކަށް ވާއިރު، މި މަސްއޫލިއްޔަތު އެ މުވައްސަސާތަކުން އަދާކުރަން ޖެހެނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތިއެވެ.
އެއީ ރައްޔިތުންގެ މަޖިލިސް ކަމުގައިވި ނަމަވެސް، އެމަޖިލީހަށްވެސް މި މުވައްސަސާތަކުގެ މައްޗަށް ނުފޫޒު ފޯރުވުމަށް ނުވަތަ، މުވައްސަސާތަކުން ކުރިޔަށް ގެންދާ އެއްވެސް މައްސަލައަކަށް ކުޑަ ނަމަވެސް ދަރަޖައަކަށް ފާޑު ކިއުމުގެ ފުސުސަތެއް ގާނޫނު އަސާސީންނާއި އަދި ހެދިފައިވާ ގާނޫނުތަކުންވެސް ފަހި ކޮށް ދީފައެއް ނުވެއެވެ.
އެހެންނަމަވެސް، ފަހަކަށް އައިސް ވެރިކަމުގެ ހުރިހާ ދައުރެއްގަވެސް ވެރިކަން ކުރާ ފަރާތާއި އެންމެ ބޮޑު ކޯޅުމެއްގައި އޮންނަ މުވައްސަސާތަކަށް ވެގެން މިދަނީ ދައުލަތުގެ މިނިވަން މުވައްސަސާތަކެވެ. އަދި ގިނަފަހަރަށް ކޮންމެ ދައުރެއްގައިވެސް، އެ މުވައްސަސާތަކަށް ވެގެން މިދަނީ ހިއުމަން ރައިޓްސް ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން ނުވަތަ އޮޑިޓަރ ޖެނެރަލްގެ އޮފީސްފަދަ، ސިޔާސީ ފަރާތްތައް ޒިންމާދާރު ކުރުމުގެ މަސްއޫލިއްޔަތު އެންމެ ބޮޑަށް އުފުލާ މުވައްސަސާތައް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
މިގޮތުން އަމާޒުވާ ފާޑުކިޔުންތަކުގެ ތެރެއިން، އެންމެ ފަހުން، ވެރިކަމުގައި ތިބޭ ބަޔަކު ރުހޭ ބަޔަކު، ނުވަތަ މަޖިލިސް މެމްބަރުންގެ ގާތް މީހުން، ނުވަތަ ސިޔާސީ ލީޑަރުންގެ ގާތް މީހުން ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ހަމަޖައްސާ، ކަން ނިމިގެންދާއިރު ކޮމިޝަންތައް ގޮނޑިކޮށްކޮ ތަންތަނަށް ބަދަލުވެގެންދާތަން މިއީ ފާއިތުވެދިޔަ ކައިރި މާޒީގައި ފެނިގެން ގޮސްފައިވާ މަންޒަރުތަކެވެ.

އަދި މި ހަގީގަތް ރައީސް ޔާމިންގެ ދައުރުގައި ވަރަށްވެސް ފުރިހަމަޔަށް ސާފުކޮށް ފެނިގެން ދިޔައިރު، މިސަރުކާރުގައި އޭސީސީއާއިމެދު ކަން ހިގަމުންދާ ގޮތުން، މިމަންޒަރުތައް ހަމަ އެބީދައިން މިހާރު ތަމްސީލުވާން ފަށާފައިވާ ކަމުގައި ބައެއް ފަރާތްތަކުން މިހާރުވަނީ ބުންނަ ފަށާފައެވެ.
އެންމެ ފަހުން އޭސީސީ ގާނޫނީ ހުސްކަމަކަށް! ކޮމިޝަނާމެދު ހުރީ ސައްޙަ ޝަކުވާތަކެއްތަ؟
އެންޓި ކޮރަޕްޝަން ކޮމިޝަނާމެދު ރައްޔިތުންގެ މަޖިލިހުގެ ސުޕަރ މެޖޯރިޓީން ކޮށްފައިވާ އެންމެ ބޮޑު ޝަކުވާއަކީ، އެކޮމިޝަނަށް އެކަށީގެންވާ ސްޕީޑުގައި މަސައްކަތް ނުކުރެވޭ ކަމުގެ ޝަކުވާތަކެވެ. އިންސާފު ގާއިމް ނުކުރެވޭ ކަމުގެ ޝަކުވާތަކެވެ.
އެހެންނަމަވެސް، މިޝަކުވާތައް މިގޮތުގަ ހުރިނަމަވެސް، ކޮމިޝަނުން ނިންމި ވަކިވަކި މައްސަލަތަކާމެދު މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ވަކިވަކި މެމްބަރުންނާއި އަދި މަޖިލިސް ރައީސްވެސް ވަނީ ފާއިތުވެދިޔަ ތަނުގައި ފާޑު ވިދާޅުވެފައެވެ. އަދި މި ފާޑުވިދާޅުވުންތަކަށް ނަޒަރެއް ހިންގާ ރަގަޅަށް ވިސްނާލުމުން މިމައްސަލަތަކަށް އެބޭބޭފުޅުންގެ ފާޑިއުން އަމާޒުވެގެން ދިޔައީ، މިމައްސަލަތަކުން އެބޭފުޅުން ބޭނުންފުޅު ނުވާ ނަތީޖާތައް ފެންނާން ނެތުމުން ކަމީވެސް ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
އެހެންމަވެސް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 26 ޑިސެމްބަރ 2021 ގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން މަގާމުން ވަކިކުރުމަށް ނިންމި މައިގަނޑު އެއް ސަބަބެއް ކަމުގައި އެ ކޮމިޓީން ހާމަ ކޮށްފައިވަނީ ކުރީގެ ސަރުކާރުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި އެފަދަ އެހެނިހެން މައްސަލަތައް ތަހްގީގުކޮށް އިންސާފު ގާއިމްކޮށްފައި ނުވުމެވެ.
އެހެންނަމަވެސް ފާހަގަވާން އޮތް ކަމަކީ، އެމްއެމްޕީއާރުސީގެ ހިޔާނާތްފަދަ މައްސަލަތައް ބެލުމަށްޓަކައި އެކަމަށް ހާއްސަ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އެއް 17 ނޮވެންބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދަވާފައި ވާކަމެވެ. އަދި ގާނޫނީގޮތުން އޭސީސީއަށް ލިބިފައިވާ ނުވާ ބޮޑެތި ބައެއް ބާރުތައް ވެސް ގާނޫނު ނަންބަރު 2019/4 (ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނު) އިން ރިޔާސީ ކޮމިޝަންތަކަށް ދީފައިވާކަމެވެ.
އަދި މީގެ އިތުރުން ފާހަގަކޮށްލަން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ކުރީގެ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް، މިސަރުކާރު ވެރިކަމާ ހަވާލު ވުމާއިއެކު، 17 ނޮވެމްބަރ 2018 އިން ފެށިގެން ބަލަމުންދަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ބެލުމުގެ ދަށުން ޖޮއިންޓް އިންވެސްޓިގޭޝަންއެއްގެ ގޮތުގައި ކަމެވެ. އެހެންކަމުން، ކުރީ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް ތަހުގީގުކޮށް، ބެލުމުގެ ޒިންމާ މިސަރުކާރުން މަތިކޮށްފައި އޮތީ ހަމައެކަނި އޭސީސީއާއި އެކަނި ނޫންކަމުގައި ދަންނަވަން ޖެހެއެވެ. އަދި އެ މައްސަލަތަކުގެ ޒިންމާގެ މުހިންމު، ބޮޑު ބައެއް ހަވާލު ކޮށްފައި އޮތީ، ސިޔާސީ މީހުންގެ މައްޗަށް ޚުދު މިސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަންއާއެވެ.

އަދި މި ތަހުގީގުތައް ކުރިޔަށް ގެންގޮސްފައި ވަނީ، އެސެޓް ރިކަވަރީ ކޮމިޝަން ހިމެނޭގޮތުން، ފުލުހުންގެ މުވައްސަސާއާއި އަދި އެނޫނަސް ކަމާއި ގުޅުންހުރި މުވައްސަސާއެއްވާނަމަ އެމުވައްސަސާއެއް ބައިވެރި ކޮށްގެން، ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ. އެހެންކަމުން، ކުރީ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބެލިފައި ނެތްކަމަށްބުނެ، ހަމައެކަނި އޭސީސީގެ މެންބަރުން ޒިންމާދާރުކުރުވުމަށް، އެމެމްބަރުން މަގާމުން ވަކިކުރުމަށް ނިންމުމަކީ އެންމެ އިންސާފުވެރިގޮތް ކަމުގައި ދެންނެވޭ އެއްވެސް ހަމައެއް، އުސޫލެއް ފެންނާން އޮތް ކަމުގައި ބެލެވޭކަށް ނެތެވެ.
ދެން އޮތީ، އޭސީސީއަށް ބަދަލު ގެނައުމަށް މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ދެއްކި ދެވަ ހުއްޖަތެވެ.
އެ ހުއްޖަތަކީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެއްދެވި "އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާމެދު އަމަލުކުރަމުންދާ ގޮތުގެ ޕަރފޯމަންސް އޮޑިޓް ރިޕޯޓް" ގައި ފާހަގަކޮށްފައިވާ ކަންކަން ކަމެވެ. މި ކަންކަމުގެ ތެރޭގައި މައިގަޑު ގޮތެއްގައި ހިމެނެނީ، ނުވަތަ މި ރިޕޯޓު މައިގަޑު ގޮތެއްގައި ބިނާވެފައިއޮތީ، 1 ޖަނަވަރީ 2015 އިން 31 ޖުލައި 2020 ގެ ނިޔަލަށް އޭސީސީން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށެވެ. މާނައަކީ، އޮޑިޓް އޮފީހުން ހަދާފައިވާ މިއޮޑިޓްގެ ބޮޑު ބައި ބިނާވެފައި އޮތީ، 17 ނޮވެމްބަރު 2018ގައި މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އަދި އޭގެ ފަހުންވސް، ކުރީގެ އޭސީސީން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށެވެ. ސަބަބަކީ، އޭސީސީގައި މިހާރު ތިއްބެވި މެންބަރުންނަކީ 9 ސެޕްޓެމްބަރ 2019 ގައި އެ މަގާމަށް އައްޔަންކޮށްފައިވާ ފަރާތްތަކެއް ކަމަށް ވާތީއެވެ.
މިގޮތުން ބަލާއިރު، 1 ޖަނަވަރީ 2015 އިން 9 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް، އިސްތިއުފާ ދެއްވި މެމްބަރުން މެމްބަރުކަމަށް އައްޔަން ކުރެވުމާއި ހަމައަށް، ކޮމިޝަނުން ހިންގާފައިވާ ތަހުގީގުތަކުގައި އަމަލުކޮށްފައިވާ ގޮތުގެ ޒިންމާ އެމެންބަރުން ނަންގަވަން ޖެހޭނެ ގޮތެއް، އަދި މި ތުހުމަތު މިމެމްބަރުގެ ބޮލުގައި އަޅުވަންޖެހުނު ސަބަބެއް މިނިވަން މުވައްސަސާތަކުގެ ކޮމިޓީންވެސް އަދި ސުޕަރ މެޖޯރިޓީގެ މެމްބަރުންވެސް ހާމަ ކޮށްފައެއް ނުވެއެވެ. އެހެންކަމުން ސާފުވާން އޮތް ހަގީގަތަކީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެއްދެވި "އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާމެދު އަމަލުކުރަމުންދާ ގޮތުގެ ޕަރފޯމަންސް އޮޑިޓް ރިޕޯޓް" ގައި ފާހަގަކޮށްފައިވާ ކަންކަމުގެ ޒިންމާ އިސްތިއުފާ ދެއްވި މެމްބަރުން އުފުއްލަވަން ޖެހޭނަމަ، އެ ޒިންމާގެ ތެރެއިން މި މެމްބަރުންގެ "ބޮލަށް ކަނޑާލެވެން އޮތީ" 9 ސެޕްޓެމްބަރު 2019އިން 31 ޖުލައި 2020 އާއި ދެމެދު ކޮށްފައިވާ މަސައްކަތްތަކުގެ ޒިންމާތައް އެކަނި ކަމެވެ.
އެހެންނަމަވެސް، އޭސީސީއަށް ބަދަލު ގެނައުމަށް މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ނިންމެވި ނިންމެވުމުގައި މިއިން އެއްވެސް ކަމަކަށް މި ބީދައިން ރިއާޔަތް ކޮށްފައި އޮތްތަނެއް ފެންނާކަށް ނެތެވެ.
އޯވަރ ނައިޓަކުން ކޮމިޝަން ތަކަށް ބަދަލު ގެނައުމާ ކުރިން ދެކޮޅު! މިހާރު ރަގަޅު!
އޭސީސީފަދަ މުހިންމު މުވައްސަސާއަކަށް ބޮޑު ބަދަލެއް ގެނެވޭއިރު، މިއީ ރަގަޅަށް ދިރާސާ ކުރެވިގެން އިންސާފުވެރިކަމާއެކު ގެނެވޭ ބަދަލަކަށްވެސް ވާންޖެހެއެވެ. ހަގީގީ މައްސަލައާމެދު އެކަށީގެންވާ ދިރާސާއެއް ހެދެން ޖެހެއެވެ. އިންސާފުން ކަން ހިގަން ޖެހެއެވެ. ރައީސް ޔާމިންގެ ސަރުކާރުގައި "އޯވަރ ނައިޓަކުން" ކޮމިޝަންތައް ބަދަލުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ހަރު އަޑުން އެވާހަކަ ދެއްކެވި ބޭފުޅުން، އެއުސޫލުން ކޮމިޝަންތަކަށް ބަދަލު ގެނެސްނެގެން ނުވާނެއެވެ.

އެހެންނަމަވެސް، އެންމެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އިސްތިއުފާދެއްވި 3 މެންބަރުން ޖަވާބުދާރީވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލިޔުން ފޮނުއްވާފައިވަނީ 26 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 10:00 ހާއިރުއެވެ. އެލިޔުންތައް އެކޮމިޓީގެ މެންބަރުންނާއި ހިއްސާ ކުރައްވާފައިވަނީ އެދުވަހުގެ 13:36 ގައެވެ. އަދި ޙިއްސާކުރުމަށްފަހު، ހަމަ އެދުވަހު 16:30 ގައި ކޮމިޓީގެ ބައްދަލުވުން ބާއްވާފައި ވެއެވެ. މިއީ މިމައްސަލަ ދިރާސާ ކުރުމަށް ޚުދު ކޮމިޓީގެ މެމްބަރުންނަށް ދީފައިވާ ވަގުތުތަކާއި އޭގެ ޓައިމްލައިންއެވެ. މި ޓައިމްލައިނަށް ބަލާލުމުން، ކޮމިޓީ މަރުހަލާގައި މައްސަލަ ކުރިޔަށް ގެންގޮސްފައިވާ ގޮތާއި، ކޮމިޓީން މިމައްސަލަ ދިރާސާ ކޮށްފައިވާ ގޮތުގެ ވަރަށްވެސް ރަގަޅު ތަސައްވުރެއް ފެންނާން އޮތްކަމުގައި ދަންނަވަން ޖެހެއެވެ.
އަދި އޭގެ އިތުރަށް މިމަސައްކަތް މަޖިލިހުން ކުރިޔަށް ގެންގޮސްފައިވަނީ، މަޖިލިސް ރިސެސްގައި ވަނިކޮށް ކަންވެސް ފާހަގަ ކޮށްލާންޖެހެއެވެ. އެހެންނަކަމުން ދައުރުން ބޭރު ޖަލްސާއެއް ބާއްވާއިގެން، "އޯވަރ ނައިޓަކުން" މުޅި ކޮމިޝަނަށް ބަދަލު ގެނައުމަށް ސުޕަރ މެޖޯރިޓީން ކުރަން ފެށި މަސައްކަތަތަކުގެ ހަގީގާ ނަތީޖާއަކީ ކޮމިޝަން ގާނޫނީ ހުސްކަމަށް ދާންޖެހުން ކަމުގައި މެނުވީ ބެލެވެން އެބައޮތޮތޯއެވެ؟ ޤާނޫނުއަސާސީން އުފައްދާފައިވާ މިފަދަ މުހިންމު މުއައްސަސާއެއްގެ މަސައްކަތްތައް ހުއްޓި، އެކޮމިޝަން ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ދިއުމަކީ އެންމެ ޒިންމާދާރު ގޮތްތޯވެސް މިއީވެސް ކޮށްލުން އެންމެ ރަގަޅު ސުވާލެކެވެ. އެހެންނަމަވެސް މަޖިލިސް ސުޕަރ މެޖޯރިޓީން ބޭނުންވާ ގޮތަކަށް ކަންކޮށް ނިންމަމުން ދަނީއެވެ. އިންސާފުގެ ވާހަކަ އެމަޖިލިހުގައި ދައްކާނެ މެމްބަރަކު ނެތެވެ.
އެހެންނަމަވެސް، އޭސީސީފަދަ ދައުލަތުގެ މުހިމްމު މިނިވަން މުއައްސަސާއަކަށް މިބީދައިން ބަދަލު ގެނައުމަކީ، ހަގީގަތުގައިވެސް ޒިންމާދާރު ގޮތެއްކަމުގައި ދެންނެވޭކަށް ނެތެވެ. އަދި ޒިންމާ އަދާނުކުރެވެނީ ކޮން ސަބަބުތަކަކާ ގުޅިގެންކަން ރަގަޅަށް ދިޔާސާނުކޮށް، ކަށަވަރި ނުކޮށް، ކޮމިޝަންތަކުން ނިންމާ ވަކިވަކި މައްސަލަތަކަށް ވަކިވަކި މެމްބަރުންނާއި މަޖިލިސް ރައީސް ފާޑު ވިދާޅުވެ، "އޯވަރ ނައިޓަކުން" މެމްބަރުން ބަދަލުކޮށް، ސުޕަރ މެޖޯރިޓީން ބޭނުންވާ މެމްބަރުން ކޮމިޝަނަށް އަދި އައްޔަން ކުރެވުނެއްކަމަކު، މި ބީދައިން ގެނެވޭ ބަދަލަކުން ނަތީޖާ ރަގަޅުވެގެން ހިގައިދާނެ ކަމުގައި ގަބޫކުރަން ވަރަށްވެސް ދައްޗެވެ.
ކައްޗަށް އެޅިއްޖެ ބިންގަލެއް ކެޗާއިހަމައަށް ދިޔަޔަސް ހުންނާނީ ހަމަ ކައްޗަށް ކަމުގައި ވާތީއެވެ.
ކޮމެންޓު ފޮނުވާ