ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއްކަމަށް ބުނެ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޟީ ހުސައިން ފާއިޒު ރަޝާދުގެ އަޑު ދިމާނުވާތީ ސަސްޕެންޝަން އުވައިލައިފިއެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއެއް ފުލުހުންގެ ފޮރެންސިކް ޑިޕާރޓްމަންޓުން ހަދައި، އެ އޯޑިއޯތަކުގައި ވާ އަޑުތަކުގެ ތެރެއިން އެއް އޯޑިއޯ ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވިކަމަށް ކުރިން ކަނޑައެޅިކަމަށެވެ. މިކަމާއި ގުޅިގެން ނޮވެމްބަރު 5 އިން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް ޤާޟީ ފާއިޒް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، އެންގިކަމަށް ޖޭއެސްސީން ބުންޏެވެ.
ނަމަވެސް ޤާޟީ ޙުސައިން ފާއިޒް ރަޝާދު މަސައްކަތުން ސަސްޕެންޑުކޮށްފައިވަނިކޮށް، މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑީޕާޓްމަންޓްއިން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް ކޭސް ރިޕޯޓެއް ފުލުހުން އެ ކޮމިޝަނާ ވަނީ ޙިއްސާކޮށްފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ. އެ ރިޕޯޓުގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން އެ އޯޑިއޯ ގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާނުވާކަމަށް ބަޔާންކޮށްފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.
އެހެންކަމުން ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދުގެ ސަސްޕެންޝަން އުވާލާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
އޯޑިއޯތަކުގެ މައްސަލާގައި މީގެ ކުރިން ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ އާދަމް އާއި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަމަށް ކަނޑައަޅާފައެވެ.
One Response
މުރުތައްދު ދޮގު. ދެން އަންނަ ހުކުމަށް ތާއީދު ކުރާގޮތަށް މަޤާމު ރީބްރޭންޑް ކުރީ